ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ ޢަބްދުﷲ ނިޔާފުގެ އެހީތެރިކަމާއެކު އެސްޓީއޯ އިން ތައްޔާރުކުރި "ތުއްތު ދަރިފުޅު" ފޮތް ލޯންޗުކޮށްފިއެވެ.
އެސްޓީއޯ އިން ބުނީ މި ފޮތަކީ ތުއްތު ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ 100 ދުވަހަށް ޚާއްސަކޮށްފައިވާ ފޮތެއް ކަމަށާއި މި ފޮތަކީ ކުޑަދަރިފުޅުގެ ހަޔާތުގެ ފުރަތަމަ ދުވަސްވަރު ދިމާވެދާނެ ކަންތައްތަކާއި އެކަންތައްތަކާ ގުޅިގެން އަމަލު ކުރަންވީ ގޮތުގެ މުއަލޫމާތު އެކުލެވޭނެހެން، އާއިލާތަކުގެ ހޭލުންތެރިކަން އިތުރުކޮށް ދިނުމުގެ މަގުސަދުގައި ތައްޔާރުކޮށްފައިވާ ފޮތެއް ކަމަށެވެ.
އެގޮތުން ހޮސްޕިޓަލުގައި ތުއްތު ދަރިފުޅު އުފަންވާ ވަގުތު ދެވޭ ފަރުވާއިން ފެށިގެން، ހޮސްޕިޓަލުން ދޫކޮއްލުމަށް ފަހު ދަރިފުޅު ގެންގުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން އެ ފޮތުގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި ވާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ޑރ. އަބްދުﷲ ނިޔާފް ގެ އެހީތެރިކަމާއެކު ތައްޔާރު ކުރެވިފައިވާ އެ ފޮތުގައި، ދަރިފުޅަށް ގާތުން ދިނުމާއި ބެހޭ ގޮތުން އެނގެން ޖެހޭ މުހިއްމު މައުލޫމާތުތައް އަދި ފުރަތަމަ ދުވަސްކޮޅުގައި ދަރިފުޅުގެ ހެދިބޮޑުވުމަށް އަންނާނެ ތޮބީއީ ބަދަލުތަކުގެ ތަފްސީލު ވަނީ ހިމަނާފައެވެ. އަދި ފުރަތަމަ ދުވަސްކޮޅު ދަރިފުޅުގެ ހަށިގަނޑު ތަޖުރިބާ ކުރާނެ ކަންތައްތަކާއި އެ ކަންކަމުގައި އާއިލާއިން ކަންކުރަންވީ ގޮތް ވެސް ހިމަނާފައިވެއެވެ.
މިފޮތުގައި މަންމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ސަމާލުކަން ދޭންވީ ކަންކަން ވެސް ހިމެނިފައިވާއިރު، އަލަށް އުފަންވާ ދަރިފުޅުގެ އާއިލާއިން އާންމު ކޮށް ކުރާ ސުވާލުތަކާއި، އާއިލާތަކުން ސުވާލު އުފެދިދާނެ ކަމަށް ލަފާ ކުރެވޭ ވަރަށް ގިނަ ސުވާލުތަކުގެ ޖަވާބު ވެސް ވަނީ ލިޔެފައެވެ.
އެސްޓީއޯ އިން ބުނީ ކުރިއަށް އޮތް ތަނުގައި، އަލަށް އުފަންވާ ކުދިންނަށް އެސްޓީއޯ އިން ދޭ ހަދިޔާގެ ތެރޭގައި "ތުއްތު ދަރިފުޅު" ފޮތް ހިމެނޭނެ ކަމަށެވެ.