(30 ސެޕްޓެމްބަރ 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ)
ފަރުބަދަތަކާ ނިވާވެ އޮއްސެން އެދާ އިރަށް ބަލަހައްޓައިގެން ރާބިޔާ އިނެވެ. ނުޢުމާނަށް އެތަނަށް އާދެވުމާއެކީ ، ސިއްސައިގެންގޮސް ، ރާބިޔާއަށް އޭނާގެ ބޭބެއާ ދިމާލަށް ބަލައި ލެވުނެވެ. އަދި ލޮލުން ފާއްދާލާފައިހުރި ކަރުނަތައް ފުހެލިއެވެ. ހުރިހާކަމެއްވެސް ރަނގަޅުވާނެ ކަމަށާއި ، ހިތަށް ދަތިކޮށް ހިތަށް ތަދު ނުކުރުމަށް ނުޢުމާން އެދުނެވެ.
މީހަކާ ދެވާފައި އޭނާ އެގެއިން ފޮނުވައި އެލަނީ ، ޖާވިދުގެ ކިބައިން ރާބިޔާ ސަލާމަތްކޮށް ، ރައްކާތެރިކަން ހޯދައިދިނުމަށްކަން ރާބިޔާއަށް އެނގެއެވެ. އޭނާ ދިއުމަށްފަހު ، ކެފޭ ހިންގާނީ ކާކު ހެއްޔެވެ ؟ ބޮޑުބޭބެއާއި ތޮއްޔިބަށް ވާނީ ކިހިނެއް ހެއްޔެވެ ؟ ޖާވީދު އައިސް ކެފޭގައި ރޯކޮށްލައި ގެ އަންދާލައި ބޭބެއާއި ތޮއްޔިބު މަރައިލަންވެސް ފަހަކަށް ނުދާނެއެވެ.
މުދައްސިރަށް ޝަރުތުކުރަން ރާބިޔާ ބޭނުންވީ ، ކައިވެނީގެ ފަހުން ބޭބެއާއި ތޮއްޔިބު ދިރިއުޅޭނީ އޭނާއާ އެކީގައި ކަމުގައެވެ. ބޭބެއާއި ކޮއްކޮއަށް ކޮންމެ ކޮންމެ ގޮތެއްވާން ދޫކޮށްލާކަށް ރާބިޔާ ބޭނުމެއް ނޫނެވެ. އެކަމަކު ، އެކަން ޝަރުތުކުރަން ބޭބެ ބޭނުމެއް ނުވިއެވެ. ރާބިޔާ ބޭނުންވާނެ ޝަރުތަކަށް ވާނީ އެއީކަމުގައި ނުޢުމާނަށް ކުރިންވެސް ހީވިއެވެ. ރާބިޔާ ހުއްޓުވީ އެ ސަބަބަށްޓަކައެވެ. އެވަރުގެ ތަކުލީފެއް މުދައްސިރުގެ ބޮލުގައި އަޅުވާކަށް ނުޢުމާން ބޭނުމެއް ނޫނެވެ.
ބޮޑުބޭބެގެ އެދުމަށް ރާބިޔާ އެހުރީ ކައިވެނި ކުރަން ތައްޔާރަށެވެ. އެކަމަކު ، ބޭބެއާއި ކޮއްކޮ އެތަނަށް ދޫކޮށްލާފައި ނުދާން ކުރިންވެސް ރާބިޔާ ހުރީ ނިންމައިގެންނެވެ. ކައިވެނީގެ ޝަރުތަކަށް ނުވިޔަސް ، ކައިވެންޏަށްފަހު އެއީ ، އޭނާގެ އެދުމަކަށް ވާނެއެވެ. އަދި އެކަން ފުއްދައިދޭން މުދައްސިރަށް މަޖުބޫރު ވާނެއެވެ.
ނުޢުމާން ވިސްނައިގެންހުރީ ، ރާބިޔާގެ ކައިވެންޏަށްފަހު ، ޖާވިދު އަންނަންވާއިރަށް ، ތޮއްޔިބު ގޮވައިގެން އެމީހުންގެ ސަހަރަށް ، ކަޝްމީރަށް ދާށެވެ. އޭރަކަށް އެމީހުން ވީތަނެއް ޖާވީދަކަށް ނޭނގޭނެއެވެ. މުދައްސިރާ ކައިވެނިކޮށްގެން ރާބިޔާ ދާނީ އިސްލާމްއާބާދަށެވެ. ތޮއްޔިބާއި ނުޢުމާން ދާނީ ކަޝްމީރަށެވެ. މުދައްސިރަށް ޗުއްޓީއެއް ލިބުނީމަ ރާބިޔާމެން ކަޝްމީރަށް ޖައްސައިލާނީއެވެ. އެއީ ، އެމީހުންނަށް ލިބޭނެ އެންމެ ހިތްފަސޭހަ ދިރިއުޅުމެވެ. އޮއްސެން ދިޔަ އިރު ، ފަރުބަދަތަކާ އެޅި ނިވާވެގެން އިރު އެދިޔައީ ، އެމީހުންގެ ވާހަކަތަކަށް ހެކިވަމުންނެވެ.
****************************
ބީބީޖާނާ ބައްދަލު ކުރުމަށް ޖާވީދު އައި ދުވަހެކެވެ. ޖާވީދު ސަލާމް ގޮވައިލީމަ ބީބީޖާން އޭނާގެ ސަލާމް ބަލައެއް ނުގަތެވެ. ޖާވީދު އެއައީ މުހިންމު ވާހަކައެއް ދައްކަން ކަމުގައި ޖާވީދު ބުންޏެވެ. އެހެން ނޫންނަމަ ، އެގެޔަކަށް އޭނާއެއް ނުއަންނާނެއެވެ. ޖާވީދަކީ ބީބީޖާންގެ ދަރިއެއްކަމަކަށް އޭނާ ބަލައެއް ނުގަނެއެވެ. އަދި ، ޖާވީދުވެސް އެއީ އޭނާގެ މަންމަ ކަމަކަށް ބަލައެއް ނުގަނެއެވެ. އެހެނަސް ، ދުނިޔޭގެ ނަޒަރުގައި އެއީ ދޮންދަރިޔަކާއި ދޮންމަންމަ އެކެވެ.
ބީބީޖާން އެއީ އޭނާގެ މަންމަކަމަށް ވަންޏާ އޭނާ ބުނަން ބޭނުންވާ ވާހަކައެއް އެބަ އޮތްކަމަށް ޖާވީދު ބުންޏެވެ. އޭނާއަށް އަންހެންކުއްޖަކު ދެކެ ލޯބި ވެވުނީއެވެ. އެ ކުއްޖާޔާ ކައިވެނިކުރަން ޖާވީދު ބޭނުންވީއެވެ. އެ ކައިވެނީގެ ކަންކަމުގައި އިސްކޮށް ހުންނަން އޭނާ ބޭނުންވަނީ ބީބީޖާން ކަމުގައި ޖާވީދު ބުންޏެވެ.
" އަހަރެމެންގެ ޤަބީލާގެ ދެމީހުން ، ޖާވީދު މިއަދު ތިހުރީ މަރައިލާފައެވެ. މީހުން މެރުމަކީ އަހަރެމެން ދުވަހަކުވެސް ކުރިކަމެއްނޫނެވެ. އަހަރެންގެ ކުރިމައްޗަށް އައިސް ހުއްޓިހުރެ ، ކައިވެނީގެ ވާހަކަ ދައްކާކަށް ލަދެއް ނުގަނޭ ހެއްޔެވެ ؟ ތިބާގެ ބޭބެއާ އެއްގޮތަށް ޖާވީދުވެސް އެއްވެސް ލަދެއް ޙަޔާތެއް ރަޙުމެއްނެތް ގުންޑާއަކަށް ބަދަލު ވެއްޖައިމުއެވެ. " ބީބީޖާޏް ބުންޏެވެ.
އޭނާ ހަމައެކަނި އެދެމީހުންގެ ގައިގައި ތަޅައިގަތީކަމަށާއި އެދެމީހުން ނުމަރާކަމުގައި ޖާވިދު ބުންޏެވެ. ގުލްރޭޒާއި ދިލްނަވާޒް އޭނާ މަރައެއް ނުލައެވެ. ލިބުނު އަނިޔާއަށް ފަރުވާއެއް ނުލިބި އޮއްވައި އެމީހުން މަރުވުމަކީ ، އޭނާ ޒިންމާވާނެ ކަމެއްނޫނެވެ. އެމީހުންނަށް ވަގުތުން ފަރުވާދިންނަމަ ، އެމީހުންގެ ފުރާނައެއް ނުގެއްލޭނެއެވެ. އެއީ އޭނާ ކުރާނެ ކަމެއް އޮތްކަމެއްނޫނެވެ. އެކަމަކު ، އޭނާގެ ފިސްތޯލަޔަށް ލައްވާފައިހުރި ހުރިހާ އުންޑައެއް އެމީހުންގެ ގަޔަށް ޖަހައި ހުސްކޮށްލާނަމޭ އޭނާގެ ހިތަށް އެރިކަމަށް ޖާވީދު ބުންޏެވެ. އެކަމަކު ، އޭނާ އެކަމެއް ނުކުރެއެވެ. ދަނޑުބިމުގައި އަދިވެސް އެދެމީހުންގެ ފުރާނަނެތް މަސްގަނޑު އެބަ އޮތްކަމަށާއި ގޮސް ބަލައިލަން ބީބީޖާން ބުންޏެވެ. އެވަގުތު ، ޤަބީލާގެ ދަރުބާރަށް ޖާވިދު ޙާޟިރުވުމަށް ޝޭރުދިލް އެންގިކަމުގެ އަމުރު ހިފައިގެން މީހަކު އައެވެ. އެއާއެކު ، ޖާވީދު އެތަނުން ނުކުމެގެން ދިޔައެވެ.
************************
ޤަބީލާގެ ދަރުބާރުގައި ޝޭރުދިލް ، އޭނާގެ ރަސްމީ މަޤާމުގައި އިށީނދެއިނެވެ. ނިޔާވިމީހުންގެ ތިމާގެމީހުން އެ ދަރުބާރަށް އެއްވެ ތިއްބެވެ. އެބައިމީހުންނަށް އިންސާފު ހޯދައިދޭނެކަމަށް ޝޭރުދިލް އައީ ވަޢުދުވަމުންނެވެ. އެ އިންސާފަކީ އޭނާގެ ބައްޕަ ، ޚާންސާހަބުވެސް ޤަބީލާގެ މީހުންނަށް ހޯދައިދިން އިންސާފެވެ.
ޖާވީދު ، އެ ދަރުބާރަށް ޙާޟިރުވުމާއެކީ ، ޖާވީދު އެހުރީ ވަރަށްބޮޑު ޖަރީމާއެއް ހިންގާފައި ކަމަށް ޝޭރުދިލް ބުންޏެވެ. ޖާވީދު މަރާލާފައިވަނީ އެ ޤަބީލާއަށް ނިސްބަތްވާ ދެމީހެކެވެ. ޖާވީދުގެ ބައްޕަޔަކީ ، ޝޭރުދިލްގެ ކުރިން އެ ޤަބިލާގެ ވެރިމީހާއެވެ. އޭނާ އެއްވެސް މީހަކު ނުމަރާކަމުގައި ބުނެ އެކަމަށް ޖާވީދު ދެކޮޅު ހެދިއެވެ. ހަމަ އެއާއެކީ ، ދިލްނަވާޒު މަރުވީ ، ގުލްރޭޒު ޖެހިބަޑީގެ ވަޒަން އަރައިގެންކަމަށްވެސް ޖާވީދު ބުންޏެވެ. ބަޑިޖެހީ އޭނާއެއް ނޫނެވެ. ޖާވީދު ދިޔައީ ، ހިސާބު ހަމަޖައްސާށެވެ. އެހެންމީހަކު ޖެހިބަޑިޔަކުން މީހަކު މަރުވިޔަސް ، އޭނާ ކުރާނީ ކީއްހެއްޔެވެ ؟
ޖާވީދު ހަދަމުން ގެންދިޔަ ދޮގުތަކަށް ކެތް ނުކުރެވިގެންގޮސް ، ޝޭރުދިލްގާތަށް ރުޅިއައެވެ. އަދި ، ޖާވީދު އެހަދަނީ ކަނޑައެޅިގެން ދޮގުކަމަށް ބުނެ ޖާވީދާ ދިމާލަށް ޝޭރުދިލް ހަޅޭއްލަވައިގަތެވެ.
" ތި ހަދަނީ ކަނޑައެޅިގެން ބުހުތާން ދޮގެވެ. އަހަރެމެންގެ ޢާއިލާގެ އަބުރާއި ޢިއްޒަތް ، ޖާވީދު ތިހުރީ ވެއްޔާ މޮޑެލައިފައެވެ. އަހަރެންގެ މަންމަ ، ބީބީޖާންގެ ބަސް އަހަންޖެހިފައި ނެތްނަމަ ، ﷲ ގަންދީ ބުނަމެވެ. ތިހުރިތަނަށް ، ޖާވީދު ޤަތުލުކޮށް ވައްޓައިލާނަމެވެ. މިއީ އަހަރެންގެ ޤަބީލާގެ އިޙްތިޞާޞްގެ ތެރޭގައިވާ ސަރަޙައްދެކެވެ. މި ސަރަޙައްދުގައި ކަން ހިނގާނީ ޢަދުލު އިންސާފަށް ޙައްޤުގެ މަގަށެވެ. ނިކަމެތި ފަޤީރުންނާއި މުއްސަނދިންނަށް އެއްހަމައެއްގައެވެ. މިއީ ޖާވީދުގެ ބޮޑުބޭބެގެ ސަރަޙައްދެއް ނޫނެވެ. " ޝެރުދިލް އައިސް ޖާވީދުގެ މޭގައި އިނގިލި އަޅައި އޮއްބާލަމުން ބުންޏެވެ.
އޭނާގެ ބޮޑުބޭބެޔާ ބެހޭގޮތުން އަދަބުވެރިނޫންގޮތްގޮތަށް ވާހަކަ ނުދެއްކުމަށް ބުނެ ޖާވީދު އިންޒާރު ދިނެވެ. އެއާއެކީ ޝޭރުދިލްގެ އެއް ކޮއްކޮ ތެދުވެ ، އަދަބުވެރިކަމާއެކީ ވާހަކަ ދެއްކުމަށާއި ، ޖާވީދު އެ ވާހަކަ ދައްކަނީ ، އެމީހުންގެ ޤަބީލާގެ ވެރިމީހާޔާ ކަމުގައި ބުންޏެވެ.
ޤަބީލާގެ އިސްމީހުން އެތަނަށް އެއްވެ ތިއްބެވެ. އޭގެ ތެރެއިން ކަމުވޮށިވެގެންވާ އެންމެންވެސް ، ޖާވީދު އެހުރީ ޖަރީމާއެއް ހިންގައި ، އެ ޤަބީލާއަށް ނިސްބަތްވާ ދެ އަޚުން ޤަތުލުކޮށްފައިކަމަށް ބުނެ ، ޖާވީދާ ދިމާލަށް އަޑުގަދަ ކުރަމުން ގެންދިޔައެވެ. މި ޤަބީލާގެ އެއްވެސް މީހަކު ، އެކެއްގެ ލޭ އަނެކަކު ނުއޮހޮރުވާކަމަށް ޙިޖާޒީވެސް ބުންޏެވެ. ޙިޖާޒީއަކީވެސް ޖާވީދާ އެއްބަފާ ކުއްޖެކެވެ.
ޙިޖާޒީވެސް އެމީހުންނާ ބައިވެރިވެ ޖާވީދާ ދެކޮޅަށް ބަސް ބުނަނީތޯ ޖާވީދު ސުއާލު ކުރިއެވެ. އެމީހުންގެ މަރާ ، އޭނާއާ އެއްވެސް ވަރަކަށް ގުޅުމެއް ނެތްކަމަށްވެސް ޖާވީދު ބުންޏެވެ. ޙިޖާޒީ ، ޖާވީދުގެ ބަސް ނާހަން މޫނު އަނބުރައިލުމާއެކީ ޖާވީދު ގާތަށް ރުޅިއައެވެ.
" މަރުގެ ބަދަލުގައި ޢަދްލުވެރި ނިޔާއަކީ މަރުކަން ޖާވީދަށްވެސް އެނގޭނެއެވެ. ނިޔާވިމީހުންގެ ވާރުތަވެރިން މަޢާފުކޮށްފިއްޔާ ނޫނީ ޖާވީދަށް މަރުގެ ޙުކުމުން ސަލާމަތެއް ނުވެވޭނެއެވެ. އަދި އެމީހުން ޖާވީދަށް މަޢާފު ކޮށްފިނަމަ ، މަރުގެދިޔަ އަހަރެން ދޭނަމެވެ. " ޝޭރުދިލް ބުންޏެވެ.
ނިޔާވިމީހުންގެ ވާރުތަވެރިން ގެނެސް ، ޖާވީދަށް ދޭންވީ މަރުގެ އަދަބުތޯ ނޫނީ މަޢާފުތޯ ، ޝޭރުދިލް ސުއާލު ކުރިއެވެ. ނިޔާވި ދެމީހުންގެ މަރުގެ ބަދަލުގައި ޖާވީދު މަރައިލިޔަސް ، ނިޔާވިމީހުން އަނބުރާ ދުނިޔެއަށް ނުއަންނާނެކަމަށް އެމީހުން ބުންޏެވެ. ޚާންސާހަބާއި ޢާއިލާއިން ، އެމީހުންނާއި އެ ޤަބީލާއަށް ވެފައިވާ ޤުރްބާނީއާއި ކޮށްދީފައިވާ ޚިދުމަތަށްޓަކައި ، ޚާންސާހަބުގެ ދަރިޔަކު މެރުމަކީ އެމީހުން އެދޭ ކަމެއް ނޫންކަމަށާއި ، އެމީހުން ޖާވީދަށް މަޢާފު ކޮށްދީފިކަމަށް ބުންޏެވެ.
އެތާތިބި އެންމެންގެ ކިބައިން މަޢާފަށް އެދުމަށް ޖާވީދަށް ، ޝޭރުދިލް އެންގިއެވެ. އެހެނަސް ، އެއީ ޖާވީދު މައާފަށް އެދެންޖެހޭވަރުގެ ބަޔެއްނޫންކަމަށް ބުނެ މަލާމާތް ކޮށް ހެމުންހެމުން ، ޖާވީދު އެކަމަށް އިންކާރު ކުރިއެވެ. އެމީހުންނަކީ ، ޢުމުރުދުވަހަށް ޖާވީދުމެންނަށް ނޯކިރީ ކުރަމުން އައިބައެއްކަމަށާއި އެފަދަ ބައެއްގެ ފަރާތުން މަޢާފަށް އެދުމަކީ ، އޭނާފަދަ ޤަދަރުވެރިޔަކު ކުރާނެކަމެއްތޯ ޖާވީދު ސުއާލު ކުރިއެވެ. އޭނާގެ ބޯ އެމީހުންގެ ކުރިމަތީގައި އިސްޖަހާނެގޮތެއް ނުއޮންނާނެކަމަށް ބުންޏެވެ. އެއީ ދުވަހަކުވެސް އޭނާ ކުރާނެކަމެއްނޫނެވެ.
އެމީހުންގެ ކިބައިން މަޢާފަށް އެދުމަށް ޝޭރުދިލް ، ޖާވީދަށް އަމުރު ކުރަމުން ގެންދިޔައެވެ. އަދި ، ޖާވީދު އެކަމަށް އިންކާރު ކުރަމުން ގެންދިޔައެވެ. ޝޭރުދިލް ޖާވީދާ ގާތަށް ޖެހިލިއެވެ. އަދި ، އޭނާގެ އަތުގައި ހުރިބާރެއްލާފައި ޖާވީދުގެ މޫނުމަތީ ޖެހިއެވެ. ޖާވީދުގާތަށް އައި ރުޅީގައި ހަޅޭއްލަވައިގެންފައި ޝޭރުދިލްއާ ދިމާލަށް ފުންމައި ގަތެވެ. އެހެނަސް ، އެތާތިބި ، ޝޭރުދިލްގެ ހަށިފާރަވެރިން އެދެމެދަށް ވަދެ ޖާވީދު ހުއްޓުވިއެވެ.
" ކުރީ ދުވަހު އަހަރެންގެ މޫނުމައްޗަށް ފެން އެތިޖެހީމައި އެއްބަފާ މީހަކަށްވާތީ މަޢާފު ކޮށްގެން ހުރީމެވެ. އެހެނަސް ، މިއަދު އަހަރެންގެ މޫނުމަތީ ތި އަޅުވައިލި އެތިފަހަރު މަޢާފެއް ނުކުރާނަމެވެ. ޤަބީލާގެ އިސްމީހުންގެ ކުރިމަތީ އަހަރެން ތިކޮށްލި ފަޟީޙަތް ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަމެވެ. މިހާރު ތިޔައީ އަހަރެންގެ ދޮންމަންމަގެ ދަރިއެއްކަމަށް ބާލާނެ ފުރުޞަތުވެސް ޝޭރުދިލް ތި ނަގައިލީއެވެ. ތިއީ ، މިހާރު އަހަރެންގެ ދުޝްމަނެކެވެ. " ޖާވީދު ބުންޏެވެ.
ޖާވީދު އެ ދަރުބާރުން ނުކުމެގެން ދިޔައީ ، ޝޭރުދިލްއާ ދިމާލަށް އެއްޗެތި ގޮވައި ހަޅޭއްލަވަމުންނެވެ. އޭނާގެ ހިތަށް ، ޝޭރުދިލްގެ މައްޗަށް މީގެފަހުން އެއްވެސް ރަޙުމެއް ނުއޮންނާކަމަށް ޖާވީދު ބުނަމުން ގެންދިޔައެވެ.
ދަރުބާރު ނިންމައިލުމަށްފަހު ، ޝޭރުދިލް އޭނާގެ މަންމަޔާ ބައްދަލުކޮށް ކަންހިނގައިދިޔަގޮތް ކިޔައިދިނެވެ. މަންމަޔާ ބައްދަލު ކުރުމަށް ޝޭރުދިލް ދިޔައީ ޖާވީދު މަރައިލި ދެމީހުންގެ މަރުގެ ދިޔަ އެދެމީހުންގެ ޢާއިލާއަށް ރައްދުވެސް ކޮށްފައެވެ. މަންމަ އެވަރަށް އޭނާގާތު ބުނެފައި ނެތްނަމަ ، އޭނާ މިއަދު ޖާވީދު މަރައިލީހެވެ.
ޖާވީދުލައްވާ ހުރިހާ ޖަރީމާއެއް ހިންގުވަނީ ، ޖާވީދުގެ ބޮޑުބޭބެ ޒަފްރާންޚާންކަން ބީބީޖީ ޖާނަށް އެނގެއެވެ. ޖާވީދުގެ ހިތުގައި ބީބީޖާން އާއި އޭނާގެ ކުދިންގެ މައްޗަށް ނަފުރަތު އުފެއްދުމަށް ނަޞޭޙަތްދީ ، ޖާވީދު ހަލާކު ކުރަމުން އެގެންދަނީ ޒަފްރާން ޚާނެވެ. ޒަފްރާންޚާނަކީ ، ބީބީޖާންގެ ފިރިކަލުން ޚާންސާހަބާވެސް އަބަދުވެސް އިދިކޮޅު މީހެކެވެ. ދަނޑު ބިމުގެ މައްސަލައިގައި އަބަދުވެސް ، އެ ދެޢާއިލާގެ މެދުގައި އޮންނަނީ މަސްއަލަ ޖެހިފައެވެ. ޒަފްރާންޚާންގެ ކުރިން ، ރުސްތަމްޚާން އެ ޤަބީލާގެ ވެރިޔަކަށް ހުރިއިރު ، ހުރިހާކަމެއްވެސް ރަނގަޅެވެ. ދެ ޢާއިލާއާއި ދެ ޤަބީލާގެ މަޞްލަޙަތު ދެމިއޮތެވެ. އެއްވެސްކަހަލަ ދެކޮޅުވެރިކަމެއް ނޯވެއެވެ. ޒަފްރާންޚާނަށް އެ ޤަބީލާގެ ސަރުދާރުކަން ލިބުމާއެކީ ، މައްސަލަތައް ޖެހެންފަށައިފިއެވެ.
މިހިސާބުން ، ޝޭރުދިލްގެ ކެތްތެރިކަން ކޮޅުންލައިފިކަމަށް އޭނާ ބުންޏެވެ. މިހުރިހާ ދުވަހުވެސް އޭނާ މަޑުން އެހުންނަނީ މަންމަޔަށް ޓަކައެވެ. ޝޭރުދިލް އަށް ފެންނަ އެންމެ ރަނގަޅު ގޮތަކަށް ޖާވީދާމެދު ޢަމަލުކުރުމުގެ އިޒުނަ ބީބީޖާން ދިނެވެ. ޖާވީދުގެ ކަންތައް މިހާރު އެދަނީ މާމައްޗަށެވެ. އޭނާގެ ކަންތައް ހަމަޔަކަށް އެޅުވޭނީ ހަމައެކަނި ޝޭރުދިލް އަށެވެ. އެއީ ޤަބީލާގެވެސް އަދި ޢާއިލާގެވެސް އެންމެ އިސްމީހާ ކަމަށް ވާތީއެވެ.
**********************
ޙިޖާޒީއާއި އަވީއާ ދެކުދިން ، ޢާންމުކޮށް ބައްދަލުކުރާ އުޞޫލުން ގޭގެ އެއްފަރާތުގައިހުރި ގޮނޑިއެއްގައި ވާހަކަ ދައްކައިލަން ތިއްބެވެ. އަވީވެސް އިނީ އެ ހިނގައިދިޔަ ކަންކަމުގެ ވާހަކަ އިވިފައި ވަރަށް ހާސްވެފައެވެ. އެއަށްވުރެ ބޮޑަށް ޙިޖާޒީގެ ހާސްކަން ބޮޑެވެ. އެ ހުރިހާ ކަމެއް ހިނގީ އޭނާގެ ކުރިމަތީގައެވެ. ދެކޮޅުވެރިކަމާއި ޤަތުލުޢާންމާއި ތަޅައިފޮޅުމާ އަދި ޢާއިލީ އަރައިރުމަކީ ، ޙިޖާޒީ ތަޖުރިބާ ކޮށްފައިވާ ކަންކަމެއްނޫނެވެ. އޭނާ ވަރަށް ކުޑައިރު ، ބައްޕަ ދުނިޔޭގައި ހުއްޓައި ކިޔަވަން ބޯޑިންގއަކަށް ފޮނުވުނެވެ. އޭގެ ފަހުން ބޯޑިން ނިމުމުން ، ފަސްޓް ޑިގްރީ ހަދަން ފޮނުވުނީ އިސްލާމްއާބާދަށެވެ.
އެދެމީހުންގެ ވާހަކައިގެ މިސްރާބު އެކިގޮތަށް ބަދަލުވަމުންގޮސް ، އެތަނުން ވަރަށް ދުރަށްދާން ބޭނުނވާކަމުގައި ޙިޖާޒީ ބުންޏެވެ. މާސްޓަރސް ހެދުމަށްޓަކައި ޙިޖާޒީ އިރުކޮޅަކުން އެމެރިކާއަށް ފުރާނެއެވެ. އަވީވެސް ޙިޖާޒީއާއެކީ ނޫނަސް އެމެރިކާއަށް ދާނެއެވެ. އެއްގޮތަކީ ، މާސްޓަރސް ނިންމައި ކައިވެނިކޮށްގެން ދެމީހުން އެކުގައި ފިލައި ޕާކިސްތާނަށް އެނބުރި ނައުމެވެ. ރަށުގެ ރަށްފުށުގެ ޤަބީލާ ދިރިއުޅުމަކީ ޙިޖާޒީއާ ގުޅޭވެސް ކަމެއްނޫނެވެ. އެއީ ބޯދާ މުސްލުޅި ނިޒާމެކެވެ. އަވީވެސް އަދި ޙިޖާޒީވެސް ބޭނުންވަނީ ، މިނިވަންކަމާއެކީ ދިރިއުޅެވޭ ލޯބިލޯބި މާޙައުލެކެވެ. ހަމައެކަނި އެދެމީހުންނެވެ. އެހެން އެއްވެސް މީހަކު އެމީހުންނާ އެކީގައެއް ނޫޅޭނެއެވެ. އެއީ އެ ދެމީހުންވެސް އެންމެ ބޭނުންވާ ގޮތްކަމަށް ދެމީހުން އެކީގައި ނިންމިއެވެ. ( ނުނިމޭ )
