ކޮވިޑް-19: ގައުމު ތަކަށް ވަސީލަތްތައް ހޯދައިދިނުމަށް ޑަބްލިޔުއެޗުއޯއިން ވެސް މަސައްކަތްކޮށްދެއްވާ: ރައީސް

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ބައެއް ގައުމުތަކަށް ކޮންމެހެން ބޭނުންވާ ވަޞީލަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ  އެކަންކަން އެފަދަ ގައުމުތަކަށް ފަހިކޮށްދެއްވުމަށް ޑަބްލިއު.އެޗް.އޯ އިން ވެސް މަސައްކަތްކޮށްދެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ކޮވިޑް-19 ޕެންޑެމިކް ޙާލަތާ ގުޅޭގޮތުން ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ)ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް އާއި މިއަދު މެންދުރުފަހު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގައެވެ.

މިމަޝްވަރާގައި ރައީސް ވަނީ ޑަބްލިއު.އެޗް.އޯ އިން ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތު ހުރިހާ ފަރާތްތަކަށް ފޯރުކޮށްދިނުމަށާއި، އެބަލިން ރަށްކާތެރިވެ، ބަލި ފެތުރުނަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މި ޙާލަތުން އަރައިގަތުމާއި މި ބަލިން މުޖުތަމަޢު ސަލާމަތްކުރުމަށް ކުރަމުންގެންދާ މަސައްކަތަށް ޑަބްލިއުއެޗްއޯއިން ވަޞީލަތުގެ ގޮތުންނާއި އެނޫން ގޮތްގޮތުންވެސް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ވަކިން ޚާއްޞަކޮށް ޑަބްލިއު އެޗްއޯގެ ފަރާތުން ރާއްޖޭގައި ޙަރަކާތްތެރިވާ ޓީމުން ކުރާ މިންނެތް މަސައްކަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވާފައިވެއެވެ.

މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވީ 19 މީހުން ކަމަށާއި މި ބަލި މިހާތަނަށް އަދި މުޖުތަމަޢުގެ ތެރޭގައި ފެތުރިގެންނުދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން އެހެން މެދުވެރިވީ ސަރުކާރުން މިކަމަށް ދުރާލާ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވީތީކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މާރިޗު މަހުގެ 12 ވަނަ ދުވަހުން ފެށިގެން މުޅި ރައްޖެއަށް ސްޓޭޓް އޮފް ޕަބްލިކް ހެލްތު އިމަޖެންސީ އިޢުލާން ކުރެއްވައި އިތުރު ފިޔަވަޅުއަޅުއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން  އާންމުން އެއްވެ އުޅުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުއްވުމާއި، މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ޤައުމުތަކުން ފްލައިޓް ރާއްޖެއައުން ވަގުތީ ގޮތުން ހުއްޓާލުމާއި، ރިސޯޓުތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކަށް ދަތުރުކުރުން މަނާކުރުމާއި އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލުމާއި، އަދި ރާއްޖޭން ބޭރުން ރާއްޖެއަށް އަންނަ ކޮންމެ ދިވެއްސެއްވެސް ދެ ހަފްތާގެ މުއްދަތުގެ ކަރަންޓީނު ފުރިހަމަކުރުން މަޖުބޫރުކުރުންފަދަ ހަރުދަނާ ފިޔަޅުތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާތަނަށް ކޮވިޑް ރާއްޖެގައި ފެތުރިފައި ނެތަސް އެފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށް ބަލައި ދުރާލައި ރައްކާތެރިވުމުގެ ގޮތުން ޖަނަވަރީ މަހުން ފެށިގެން ތައްޔާރީތައް ވަމުން އަންނަކަމުގައި ވެސް ރައީސް ވިދާޅުވެފައެވެ. އެގޮތުން ކުއްލި ޙާލަތެއް ކުރިމަތިވެއްޖެ ހިނދެއްގައި ފަރުވާދެވޭ އިންތިޒާމްތައް ހަމަޖައްސައި، ބަލިމީހުން ބައިތިއްބާނެ އެނދާއި، ބަލީގައި ހާލުބޮޑުވާ ފަރާތްތަކަށް ޞިއްހީ ފަރުވާފޯރުކޮށްދޭނެ ވަޞީލަތްތަކާއި އިންތިޒާމުތައް ދުރާލައި ހަމަޖައްސަވާފައިވާނެކަމަށާއި އަދި މި ބައްޔަށް ޓެސްޓުކުރެވޭނެ އިންތިޒާމުތައް އިތުރުކޮށް ފުޅާކޮށްދެއްވާފައިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ އިތުރު ކިޓުތަކެއް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ހަވާލުކޮށްދެއްވާފައިވުމާއި އަދި ކޮވިޑް-19ގެ ރާއްޖޭގެ ޙާލަތާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އެމަނިކުފާނަށް ވަގުތުކޮޅެއް ދެއްވިކަމަށްޓަކައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްއަށް ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.