އެސްޓީއޯއިން އުފައްދާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ (އެމްއެސްއެސް) ގެ ފުރަތަމަ ބޯޓު އެމް.ވީ އައިބީރިއަން ކާޑުގެ ބާވަތްތައް ހިފައިގެން އައިސް މާލޭ ވިޔަފާރި ބަނދަރުގައި މިއަދު ބަނދަރު ކޮށްފިއެވެ.
އެސްޓީއޯގެ މީޑީއާ އޮފިސަރ ޢާބްދުﷲ މުޙައްމަދު ވިދާޅުވީ އޭގައި ކާޑުގެ ބާވަތްތައް ހިމެނޭ ކަމަށެވެ. އެހެންނަމަވެސް އޭގެ ތަފްސީލް މިވަގުތަށް ބެލިފައި ނުވާކަމަށެވެ. މިބޯޓު މުދަލާއެކު އައިސްފައި މިވަނީ އެސްޓޯއީއިން ވިއްކަމުން ގެންދާ ބައެއް ތަކެތި ކޮންޓްރޯލް ކޮށްގެން ވިއްކަމުންދާ ދަނޑިވަޅެއްގެއެވެ. ކޮންޓްރޯލް ކޮށްގެން ވިއްކަނީ ބިސް، ފިޔާ، އަލުވި އެވެ.
އެސްޓީއޯއިން ސަބްސިޑަރީ ކުންފުންޏެއް ހަދައި އޮޕަރޭޓް ކުރަން ފެށުމުން ރާއްޖެއަށް އެތެރެކުރާ މުދާ މިހާރަށްވުރެ އަގުހެޔޮކޮށް ލިބޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ. ޝިޕިންލައިންގެ ފުރަތަމަ ބޯޓު މާލެ އައުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވީ މިފަދަ ޝިޕިން ލައިނެއްގެ ޚިދުމަތް އަލުން ރާއްޖޭގައި ފެށިގެން ދިއުމަކީ ވިޔާފާރިވެރިންނަށް އަގުހެޔޮކޮށް މުދާ ގަނެވިއްކުމަށް ހުޅުވިގެންދިޔަ މަގަކަށްވާނެ ކަމަށެވެ. ޢަމްރު ވިދާޅުވީ އަލުން ޝިޕިންލައިނެއް އުފެދިގެން ދިއުމަކީ އިގްތިސާދީ ތަރައްގީގައި ވެސް ރާއްޖެ އެޅި އިތުރު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ. އެހެން ކަމުން އައުޝިޕިން ލައިންގެ ފުރަމަ ބޯޓު މާލޭ ވިޔަފަރި ބަންދަރުގައި މިއަދު ބަނދަރު ކުރުމަކީ ތާރީޚީގޮތުން ވެސް ފާހަގަ ކޮށްލަންޖެހޭ ދުވަހެއް ކަމަށް އޭނާ ވދާޅުވިއެވެ.
މިދުވަސްވަރަކީ ކޮވިޑް-19 ގެ ސަބަބުނ މުޅިދުނިޔޭގެ އިގްތިސާދު ހުއްޓިފައިވާ ދުވަސްވަރެއް ކަމަށާއި އެހެންމަމަވެސް މިވަގުތު މިހެން ކަންތައް އޮތަސް މުސްތަގުބަލަށް ދިވެހީން ކުރަމުންދާ އުންމީދުތަކަސް މަޑުޖެހުމެއް ނުވަތަ ހުއްޓުމެއް އައިސްގެން ނުވާނެ ކަމަށް ވެސް ޢަމްރު ވިދާޅުވިއެވެ. މިއަދު ރާއްޖެއަށް އައި ބޯޓު މިވަގުތު ދަތުރުކުރާނީ ރާއްޖެއާއި އިންޑިއާ ދެމެދުގައެވެ. އެހެންނަމަވެސް މުސްތަގުބަލުގައި ބޯޓުތައް އިތުރުވެ ދަތުރުކުރާ މަންޒިލްތައް ވެސް އިތުރުވުމަކީ ވަރަށްބޮޑު އުންމީދެއް ކަމަށް ޢަމްރު ވިދާޅުވިއެވެ.
ރާއްޖެއަށް މިއަދު މިއައި ބޯޓަކީ 20 ފޫޓްގެ 700 ކޮންޓެއިނަރު އުފުލޭ ބޯޓެކެވެ.