އެމެރިކާގެ ރައީސް ޑޮނަލްޑް އީރާނާ ގުޅުވައިގެން ދެއްކެވި ވާހަކަފުޅާ ފުށުއަރާފަދަ ވާހަކަފުޅުތަކެއް ޑިފެންސް ސެކްރެޓަރީ (ދިފާޢީ ވަޒީރު) މާރކް އެސްޕަރ ދައްކަވައިފިއެވެ. ޓަރްމްޕް ވިދާޅުވެފައި ވަނީ އީރާނުން އެމެރިކާއަށް ގެއްލުންވާ ފަދަ އެއްވެސް ހަމަލާއެއް ދީފިނަމަ އީރާނުގެ 52 ތަނަކަށް ހަމަލާ ދެއްވާނޭ ކަމަށެވެ. އަދި އޭގެ ތެރޭގައި ސަގާފީ ނުވަތަ އާސާރީ ތަންތަން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
ދިފާޢީ ވަޒީރު ވިދާޅުވި ގޮތުގައި ހަނގުރާމަވެރި ކުރމަތިލުމެއްގައި އިހްތިރާމް ކުރަން ޖެހޭ ހުރިހައި ގާނޫނަކަށް އެމެރިކާއިން އިހްތިރާމް ކުރާނެއެވެ. އޭގެ މާނައަކީ އީރާނުގެ އާސާރީ ތަނަކަށް ހަމަލާ ނުދޭނެ ވާހަކަތޯ ދެންނެވީމާ ވިދާޅުވީ ގާނޫނުތައް ބުނާާ ގޮތަކީ އެއީކަމުގައެވެ.
އީރާނުގެ އަސްކަރީ ވެރިއެއް ކަމުގައިވާ ގެނެރަލް ސުލައިމާނީ އަވަހާރަކޮށްލުމުގެ ސަބަބުން އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. "އަހަރެެންގެ މީހުން މެރުމުގެ އިޚަތިޔާރު އެމީހުންނަށް އެބައޮވެއެވެ. އަހަރެމެންގެ މީހުންނަށް އަނިޔާ ކުރުމުގެ އިޚްތިޔާރު އެމީހުންނަށް އެބައޮވެއެވެ. މަގުމަތީގައި ބޮން ހަރުކޮށްގެން އަހަރެމެންގެ މީހުން ގޮއްވައިލުމުގެ އިޚްތިޔާރު އެމީހުންނަށް އެބައޮވެއެވެ. އެކަމަކު އެމީހުންގެ އަސާރީ ތަންތަނާ ކުޅުމުގެ (ހަމަލާ ދިނުމުގެ) އިޚްތިޔާރު އަހަރެމެންނަށް ނޯންނާންވީ ހެއްޔެވެ؟ އެއީ އެކަން ވާނޭ ގޮތެއް ނޫނެވެ."
އެމެރިކާާއިން އީރާނަށް ހަމަލާ ދިން ނަމަވެސް އާސާރީ ތަންތަނަށް ހަމަލާ ދިނުމާ މެދު ސަރުކާރުގެ އިސް ވެރިންގެ މެދުގައި ވަނީ ޚިޔާލު ތަފާތު ވެފައެވެ. އާސާރީ ތަންތަނަށް ހަމަލާ ދިނުމަކީ ހަނގުރާމައިގެ ކުށެކެވެ. ބައިނަލްއަގުވާމީ ގާނޫނު މަނާ ކުރާ ކަމެކެވެ.
ދިފާޢީ ވަޒީރުގެ ވާހަކަފުޅާއި ޓްރަމްޕްގެ ވާހަކަފުޅާ ފުށުއެރިނަމަވެސް ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ ޓްރަމްޕް ދެއްކެވި ވާހަކަފުޅު ދިފާޢު ކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ކަމަކަށް ނުވާނެއެވެ. އެހެނީ އެމެރިކާ އަބަދުވެސް މަސައްކަތް ކުރާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތަށްޓަކައެވެ. އެއީ އެމެރިކާއަށް ލިބިގެންވާ ހައްގެކެވެ.
އާދީއްތަ ދުވަހު ފޮކްސް ނިވްސްގައި ވާހަކަފުޅު ދައްކަވަމުން ޕޮމްޕެއޯ ވިދާޅުވެފައި ވަނީ އާސާރީ ތަންތަނަށް ހަމަލާ ދެއްވާނޭ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވެސް ނުވާނޭ ކަމަށެވެ.
ސަޢޫދީ ޚާރިޖީ ވަޒީރު ޚަލިސް ބިން ސަލްމާން ވަނީ ސަރަހައްދުގެ މަސްލަހަތާާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި ޕޮމްޕެއޯއާ ބައްދަލު ކުރައްވައިފައެވެ.
ސުލައިމާނީއަވަހާރަކޮށްލުމާ ގުޅިގެން އީރާނުން ދަނީ ނުރުހުން ފާޅުކޮށް އިންޒާރުގެ ވާހަކަތައް ދައްކަމުންނެވެ. އެމެރިކާގެ ބައެއް ދިރާސާވެރިން ވިދާޅުވާ ގޮތުގައި އީރާނުން އަޅާނޭ ފިޔަވަޅެއް ސީދާ ނޭނގުނު ނަމަވެސް އެ ފިޔަވަޅަކީ ދުނިޔެ ހައިރާންކޮށްލާނޭ ފަދަ ފިޔަވަޅަކަށް ވާނެއެވެ.
މައުލޫމާތު: ސީއެންއެން. ބީބީސީ
Iran and America ge mi massala vaguthun vaguthah genesdheynama.maa lahun adhaahama annaathee dhera