
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް- 19) ގެ ސަބަބުން އެމެރިކާގެ އިގްތިސާދު އަޑިއަޅަމުން ދާއިރު، އިގްތިސާދު ކޮޅަށްޖެހުމަށް 2 ޓްރިލިއަން (ދެހާސް ބިލިއަން) ޑޮލަރުގެ ޕެކޭޖަކަށް ވައިޓްހައުސްއާއި ސެނެޓުގައި ހިމެނިވަޑައިގަންނަވާ ދެ ޕާޓީގެ ވެރިން އެއްބަސްވުމަކަށް އަތުވެއްޖެއެވެ. މިހާރު އިޓަލީ ފިޔަވައި އެންމެ ބާރަށް ކޮވިޑް- 19 ފެތުރޭ ގައުމަށް އެމެރިކާ ވެފައިވާއިރު، އެތައް ކުންފުންޏެއް ބަނގުރޫޓުވެ، އެތައް މިލިއަން ބައެއްގެ ވަޒީފާގެއްލި، އިގްތިސާދު އަޑިއެޅުމުގެ ބިރު ވަނީ ހީވެފައެވެ.
މިއަދު އެއްބަސްވުމަކާ ހަމައަށް މި އާދެވުނީ އެތައް ދުވަހެއެގެ ދެބަސްވުމާއި، އަރައިރުމަށް ފަހުގައެވެ. އަދި ވަގުތު ފާއިތުނުވަނީސް އެއްބަސްވުމަކަށް އައިސް، އަވަހަށް އިގްތިސާދީ ޕެކޭޖެއް އިއުލާންކުރުމަށް ފިއްތުންތައް ކުރިމަތިވެފައި ވަނިކޮށެވެ.
"ބޭކަލުންނާ ބޭކަނބަލުންނޭވެ. އަހަރުމެންނަށް މިކަން ނިންމާލެއްވިއްޖެ." ސެނެޓުގެ މެޖޯރިޓީ ލީޑަރު މިކް މެކްކޮނެލްގެ އޮފީހުން ރޭ ދަންވަރު 1 ޖެހިއިރު (ރާއްޖޭ ގަޑިން މިއަދު ހެނދުނު 10 ޖެހިއިރު) ނިކުންނަވަމުން ވައިޓްހައުސްގެ ލެޖިސްލޭޓިވް އެފެއާސް ޑިރެކްޓަރު އެރިކް ޔޫލޭންޑް ވިދާޅުވިއެވެ.
ސެެނެޓާާއި ވައިޓް ހައުސްއިން އެއްބަސްވި މި ޕެކޭޖުގައި މި ބަލިމަޑުކަމާ ގުޅިގެން ވަޒީފާ ގެއްލޭ މިީހުންނަށް މުސާރަދިނުމާއި، ނުހިފެހެއްޓިގެން ހުއްޓާލަން ޖެހޭ ވިޔަފާރިތަކަށް ފައިސާ ދިނުމާއި، ބައްޔާއި ހަނގުރާމަކުރަން ފައިސާ ބޭނުންވާ ސްޓޭޓްތަކަށް ފައިސާ ދިނުން ހިމެނެއެވެ.
މާގިނ ދުވަހެއް ނުވެ ކޮންގްރެސްއިން ފާސްކުރާނެ ކަމަށް ބެލެވޭ މި ޕެކޭޖަކީ އެެމެރިކާގެ މިޒަމާނުގެ ތާރީޚުގައި މިގޮތަށް ހުށަހެޅޭ އެެންމެ ބޮޑު ޕެކޭޖެެވެ.