ކޮރޯނާއިން ސަލާމަތް ވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅާއެކު ދުޢާކުރުން ވަރަށް މުހިންމު: ޝައިޚް ޙަސަން ލަތީފް

އައްޝައިޚް ޙަސަން ލަޠީފު މޫސާ

ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށްޓަކައި  ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމުގެ އިތުރުން އެބަލިން ސަލާމަތް ކުރައްވާތީ ﷲއަށް ދުޢާ ދެންނެވުން ވަރަށް މުހިންމު ކަމަށް އައްޝައިޚް ޙަސަން ލަޠީފު މޫސާ ވިދާޅުވެއްޖެއެވެ.

ޝައިޚު ވިދާޅުވެފައިވަނީ ދުޢާ ކުރުމާއި ފާފަތަކުން ދުރުވެތިބެ އަސްތަޣުފާރު ކުރުމަކީ ވެސް ރައްކާތެރި ކަމުގެ ފިޔަވަޅުގެ އިތުރުން ކުރެވިދާނެ ކަމެއް ކަމަށެވެ.

ޝައިޚު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިފަދަ ކޮންމެ ކަމަކަށް ވެސް މުއުމިނުންގެ ހަތިޔާރަކީ ދުޢާ ކަމަށެވެ. "ރައްކާތެރި ކަމުގެ ފިޔަވަޅާއެކު އެންމެ މުހިންމު ކަމަކީ ގިނަގިނައިން ދުޢާ ކުރުމާއި ފާފައިން ދުރުވެ އަސްތަޣުފާރު ކުރުން. މުއުމިނުންގެ ހަތިޔާރަކީ ދުޢާ،" ޝައިޚު ވިދާޅުވެފައިވެއެވެ.

ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ އަދި ރާއްޖެއިން މިފަދަ ބަލިޖެހިފައިވާ މީހަކު ފެނިފައި ނުވާކަމަށެވެ. އެހެންނަމަވެސް އެއާޕޯޓުގައި ސްކްރީން ކުރުމުގެ މަސައްކަތް ވަރުގަދަކޮށްފައިވާ ކަމަށެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަލަން އެއާޕޯޓާއި ގަންއިންޓަރނޭޝަނަލް އެއާޕޯޓުގައި ވެސް އެމަސައްކަތް ކުރެވޭ ކަމަށެވެ. ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންދަނީ ޑަބްލިޔުއެޗުއޯގެ ގައިޑުލައިނާ އެއްގޮތަށް ކަމަށެވެ. އަދި ބަލި ފެތުރި ކަންބޮޑުވާ ހިސާބަށް ގޮސްފި ކަމަށްވާނަމަ މާލެ ކައިރީގައި އޮންނަ ފުނަދޫއަކީވެސް މީހުން އެކަހެރިކޮށް ބައިތިއްބާނެ ރަށެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފައެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިބަލި އަދި އޮތީ ކަންބޮޑުވެ ހާސްވާ ހިސާބުގައި ނޫންކަމަށެވެ. އެހެންމަވެސް ކުރީބައިގައި މިކަންކަމަށް ރައްކާތެރި ފިޔަވަޅުއަޅައި ތައްޔާރުވެގެން ތިބުމަކީ ސަރުކާރުން ކުރަންޖެހޭ ކަމަކަށްވާތީ ވަރަށްބޮޑަށް އެކަމަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.