ޢަރަބި ބަހުގައި ވަކީލުކުރުމަކީ އަނެކާއަށް އިތުބާރުކޮށް އޭނާއާއި ތިމާގެ ކަންކަން ހަވާލުކުރުމެވެ. ދީނީ ނަޒަރަކުން ބަލާއިރު ވަކީލުކުރުމަކީ މާތް ﷲއަކީ ތިމާގެ ހުރިހާ ކަމެއް ބަލަހައްޓަވައި ހިންގަވާ އިލާހުކަން ހިތުގެ އަޑިން ގަބޫލުކޮށް، ތިމާގެ ހުރިހާ ކަމެއް އެކަލާނގެއާ ޙަވާލުކުރުމެވެ. މިއީ އަޅުކަމެކެވެ. މިފަދައިން ވަކީލުކުރާ މުއުމިނަކަށް މާތް ﷲ ފުދިވޮޑިގެން ވެއެވެ. އޭނާ އެެެހެން މީހެއްގެ އެހީތެރިކަމަށް ބޭނުން ނުވާނެއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ ۚ إِنَّ ٱللَّهَ بَـٰلِغُ أَمْرِهِۦ ۚ قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍ قَدْرًا﴾ (އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ.) (އައްޠަލާޤު: 3)
މިފަދައިން ﷲއަށް ވަކީލުކުރާ މީހާ މުޞީބާތުގެ ވަގުތުގައި ވެސް އޭނާގެ ހުރިހާ ކަމެއް ﷲއަށް ވަކީލުކުރާނެއެވެ. އަަދި އޭނާއަށް ދިމާވާ ކޮންމެ ކަމަކީ މާތް ﷲ ކަނޑައަޅުއްވައިގެން ދިމާވާ ކަމެއްކަން ހިތުގެ އަޑިން ގަބޫލުކުރާނެއެވެ. އަދި އޭނާގެ ކަންކަން މާތް ނިންމަވާނީ އެންމެ ރަނގަޅުގޮތަށްކަން ޝައްކަކާއި ނުލައި ޔަގީންކުރާނެއެވެ. އަންނަނިވި އާޔަތުގައި މާތް ﷲ އަންގަވާފައި ވާަފަދައިންނެވެ. ﴿قُل لَّن يُصِيبَنَآ إِلَّا مَا كَتَبَ ٱللَّهُ لَنَا هُوَ مَوْلَىٰنَا ۚ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ﴾ (ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އަޅަމެންނަށް ލިޔުއްވާފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، مؤمن ން ހަމައެކަނި، اللَّه އަށް وكيل ކުރާހުށިކަމެވެ!) (އައްތައުބާ" 51)
މާތް ﷲއަށް ވަކީލުކުރަންވާ ގޮތަށް އެކަލާނގެއަށް ވަކީލުކުރުމުގެ ނަތީޖާ ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘުން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ. عَنْ أَبِي تَمِيمٍ الْجَيْشَانِيِّ، قَالَ سَمِعْتُ عُمَرَ، يَقُولُ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ " لَوْ أَنَّكُمْ تَوَكَّلْتُمْ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرَزَقَكُمْ كَمَا يَرْزُقُ الطَّيْرَ تَغْدُو خِمَاصًا وَتَرُوحُ بِطَانًا". (އަބޫތަމީމު އަލްޖައިޝާނީގެ އަރިހުން ރިވާވެގެން ވެއެވެ. ޢުމަރުގެފާނު ވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ. ރަސޫﷲ صلى الله عليه وسلم ޙަދީޘުކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. "ﷲއަށް ވަކީލުކުރުން ޙައްޤުގޮތުގައި ތިޔަބައިމީހުން އެކަލާނގެއަށް ވަކީލުކޮށްފިނަމަ، ދޫންޏަށް ރިޒުޤުދެއްވާ ފަދައިން އެކަލާނގެ ތިޔަބައިމީހުންނަށް ރިޒުޤުދެއްވާނެއެވެ. އެ ސޮރުމެން ހެނދުނު (އުދުހިގެން) ދަނީ ހުސް ބަނޑާއެވެ. އަދި ހަވީރު (އެސޮރުމެން ނިދާތަނަށް) އެނބުރި އަންނަނީ ބަނޑުފުރަައިގެންނެވެ.) (ޖާމިޢުއް ތިރްމިޛީ، ޖ: 37، ޙަދީޘު: 4303)
ނަބީބޭކަލުންނަށް ދިމާވި މުޞީބާތްތަކުގައި އެބޭކަލުން މާތް ﷲއަށް ވަކީލުކުރެއްވުމުން މާތްﷲ ވަނީ އެބޭކަލުންގެ ކިބައިިން އެ މުޞީބާތް ފިއްލަވައި ދެއްވާފައިކަން ކީރިތިި ޤުރްއާނުގައި އައިސްފައިވާ ނަބީބޭކަލުންގެ ވާހަކަތަކުން އެނގެއެވެ. ނޫޙުގެފާނަށް އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ފަރާތުން ކުރިމަތިވި ބަސްނޭހުމާއި، ގޮތްދޫނުކުުރުމަށް ފަހު އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވީ މިފަދައިންނެވެ. ﴿يَـٰقَوْمِ إِن كَانَ كَبُرَ عَلَيْكُم مَّقَامِى وَتَذْكِيرِى بِـَٔايَـٰتِ ٱللَّهِ فَعَلَى ٱللَّهِ تَوَكَّلْتُ﴾ (އޭ ތިމަންކަލޭގެފާނުގެ قوم ގެމީހުންނޭވެ! ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރޭގައި ހުންނެވުމާއި، اللَّه ގެ آية ތަކުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ހަނދާންކޮށް ދެއްވުން، ތިޔަބައިމީހުންގެ މައްޗަށް ބޮޑުކަމަކަށް ވެއްޖެނަމަ، ފަހެ، ތިމަންކަލޭގެފާނު، اللَّه އަށް وكيل ކުރައްވައިފީމެވެ. (ޔޫނުސް: 71) މާތް ﷲ އެކަލާގެފާނުގެ ވަކީލުކުރެއްވުގެ ނަތީޖާ އެކަލޭގެފާނަށް ދެއްކެވި ގޮތް އަންނަނިވި އާޔަތުން އެނގިގެން ދެއެވެ. ﴿فَكَذَّبُوهُ فَنَجَّيْنَـٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ وَجَعَلْنَـٰهُمْ خَلَـٰٓئِفَ وَأَغْرَقْنَا ٱلَّذِينَ كَذَّبُوا۟ بِـَٔايَـٰتِنَا ۖ ﴾ (ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި ނާކޮޅުގައިވާ އެންމެން ސަލާމަތް ކުރެއްވީމެވެ. އަދި އޭގެފަހުން (ބިމުގައި) އުޅޭނެ ބަޔަކު ކަމުގައި އެއުރެން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آية ތައް ދޮގުކުރިމީހުން غرق ކުރެއްވީމެވެ.) (ޔޫނުސް: 73)
މާތް ﷲ އަންގަވާފައިވާ ގޮތަށް އެކަލާނގެއަށް ވަކީލުކުރެވޭނީ ހިތާއި، ގުނަވަންތަކުންނެވެ. ހިތުން ކުރަންޖެހޭ ކަމަކީ މާތް ﷲއީ ތިމާގެ ހުރިހާކަމެއް އެންމެ ރަނގަޅުގޮތުގައި ނިންމަވާ ރަސްކަލާނގެކަން ހިތުގެ އަޑިން ގަބޫލުކުރުމެވެ. ގުނަވަންތަކުން ކުރަންޖެހޭ ކަމަކީ ދިމާވި މުޞީބާތުން އަރައިގަތުމަށް ކުރަންޖެހޭ މަސަައްކަތްކުރުމެވެ. ވަކީލުކުރުމަކީ މާތް ﷲއަށް ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރާލައިގެން ހުރުމެއް ނޫނެވެ.
ޖަމަލެއްގައި ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އައިމީހަކު، އެ ޖަމަލާމެދު ކަންކުރަންވީ ގޮތް އެކަލޭގެފާނުގެ އަރިހުން އެހުމުން އެކަލޭގެފާނު ދެއްވި ޖަވާބު މާތް ﷲ ރުއްސުންލެއްވި އަނަސުގެފާނު ރިވާކުރައްވާފައިވާ އަންނަނިވި ޙަދީޘުން އެނގެއެވެ. قَالَ رَجُلٌ يَا رَسُولَ اللَّهِ أَعْقِلُهَا وَأَتَوَكَّلُ أَوْ أُطْلِقُهَا وَأَتَوَكَّلُ قَالَ " اعْقِلْهَا وَتَوَكَّلْ " (މީހަކު ދެންނެވިއެވެ. އަހުރެން އޭތި (އެ ޖަމަލު) ބަނދެފައި ވަކީލުކުރަން ވީތޯއެވެ. ނުވަަތަ އަހުރެން އޭތީ ދޫކޮށްފައި ބާއްވާފައި ވަކީލުކުރަންވީތޯއެވެ. އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. "އޭތި ބަނދެފައި ވަކީލުކުރާށެވެ." (ޖާމިޢުއް ތިރްމިދީ، ޖ:37، ޙަދީޘު: 2707)
حَسْبِيَ اللَّهُ لَا إِلَـٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ
Sufficient for me is Allah; there is no deity except Him. On Him I have relied, and He is the lord of the Great Throne. (Quran, 9:129)