ތިންވަނަ ކަމަކީ އަޅުތަކުންގެ އަމަލުތައް ރަނގަޅުނޫންކަމާއި، އެމީހުން އިސްލާހުވެ، ތައުބާވާން ޖެހިއްޖެކަން އެބައިމީހުންނަށް އިހުސާސުކޮށްދެއްވުމެވެ. މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ޖައްސަވާ މުސީބާތްތަކާއި، ކަރީސާތަކާއި، ވަބާތަކަކީ އެބައިމީހުން ފާފަކުރުމުތެރެއަަށް ޣަަރަޤުވުމުން، އެބައިމީހުންގެ މައްޗަށް މުޞީތެއް ފޮނުއްވައިފިނަމަ، އެކަލާނގެ މަަގަށް ރުޖޫޢަވެ ތައުބާވާނެކަން އެކަލާނގެ ދެނެވޮޑިގަންނަވާތީ، އެކަމަށް އެބައިމީހުންނަށް މަގުުފަހިކޮށްދެއްވުމަށް އެކަލާނގެ ފޮނުއްވާ މުޞީބާތެވެ. މަޤްޞަދަކީ އެބައިމީހުންނަށް ކުޑަ ޢުޤޫބާތެއް ދެއްވައި، އާޚިރަތުގެ ބޮޑު ޢުޤޫބާތުން ނުވަތަ ޣަޛާބުން އެބައިމީހުން ސަލާމަތް ކުރެއްވުމެވެ.
މިކަން ބަޔާންްކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ﴾ (އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެންމެބޮޑު عذاب (އެބަހީ: ނަރަކައިގެ عذاب) ފިޔަވައި ލުއި عذاب ން (އެބަހީ: ދުނިޔެމަތީގެ عذاب ން) އެއުރެންނަށް ރަހަ ދައްކަވާހުށީމެވެ. (އެއީ) އެއުރެން (إيمان ކަމަށް) رجوع ވުމަށްޓަކައެވެ.) (އައްސަޖްދާ: 21)
މިފަދަ މުޞީބާތްތައް މާތް ﷲ ފޮނުއްވަނީ މުޞީބާތް ޖެހުމުން، އަމިއްލަ ނަފުސު އިޞްލާޙުކޮށް، ތައުބާވާނެކަން އެކަލާނގެ ދެނެވޮޑިގަންނަވާ އަޅުންެެގެ މައްޗަށެވެ.
ހަތަރުވަނަ ކަމަކީ ހަލާކުކޮށްލައްވައި ނެތިކޮށްލެއްވުމަށް މުޞީބާތް ފޮނުއްވުމެވެ. އެހެނީފާފަކުރުުމާއި، އުރެދުމުގައި ހައްދު ފަހަނަަައަޅައި ގޮސް، އެއްވެސް ހާލެއްގައި ހެޔޮކަމުގެ މަގަށް ރުޖޫޢަނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވާ މީހުންނަށް، އެކަމުގައި އިތުރަށް ކުރިއަށް ދިއުމަށް އެކލާނގެ މުހުލަތު ދެއްވައެވެ. ދެން، ކުއްލިއަކަށް އެބައިމީހުން ހިއްޕަވައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿فَلَوْلَآ إِذْ جَآءَهُم بَأْسُنَا تَضَرَّعُوا۟ وَلَـٰكِن قَسَتْ قُلُوبُهُمْ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ مَا كَانُوا۟ يَعْمَلُونَ * فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦ فَتَحْنَا عَلَيْهِمْ أَبْوَٰبَ كُلِّ شَىْءٍ حَتَّىٰٓ إِذَا فَرِحُوا۟ بِمَآ أُوتُوٓا۟ أَخَذْنَـٰهُم بَغْتَةً فَإِذَا هُم مُّبْلِسُونَ﴾ (ފަހެ، ތިމަންރަސްކަލާނގެ عذاب އެއުރެންނާ ހަމަޔަށް އައިހިނދުވެސް، އެއުރެން ކިޔަމަންވެ މަޑުމޮޅިނުވީ ކީއްވެގެންބާވައެވެ؟ އެހެނެއްކަމަކު އެއުރެންގެ ހިތްތައް ހަރުކަށިވެފައިވެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް އެއުރެންނަށް شيطان އާ ޒީނަތްތެރިކޮށް ދެއްކިއެވެ. * ދެން އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތައް، އެއުރެން ހަނދާންނައްތައިފި ހިނދު (امتحان އެއްގެ ގޮތުން) ހުރިހާކަމެއްގެ ދޮރުތައް ތިމަންރަސްކަލާނގެ އެއުރެންނަށް ހުޅުއްވައިދެއްވީމެވެ. (އެބަހީ: ހުރިހާ ގޮތަކުން ތަނަވަސްކަމާއި ތިޔާގިކަން ދެއްވީމެވެ.) ދެން އެއުރެންނަށް ދެއްވި ކަންތަކާމެދު އެއުރެން އުފަލުގައި ތިއްބާ ކުއްލިއަކަށް ތިމަންރަސްކަލާނގެ އެއުރެން ހިއްޕެވީމެވެ. އެހިނދު اميد ކެނޑިފައިތިބި ބަޔަކު ކަމުގައި އެއުރެންވިއެވެ. (އަލްއަންޢާމް: 43، 44)
އީމާންކަމުގެ މަގަށް ހިދާޔަތު ލިބި އިޞްލާޙުވުމުގެ ވިސްނުން އިންސާނާގެ ކިބައިން ނެތިދާ މިންވަރަށް އޭނާގެ އުރެދުން ބޮޑުވުމުން، ހެޔޮކަމުގެ މަގަށް ގޮވައިލާ މީހެއްގެ އަޑު އެހުމަށް އޭނާ ނުކުޅެދޭ ހިސާބަށް ދެއެވެ. މިފަދަ މީހުން ބާޠިލުގެ މަގުގައި ކުރިއަށް ގޮސްފައިވާ މިންވަރުން، ހެޔޮކަމުގެ މަގަށް އެނބުރި ދިއުމުގެ ފުރުސަތު މުޅިން ގެއްލިދެއެވެ. މިފަދައިން ފޮނުއްވި މުޞީބާތެއްގެ އެއް މިސާލަކީ ސަބައު މިސާލެވެެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿لَقَدْ كَانَ لِسَبَإٍ فِى مَسْكَنِهِمْ ءَايَةٌ ۖ جَنَّتَانِ عَن يَمِينٍ وَشِمَالٍ ۖ كُلُوا۟ مِن رِّزْقِ رَبِّكُمْ وَٱشْكُرُوا۟ لَهُۥ ۚ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ * فَأَعْرَضُوا۟ فَأَرْسَلْنَا عَلَيْهِمْ سَيْلَ ٱلْعَرِمِ وَبَدَّلْنَـٰهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَىْ أُكُلٍ خَمْطٍ وَأَثْلٍ وَشَىْءٍ مِّن سِدْرٍ قَلِيلٍ * ذَٰلِكَ جَزَيْنَـٰهُم بِمَا كَفَرُوا۟ ۖ وَهَلْ نُجَـٰزِىٓ إِلَّا ٱلْكَفُورَ﴾ (ހަމަކަށަވަރުން، سبإ ގެ أهل ވެރިން އުޅުނުތާނގައި، އެއުރެންނަށް ކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެއްވިއެވެ. (އެއީ) ދެ ބަގީޗާއެކެވެ. (އެރަށުގެ) ކަނާތްފަރާތުންނާއި، ވާތްފަރާތުންނެވެ. (އަންގަވާފަދައެވެ.) ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ދެއްވި رزق ން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް شكر ވެރިވާށެވެ! (ތިޔަބައިމީހުންގެ ރަށަކީ) ރަނގަޅު، މޮޅު ރަށެކެވެ. އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ. * ދެން އެއުރެން (އެކަލާނގެ نعمة އަށް) ފުރަގަސްދިނޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ފައިބައިގެން އަންނަ ބޮޑުވެގެންވާ ފެންގަނޑު (އެބަހީ: سيل العرِم) ފޮނުއްވީމެވެ. އަދި އެއުރެންގެ ދެ ބަގީޗާގެ ބަދަލުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ އެހެން ދެ ބަގީޗާ ދެއްވީމެވެ. ކާންނުކެރޭފަދަ ހިތި މޭވާގެ ގަސްތަކަކާއި، މޭވާއެއްނެތް ކަށިގަސްތަކަކާއި، އެތަންމިތާނގައި ވަރަށްމަދު ކުންނާރު ގަސްތަކެއްހުރި ދެ ބަގީޗާއެވެ. * އެ ޖަޒާ އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވީ، އެއުރެން كافر ވުމުގެ ސަބަބުންނެވެ. كافر ވާ މީހުންނަށް މެނުވީ، ތިމަންރަސްކަލާނގެ އެފަދަ ޖަޒާ ދެއްވަމުހެއްޔެވެ؟ (ސަބައު: 15-17)