ފަސްވަނަ ކަމަކީ ފާފަފުއްސެވުމެެވެ. ފާފަފުއްސެވުމުގެ މަޤްޞަދުގައި ފޮނުއްވާ މުޞީބާތަކީ މާތް ﷲ އެކަލާނގެ މުއުމިން އަޅުތަކުންނަށް ޚާއްސަކުރައްވައިގެން ފޮނުއްވާ މުޞީބާތެެެވެ. އެއީ އެބައިމީހުންނަށް ކުރެވިފައިވާ ނުބައި ޢަމަލުތަކުން ރުޖޫޢަވެ ތައުބާވެ، އެބައިމީހުންެގެ ޢަމަލުތަކުގެ ފަތް ނުބައި ޢަމަލުތަކުން ސާފުވުމުގެ ފުރުޞަތު ދެއްވުމަށެވެ. މިގޮތުން އެކަލާނގެ އެބައިމީހުންގެ މައްޗަށް ފޮނުއްވާ މުޞީބާތްތަކަށް ކެތްކޮށް އެ ކެތްތެރިކަމުގެ ދަރުމަ އެކަލާނގެ ޙަޟްރަތުން ލިބޭނެކަމަށް އެމީހުންގެ ހިތުގެ އަޑިން ޤަބޫލުކުރުމުން، މާތް ﷲ އެބައިމީހުންގެ ދަަރަޖަ އުފުއްލަވައި، އެބައިމީހުންނަށް ރަޙްމަތް ލައްވަވައެވެ.
މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ ۗ وَبَشِّرِ ٱلصَّـٰبِرِينَ * ٱلَّذِينَ إِذَآ أَصَـٰبَتْهُم مُّصِيبَةٌ قَالُوٓا۟ إِنَّا لِلَّهِ وَإِنَّآ إِلَيْهِ رَٰجِعُونَ * أُو۟لَـٰٓئِكَ عَلَيْهِمْ صَلَوَٰتٌ مِّن رَّبِّهِمْ وَرَحْمَةٌ ۖ وَأُو۟لَـٰٓئِكَ هُمُ ٱلْمُهْتَدُونَ﴾ (ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! * އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. * އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން مغفرة އާއި رحمة އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ. (އަލްބަޤަރާ: 155-157)
ހަވަނަ ކަމަކީ މުޞީބާތަކީ ފޮރުވިފައިވާ ނިޢުމަތަކަށް ވުމެވެ. ބައެއް ހާލަތްތަކުގައި މުއުމިނުންގެ މައްޗަށް އަންނަ މުޞީބާތަކީ ފެންނަ ފެނުމަށް މުޞީބާތެއް ކަމުގައި ވިޔަސް، އެއީ، އޭގައި ފޮރުވިފައިވާ ނިޢުމަތް އެކުލެވިިގެންވާ އެެއްޗަކަށް ވެދެއެވެ. މީގެ މިސާލަކީ ކަހުފު ސޫރަތުގައި އައިސްފައިވާ ޚިޟްރުގެ ފާނާއި މޫސާގެފާނު ވާހަކައެވެ. އެވާހަކައިގައި ނަވުގައި ބާގަނޑެއް ހެއްދެވުމާއި، ފިރިހެން ކުއްުޖަކު ޤަތުލުުކުރެއްވުން އެއީ ބޭރުފުށުން މުޞީބާތެއް ކަމުގައި ފެނުނަސް، އޭގައި ނިޢުމަތް ފޮރުވިގެންވާ ކަންކަމެވެ.
މުއުމިނުންގެ މައްޗަށް ޖިހާދު ފަރުޟުކުރެއްވުމަކީވެސް މިފަދަ ކަމެއް ކަމުގައި ބެލެވިދާނެއެވެ. މީސްތަކުން ޤަތުލުވުމާއި، މުދަލާއި ގެދޮރު ހަލާކުވުމުން ފަަދަ ކަންކަން ހިމެނޭ ކަމަކަށް ވާތީ ހަނގުރާމަ ބެލެވިފައި އޮތީ މީސްތަކުންގެ މައްޗަށް އަންނަ މުޞީބާތެއްގެ ގޮތުގައެވެ. އެެހެނަސް، ޖިހާދު ފަރުޟުކުރެއްވުން ބާޔާންކުރައްވަމުން މާތް ﷲ އަންގަވާފައި ވަނީ އެކަލާނގެ މަގުގައި ހަނގުރާމަކުރުން (ޖިހާދުކުރުން) އެއީ މުއުމިނުންގެ މައްޗަށް ނިޢުމަތެއް ކަމުގައެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿كُتِبَ عَلَيْكُمُ ٱلْقِتَالُ وَهُوَ كُرْهٌ لَّكُمْ ۖ وَعَسَىٰٓ أَن تَكْرَهُوا۟ شَيْـًٔا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰٓ أَن تُحِبُّوا۟ شَيْـًٔا وَهُوَ شَرٌّ لَّكُمْ ۗ وَٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُون﴾ (ހަނގުރާމަކުރުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. އެއީ، (އެކަމަކީ) ތިޔަބައިމީހުންނަށް ނުރުހެވޭ ކަމެއް ކަމުގައި ވަނިކޮށެވެ. އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.) (އަލްބަޤަރާ: 216)
މުޞީބާތްތައް ފޮނުއްވާ ސަަބަބުތަކާއި، މަޤްޞަދުތައް ބަޔާންކުރުމަށް ފަހު، ފާހަގަކޮށްލަން ޖެހޭކަމެއްވެއެވެ. އެއީ، ގައުމެއްެގެ މައްޗަށް އާއްމުކޮށް މާތް ﷲ ފޮނުއްވާ، ގެދޮރާއި، ދަނޑު ފަނގު ސުންނާފަތިވުމާއި، އަސްކަރީގޮތުން ބަލުވުމާއި، މަލިމަޑުކަމެއް އައިސް ގިނަ ބަޔަކު މަރުވުން ފަދަ މުޞީބާތްތަކަކީ، އެބައިމީހުންގެ އަމަލުތައް ނުބައިވުމުގެ ސަބަބުން، އެބައިމީހުންނަށް ދެއްވާ އަދަބެއްގެ ގޮތުގައި ފޮނުއްވާ މުޞީބާތް ކަމެވެ. އިސްވެ ބާޔާންކުރެވިފައިވާ އާޔަތެއްގައި މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿وَمَآ أَصَـٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ﴾ (ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ.) (އައްޝޫރާ: 30)
ވަރަށް ކިޔާހިތްވާ ބާވަތުގެ ލިޔުން ކޮޅެއް