ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރުކުރާ މަސައްކަތުގެ ގާތްގަނޑަކަށް 80 ޕަސެންޓަކީ ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީން ކުރުމުގެ މަސައްކަތް ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކު މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާވިދާޅުވީ ބޭރުން އަންނަ ދިވެހީން ކަރަންޓީނުކޮށްފައި ބޭތިއްބުމަށް ސަރުކާރުން ގެންދަވަނީ އިތުރުގޮތްތަކެއް ހޯއްދަވަމުންނެވެ. އޭނާ ވިދާޅުވީ ބޭރުގެ ގައުމުތަކުގައި ތިބެފައި ރާއްޖެއަށް އަންނައިރު އަދިވެސް ވަރަށްގިނަ މީހުން އަންނަނީ ރެޖިސްޓަރ ނުކޮށް ކަމަށެވެ. އެއީ ވެސް ދިމާވާ ގޮންޖެހުމެއް ކަމަށް ވިދާޅުވިއެވެ. އެކަމަށްޓަކައި މި ކަމުގައި ހަރަކާތްތެރިވާ މީހުން ވަރަށްގިނަ ވަގުތު އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އަވަށްޓަރި ލަންކާއިން ބޭރުވުން މިހާރު ވަނީ މަނާކޮށްފައި ކަމަށެވެ. އެހެން ކަމުން އެގައުމުގައި ތިބި ދިވެހީންނަށް ވެސް މިދުވަސްވަރު ރާއްޖެއަށް ނާދެވޭނެ ކަމަށެވެ. އެހެން ކަމުން ލަންކާއިން މީހަކު އައިސްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ޕްރެސް ނިންމާލަމުން މަބްރޫކް ވަނީ ބަންދާ ގުޅިގެން ދެ ކަމެއް ފާހަގަވެފައިވާ ކަމަށެވެ. އެއީ އާއިލާގެ މީހުންނާ ބައްދަލުކުރަން ގޭގެއަށް ޒިޔާރަތް ކުރުމާއި އެއްގެއެއްގެ މީހުން އަނެއްގެއަކަށް ދިއުމެވެ. އެކަން ވަރަށްބޮޑަށް ފާހަގަ ކުރެވފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ބަލި ފެތުރުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވާތީ މިދުވަސްވަރު އެގޮތަށް ޒިޔާރާތް ކުރުން ހުއްޓާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ކަސްރަތު ކުރަންދާ މީހުން ވެސް މިހާރު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ކަސްރަތު ކުރަންދާ ތަންތަން ބަންދު ކުރުމުން ދިމާވި ކަމެއް ކަމަށްވިޔަސް މީހުން އެއްވާ ތަންތަނަށް ނުދިއުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.