ކޮވިޑް- 19: ޗައިނާ ފަހަަތަށް ޖެހި އެމެރިކާ ކުރިޔަށް

ނިއުޔޯކުގެ މަގުމަތިން ފެންނަނީ ފަޅުކަން

ނޮވެލް ކޮރޯނާ ވައިރަަސް (ކޮވިޑް- 19) އަށް ޕޮޒިޓިވްވި މީހުން އެންމެ ގިނަ ގައުމަކަށް އެމެރިކާވެއްޖެއެވެ. އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވަސިޓީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގައި މިހާރު ކޮވިޑް- 19 އަށް ޕޮޒިޓިވް ވެފައިވާ 85 ހާސް 500 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ޗައިނާގައި ތިބީ 81 ހާސް 700 މީހުންނެވެ. މިހާރު ދުނިޔޭގައި އެންމެ ބާރަށް ކޮވިޑް- 19 ފެތުރެމުންދާ ތިން ގައުމަކީ އެމެރިކާއާއި، އިޓަލީއާއި ސްޕޭންއެވެ.

ޔުނިވަސިޓީ އޮފް ވޮޝިންގޓަންގެ ސްކޫލް އޮފް މެޑިސިން އިން ހެދި ޑާނާ އެނަލިސިސް އަކުން ދައްކާ ގޮތުގައި އެމެރިކާގައި ކޮވިޑް- 19 ފެތުރުމަށް މަޑުޖެހުން އަންނާނެ ކަމަށް ބެލެވެނީ ޖޫން މަހުގައެވެ. އެ އެނަލިސިސްއިން ދައްކާ ގޮތުގައި އެހާތަނަށް އެމެރިކާގައި މި ބަލީގައި 81 ހާސް މީހުން މަރުވުން އެކަށީގެން ވެއެެވެ.

ބަލިޖެހުނުކަން ކަށަވަރު މީހުންގެ އަދަދުގައި އެމެރިކާ އެންމެ ކުރިއަަށް އެރިޔަސް، އަދިވެސް މި ބަލީގައި މަރުވި މީހުން އެންމެ ގިނައީ އިޓަލީގައެވެ. އިޓަލީގައި މަރުވި މީހުންގެ އަދަދު 8 ހާސް 200 އަށްވުރެ ގިނައެވެ.

ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ މި ބަލި ޗައިނާގައި މިހާރު މައިތިރިވެފައި ވިޔަސް، އެހެން ސަރަހައްދުތަކުގައިމައިތިރިވާ ކަމުގެ އަލާމާތެއް އަދި ފެންނަން ނެތެވެ. އެހެންނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ުއިން ބުނެފައި ވަނީ މި ފެށޭ ހަފުތާ ތެރޭގައި އިޓަލީގައި މި ބަލިޖެހޭ މިންވަރު ދަށްވާން ފަށާނެ ކަމުގައެވެ.

މި ބަލީގައި މަރުވަމުންދާ މީހުން ވެސް އިތުރުވަމުން ދާކަން ފާހަގަކޮށްލަން ޖެހެއެވެ. އިއްޔެ އިޓަލީއާއި، ސްޕޭންގައި 700 އަށްވުރެ ގިނަ މީހުން މަރުވެފަައިވާއިރު، ފްރާންސުގައި 300 އަށްވުރެ ގިނަ މީހުން، އެމެރިކާގައި 200 އަށްވުރެ ގިނަ މީހުން އަދި އީރާނާއި، އިނގިރޭސިވިލާތުގައި 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެމެރިޔާގެ ނިއުޔޯކް ސިޓީގައި އެކަނި ިއިއްޔެ 100 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ޑަބްލިޔުއެޗްއޯއިން "އިންސާނިއްޔަތަށް ހުރި ނުރައްކަލެއް" ގެ ގޮތުގައި ސިފަކޮށްފައިވާ ކޮވިޑް- 19 ދުނިޔޭގައި ޖެހުނު މީހުންގެ އަދަދު އިއްޔެ 5 ލައްކައަށް އަރާފައިވާއިރު މި ބަލީގެ ދުވެލި އާދަޔާއި ޚިލާފަށް ހަލުވިވަމުން ދާކަން ފާހަގަކޮށްލަން ޖެހެއެވެ. މި ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ލައްކަ މީހުން ހަމަވާން 67 ދުވަސް ނެގިއިރު، 5 ވަނަ ލައްކަ ހަމަވާން ނެގީ އެންމެ 2 ދުވަހެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ގައުމުތަކުން އާދަޔާއި ޚިލާފު ފިޔަވަޅުތައް ދަނީ އަޅަމުންނެެވެ. ސިންގަޕޫރުގައި މިހާރު ވަނީ 'ސޯޝަލް ޑިސްޓެންސިންގ މަޖުބޫރުކޮށްފައެވެ. އަދި ބޭރުގައި އުޅޭއިރު އެކަކު އެނަކަކާ އެއް މީޓަރަށްވުރެ ގާތުގައި ތިބުން މަނާކޮށްފައެވެ. އަދި މިއެންގުމާ ޚިލާފުވާ މީހުން 10 ހާސް ސިންގަޕޫރު ޑޮލަރުން (1 ލައްކަ 8 ހާސް ދިވެހި ރުފިޔާ) އިން ޖުރުމާނާކުރާނެ، ނުވަތަ 6 މަސްދުވަހަށް ޖަލަށް ލާނެ، ނުވަތަ ދެ އަދަބު އެކުގައި ދޭނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

އިންޑިޔާ 21 ދުވަހުގެ 'ލޮކްޑައުން' އެއްގައި އޮތް އިރު ފުލުހުން ދަނީ މަގުމަތީގައި އުޅޭ މީހުން 'ލާޓީޗާޖް' ކުރަމުން (ލަޓިބުރިން ތަޅަމުން) ނެެވެ. އެއް ސްޓޭޓެެއްގެ ޗީފް މިނިސްޓަރު ވަނީ މަގުމަތީގައި އުޅޭ މީހުންގެ ގަޔަށް ބަޑިޖަހާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ސްރީލަންކާއާއި، ސައޫދީ އަރަބިއްޔާގެ އިތުރަށް ބައެއް ގައުމުތަކުގައި ވަނީ ކާފިއު ހިންގާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.