ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން އާއި ހަޔަރ އެޑިއުކޭޝަން ދާއިރާގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މި ދަތި ޙާލަތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތަކާއި ކިޔަވާކުދިންގެ ކަންކަން ބެލެހެއްޓުމުގައި ކަންކަން އިންތިޒާމުކުރެވިގެން ކުރިޔަށްދާގޮތުގެ މަޢުލޫމާތު ހޯއްދަވާފައެވެ. އެގޮތުން މި ޙާލަތުގައި ކޮލެޖްތަކުގެ ކިޔެވުމުގެ ކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާގޮތާއި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކަންތައްތައް ބަލަހައްޓަވަމުންދާ ގޮތްތަކާއި އެދަރިވަރުންނަށް މި ހާލަތުގައި ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާ އަދި ރާއްވަވާފައިވާ އުސޫލްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ މިދަނޑިވަޅުގައި ރާއްޖޭން ބޭރުގެ ބައެއް މުވައްޒަފުންގެ ޚިދުމަތް ނުލިބިދާ ގޮތެއްވެސް މެދުވެރިވެދާނެކަމަށް ބަލައި އެ ހުސްކަން ފޫބެއްދުމަށް އެފަދަ ވަޒީފާތަކަށް ރާއްޖޭގެ ތިބި ކުދިން ތައްޔާރުކުރުމަށް ރޭވިފައިވާ އިންތިޒާމުތަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަންއާއި ހަޔަރ އެޑިއުކޭޝަން ދާއިރާގެ އިސްވެރިން ވަނީ ކޮވިޑް-19ގެ ޙާލަތަށްފަހު ހަޔަރ އެޑިއުކޭޝަންގެ ދާއިރާގެ ކަންކަން ކުރިޔަށްގެންދާނެ ގޮތުގެ ޕްލޭންތަކާ ބެހޭގޮތުން ވެސް މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އެގޮތުން މިދާއިރާގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި އެންމެ އިސްކަމެއް ދެވިގެންދާނީ މީހުން ބިނާކުރުމަށް ނުވަތަ ތައްޔާރުކުރުމަށް ޚާއްޞަ އިސްކަމެއްދީގެން ކުރެވިގެންދާނެ މުހިންމު ޕްރޮގްރާމެއްގެ މަސައްކަތްތައްކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ހަމަ އެއާއެކު މިނިސްޓަރ ވަނީ މިހާރު ރާއްޖޭން ބޭރުގައި ޕްރައިވެޓްކޮށް އަދި ސަރުކާރުގެ ސްކޮލަރޝިޕްގައި ކިޔަވަމުންދާ ކުދިންނަށް ދިމާވެދާނެ ފައިސާގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޙާލަތުގައި މަސައްކަތްކުރާއިރު ހަޔަރ އެޑިއުކޭޝަން ދާއިރާގެ ހުރިހާ ފަރާތްތަކުންވެސް އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކޮށް ދިމާވާ މައްސަލަތައް ހައްލުކޮށްގެން ކަންކަން ކުރިޔަށްގެންދިއުމަށާއި ޞިއްޙީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ކަންކަން ބައްޓަންކުރައްވައިގެން ކުރިޔަށް ގެންދިއުމަށް ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
ޚަބަރު: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް