މުޞީބާތެއް ޖެހުމުން އެއާ ކުރިމަތިލުމުގައި އިންސާނުންގެ އަމަލުތައް އާއްމުކޮށް ހުންނަ ގޮތް އިސްވެދިޔަ މަޒުމޫނުގައި ބަޔާންކުރެވިއްޖެއެވެ. ދެން މި ބަލައިލަނީ ދުނިޔޭގައި ކުރިމަތިވާ މުޞީބާތްތަކާ ކުރިމަތިލުމުގައި މުއުމިނުންގެ ސުލޫކު ހުންނަންވީ ގޮތަށެވެެ.
ޙައްޤު ގޮތުގައި މާތް ﷲއަށް އީމާންވާ މުއުމިނަކަށް މުޞީބާތެއް ކުރިމަތިވުމުން އޭނާގެ އެންމެ ފުރަތަމަ ރައްދަކަށް ވާނީ އެއީ މާތް ﷲ އިރާދަކުރައްވައި، މިންވަރުކުރައްވައިގެން ކުރިމަތިވި މުޞީބާތެއްކަން ޤަބޫލުކުރުމެވެ. އުޙުދު ހަނގުރާމައިގެ ދުވަހު ރަސޫލުﷲ صلى الله عليه وسلم އެންގެވިގޮތާ ޚިލާފުވުމުން މުއުމިނުންނަށް ކުރިމަތިވި ބޮޑު މުޞީބާތުގެ ވާހަކަ ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވަނީ މިފަދައިންނެވެ. ﴿وَمَآ أَصَـٰبَكُمْ يَوْمَ ٱلْتَقَى ٱلْجَمْعَانِ فَبِإِذْنِ ٱللَّهِ وَلِيَعْلَمَ ٱلْمُؤْمِنِينَ﴾ ((أُحد ހަނގުރާމައިގައި) ދެ لشكر ބައްދަލުވި ދުވަހު، ތިޔަބައިމީހުންނަށް ޖެހުނުކަންތައް (ދަންނާށެވެ!) ފަހެ، އެއީ اللَّه ގެ إذن ފުޅާ ލައިގެން ޖެހުނުކަމެކެވެ. އަދި، (ތެދުވެރި) مؤمن ން ދެނެވޮޑިގެންވެ، އެކަން ހާމަކުރެއްވުމަށްޓަކައެވެ.) (އާލުޢިމްރާން: 166)
އަޅުތަކުންގެ އީމާންކަން ފުރިހަމަވަނީ މުޞީބާތުގެ ވަގުތު ޤާޟާޤަދަރަށް އީމާންވުމުން ކަން ކީރިތި ރަސޫލު ވަނީ ބަޔާންކުރައްވާފައެވެ. عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: "لاَ يُؤْمِنُ عَبْدٌ حَتَّى يُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ حَتَّى يَعْلَمَ أَنَّ مَا أَصَابَهُ لَمْ يَكُنْ لِيُخْطِئَهُ وَأَنَّ مَا أَخْطَأَهُ لَمْ يَكُنْ لِيُصِيبَهُ ". (ޖާބިރު ބިން ޢަބްދުﷲގެ އަރިހުން ރިވާވެެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘުކުރެއްވިއެވެ. "ޤަަދަރަށް، އޭގެ ހެވާއި ނުބަޔާއެކު، އީމާން ނުވާހިނދަކު، އަދި އޭނާއަށް ދިމާވި ކަމެއް އޭނާއަށް ދިމާނުވެ ނުދާނެކަމަށާ، އޭނާއަށް ދިމާުނުވި ކަމެއް، އޭނާއަށް ދިމާވާން ނެތް ކަމަށް އީމާން ނުވާހާ ހިނދަކު އަޅާ (ފުރިހަމައަށް) އީމާންވާ ކަމުގަައި ނުވެއެވެ." (ޖާމިޢުއް ތިރްމިޛީ، ޖ: 32، ޙަދީޘު: 2294)
މުޞީބާތުގެ ވަގުތު އެއީ މާތް ﷲ މިންވަރުކުރެއްވި ކަމެއް ކަން ޤަބޫލުކޮށް އެކަލާނގެ ޤަޟާޤަދަށް އީމާންމުން ފުރިހަމަ ކުރިން ގަބޫލުުކުރަން ޖެހޭ ކަންތައްތައްތަކެއް ވެއެވެ.
ފުރަތަމަ ކަމަކީ: މާތް ﷲގެ ދެނެވޮޑުގަތުން ކައުނުގައި ވާހައި ތަކެއްޗާއި ކަންކަމަށް ތަަނަވަސްވެގެންވާކަން ގަބޫލުކުރުމެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿لِتَعْلَمُوٓا۟ أَنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَىْءٍ عِلْمًۢا﴾ (ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެކަމާއި، ހަމަކަށަވަރުން، اللَّه ގެ علم ފުޅު، ހުރިހާ އެއްޗެއްގެ ވަށައިގެންވާކަން ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ.) (އަލްޠަލާޤު: 12)
ދެވަނަ ކަމަކީ: މާތް ﷲގެ އިރާދަފުޅާ މިންވަރުުފުޅާ ލައިގެން މެނުވީ އެއްވެސް ކަމެއް ނުހިނގާނެކަން ހިތުގެ އަޑިން ގަބޫލުކުުރުމެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَإِذَآ أَرَادَ ٱللَّهُ بِقَوْمٍ سُوٓءًا فَلَا مَرَدَّ لَهُۥ ۚ وَمَا لَهُم مِّن دُونِهِۦ مِن وَالٍ﴾ (ހަމަކަށަވަރުން، اللَّه، ބަޔަކުމީހުންނަށް ނުބައިކަމަކަށް އިރާދަކުރައްވައިފި ހިނދަކު، އެކަން ދުރުކުރާނޭ އެއްވެސް ބާރެއް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި، އެއުރެންނަށް އެހީތެރިވާނޭ ފަރާތެއް ނުމެވޭމެއެވެ.) (އައްރަޢުދު: 11)
ތިންވަނަ ކަމަކީ: އަހަރުމެންނަށް އެނގުނަސް އަދި ނޭނގުނަސް، ފުރިހަމަ ޙިކުމަތަކާ ލައިގެން މެނުވީ މާތް ﷲ މިކައުނުގައި އެއްވެސް ކަމެއް ނުހިންގަވާކަން ޤަބޫލުކުރުމެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿وَمَا خَلَقْنَا ٱلسَّمَآءَ وَٱلْأَرْضَ وَمَا بَيْنَهُمَا لَـٰعِبِينَ﴾ (ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެ ދެމެދުގައި ވާހާތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެވެ.) (އަލްއަންބިޔާއު: 16)
ހަތަރުވަނަ ކަމަކީ: ދުނިޔޭގައި ކަން ހިނގާގޮތް ބަަދަލުވަމުން ދާނެކަމާއި، އެއްވެސް ކަމެއް އެއް ގޮތަކަށް ދެމިނުއޮންނާނެކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ. މާތް ﷲ ވަޙީކުރައްވާފައި ވަނީ މިފަދައިންނެެވެ. ﴿وَتِلْكَ ٱلْأَيَّامُ نُدَاوِلُهَا بَيْنَ ٱلنَّاسِ﴾ (އެއީ، ދުވަސްތަކެކެވެ. ތިމަންރަސްކަލާނގެ އެދުވަސްތައް މީސްތަކުންގެ މެދުގައި އެކިގޮތްގޮތަށް ބަދަލުކުރައްވަމެވެ.) (އާލުޢިމްރާން: 140)
މިދެންނެެވި ކަންކަން ޤަބޫލުކޮށްެގެން ހުރެ މުޞީބާތާ ކުރިމަތިލުމަކީ ޤަޟާޤަދަރަށް އީމާންވާ މުއުމިނުންގެ ގޮތެވެ.
فَاصْبِرْ صَبْراً جَمِيلاً