ހަތަރު ރިސޯޓެއްގައި 204 މީހަކުވަނީ އައިސޮލޭޓް ކުރެވިފައި

ކޮވިޑް 19 އަށް ޕޮޒިޓިވެފައިވާ މީހަކާ ނުވަތަ ބަޔަކާ ކޮންޓެކްޓު ވެގެން ރާއްޖޭގެ 4 ރިސޯޓެއްގައި 204 މީހުން އައިސޮލޭޝަނުގައި އެބަތިބި ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާބެހޭ މަޢުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކު ޢަބްދުލް ޢަޒީޒު ވިދާޅުވީ އެ 204 މީހުން ތިބީ ސަމާއައިލެންޑް ރިސޯޓާއި، ކުރެއްދޫ އައިލެންޑް ރިސޮޓާއި، ބަތަލާއި، ކުރަމަތީގައި ކަމަށެވެ. އެގޮތުން ސަމާއައިލެންޑް ރިސޯޓުގައި 68 މީހުން އެބަތިއްބެވެ. ކުރެއްދޫ އައިލެންޑް ރިސޯޓުގައި 99 މީހުން އެބަތިއްބެވެ. ކުރިމަތީގައި 20 މީހުން އެބަތިބި ކަމަށް މަބުރޫކު ވިދާޅުވިއެވެ.

އޭގެ އިތުރުން ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީގައި މިވަގުތު ތިބީ 16 މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިވަރުގައި ތިބީ 13 މީހުން ކަމަށް ވެސް ވިދާޅުވިއެވެ. ކޮވިޑް 19 އާ ގުޅިގެން މިހާތަނަށް ޖުމްލަ 82 ސާމްޕަލް ނަގައި ޓެސްޓް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން 76 ސާމްޕަލްވަނީ ނެގެޓިވްވެފައެވެ. ޕޮޒިޓިވް ވެފައިވަނީ 8 މީހުންނެވެ. ނަތީޖާ ނުލިބޭ މީހުންގެ ޢަދަދަކީ 2 ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

މީގެ އިތުރުން ބަތަލާއިން ފަރުކޮޅުފުށްޓަށް ބިދޭސީ ސްޓާފަކު އެބަ ގެންދަވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އެއީ ކޮންޓެކްޓްރޭސިންގެ ތެރެއިން އަލާމާތްތައް ފެނިގެން ގެންދާ މީހެކެވެ. އޭގެ އިތުރަށް  ވިލިވަރަށް ދިވެއްސަކު އެބަގެންދާ ކަމަށް ވެސް ވިދާޅުވިއެވެ. އެއީ މިދިޔަ 14 ވަރަކަށް ދުވަހު ބަންގްލަދޭޝްގައި އުޅެފައި ލަންކާ މަގުން ރާއްޖެ އައި މީހެކެވެ.  ވިލިވަރަށް އޭނާ ގެންދަނީ 14 ދުވަހަށް ކަރަންޓީނު ކުރުމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.