ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުވެސް މަޖިލިސް ހޭލައްވާލާ މުޒާހާރާ ކުރިއަށް ގެންދާނެކަމަށް ބުނެފި

މަޖިލީސް ހޭލައްވާލާ މުޒާހަރާ އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިސް އިދާރާގެ ކުރިމަތީގައި ކުރިއަށް ގެންދާނީ އެޗްޕީއޭގެ އެންގުންތަކާ ޚިލާފުނުވާ ގޮތަށް ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު ކަމަށް އެ މުޒާހަރާ އިންތިޒާމް ކުރާ "ނަވާނަވައި" ޖަމްޢިއްޔާއިން ބުނެފިއެވެ. 

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުންތަކާ ޚިލާފުނުވުމަށް ފުލުހުން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ. މާލޭގެ ފުރަބަންދަށް ދީފައިވާ ލުއިތަކާ އެކުވެސް އާންމު ތަންތަނުގައި އެއްވެ އުޅެވޭނީ އެކުގައި ގިނަވެގެން ތިން މީހުންނަށް ކަމަށް އެޗްޕީއޭ އިން ވަނީ ކަނޑައަޅައިފައެވެ.

ނަވާނަވައި ބުނީ މަޖިލީސް އިދާރާ ކައިރީގައި ކުރަން ހަމަޖެހިފައިވާ އެ މުޒާހަރާގައި ބައިވެރިން ތިބޭނީ ކޮވިޑުން ރައްކާތެރިވުމަށް ދީފައިވާ އިރުޝާދުތަކާ އެއް ގޮތަށް ކަމަށެވެ. އެ ގޮތުން މުޒާހަރާގެ ބައިވެރިން ތިބޭނީ ގައިދުރުކޮށް މާސްކް އަޅައިގެންކަމަށެވެ. 

ނަވާނަވައިން ބުނެފައި ވަނީ، މުޒާހަރާ ބާއްވަން ނިންމާފައި ވަނީ އެތައް ބަޔަކު ހާލުގައި ޖެހެމުންދާއިރު، މަޖިލީސް ނިދާފައި ތިބޭތީ ކަމަށެވެ. އެހެންކަމުން އެޖަމްޢިއްޔާއިން މުޒާހަރާ ބާއްވަނީ މަޖިލީސް ހޭލައްވާލާ މުޒާހަރާއެއްގެ ގޮތުގައެވެ އެ ޖަމިއްޔާއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީސް އެއްވެސް މަސައްކަތެއް ނުކޮށް ސިޔާސީ ސަކަރާތް ޖެހުމުގައި ރެއާއި ދުވާލު އުޅޭތަން ބަލަން ނުތިބެވޭނެ ކަމަށެވެ.

ނަވާނަވައި އަކީ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން ރައްޔިތުން ބާރުވެރި ކުރުމަށް މަސައްކަތްކުރާ ވާތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށް އެޖަމާޢަތުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.