ކޮވިޑް- 19: އެމެރިކާގައި ފުރަތަމަ ފަހަރަށް އަޑުގަދަކުރާއިން ބަންގީގެ އަޑު ދުރަށް ފޮނުވަން ފަށަައިފި

ސެޑާ-ރިވަރސައިޑް އަވަށުގެ ދާރުލް ހިޖްރާ މިސްކިތް

އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ މިނިއޭޕޮލިސްގެ މިސްކިތަކުން ބުރާސްފަތިދުވަހުގެ މަޣުރިބު ވަގުތުން ފެށިގެން އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގީގެ އަޑު ދުރަށް ފޮނުވަން ފަށައިފިއެވެ. މިއީ އެމެރިިކާގެ އެއްވެސް ރަށެއްގައި މިގޮތަށް ބަންގީގެ އަޑު ދުރަށް ފޮނުވާ ފުރަތަމަ ފަހަރެވެ.

މިއަދު (ހުކުރު ދުވަހުގެ) ފަތިސް ނަމާމުގެ ބަންގީގެ އަޑުވެސް އަޑުގަަދަކުރާއިން ފޮނުވާފައި ވާއިރު، މި ރަމަޟާން މަހު ފަސް ވަގުތުގެެ ބަންގީގެ އަޑު އެ މިސްކިތުން މި ގޮތަށް ފޮނުވާނެއެވެ.

އެމެރިކާގެ މިސްކިތްތަކާއި، އިސްލާމީ މަރުކަޒުތަކުގައި ފަސް ވަގުތު ބަންގި ގޮވި ނަމަވެސް، ބަންގީގެ އަޑު އިވެނީ މިސްކިތުގެ ނުވަތަ މަރުކަޒުގެ އެތެރެއަށެވެ.

މުސްލިމުންެގެ ކުޑަ އާބާދީއެއް އޮންނަ އެމެރިކާގައި، މި އަހަރުގެ ފުރަތަމަ ރޯދަ ހިފާފައި ވަނީ ބުރާސްފަތި ދުވަހުއެވެ. އެމެރިކާގެ މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ކޮންެމެ ރަމަޟާން މަހަކުވެސް ރޯދަ ވީއްލަނީ މިސްކިތްތަކުގައެވެ. ނުވަތަ އިސްލާމީ މަރުކަޒުތަކުގައެވެ. އެހެންނަމަވެސް، ކޮވިޑް- 19 ގެ ލޮކްޑައުންގެ ސަބަބުން މުސްލިމުންނަށް އެތަންތަނަށް ރޯދަ ވީއްލަން މިފަހަރު ދެވޭ ގޮތެއް ނެތެވެ.

މިނިއޭޕޮލިސްގެ މޭޔަރު ޖެކޮބް ފްރޭ ވިދާޅުވީ، އެސިޓިގެ މުސްލިމް އާބާދީއާއެކު ކުރެވުން މަޝްވަރާތަކަށް ފަހު، ސެޑާ-ރިވަރސައިޑް އަވަށުގެ ދާރުލް ހިޖްރާ މިސްކިތުން ފަސް ވަގުތުގެ ބަންގި އަޑުގަދަކުރާއިން ފޮނުވާނެ ކަމުގައެވެ.

"ވަރަށް ބޮަޑު އުފާވެރިކަމެއްގައި މިތިބީ." ދާރުލް ހިޖްރާ މިސްކިތުގެ އިމާމު ޢަބްދުއްސަލާމް އާދަމް ވިދާޅުވިއެވެ. "ބައެއް މީހުން ބުނޭ މިއީ ވަރަށް ތާރީޚި ކަމެކޭ. އެމީހުންގެ ހަޔާތުގައި މިކަން ފެެންނާތީ." އޭނާ ވިދާޅުވިއެވެ.

"އަހަރުމެން ބޭނުން އެންމެންނަށްވެސް އެބައިމީހުންގެ ދީނީ ވާޖިބުތައް އަދާކުރެވޭނެ ގޮތް ހަދަން. އެހެންނަމަވެސް، މުހިއްމު ސިއްހީ އިރުޝާދުތަކާ ޚިލާފަށް އެކަން ނުުކުރެވޭނެެ. މި ގޮތަށް ހެދުމުން (ބަންގި އަޑުގަދަކުރާއިން ދުރަށް ފޮނުވުމުން) ވަކިވަކިން ނަމާދުކުރި ނަމަވެސް އެކުގައި ތިބުމުގެ ފުރުސަތު އެމީހުންނަށް ލިބޭނެ." ފްރޭ ވިދާޅުވިއެވެ.

ސެޑާ-ރިވަރސައިޑް އަވަަށަކީ އިރުމަތީ އެފްރިކާއިން އެމެރިކާއަށް ހިޖުރަކުރި ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ އަވަށެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.