ޓްރަމްޕް މަގާމުން ދުރުކުރަން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުބަރު ނެތްކަމުގެ ވޯޓު ނަގަން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ. މި މައްސަލަ މަޖިލީހަށް (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް) އަށް ވެއްދެވީ ޓެކްސަސްގެ މެންބަރު އަލް ގްރީންއެވެ. އޭނާއަކީ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެކެވެ. މިއީ މަޖިލީހުގެ އަންހެން މެންބަރަކަށް ނިސްބަތް ކުރައްވައި ޓްރަމްޕް ދެއްކެވި ނަސްލީ ތަފާތުކުރުމުގެ ވާހަކަފުޅަކާ ގުޅިގެން އަލް ގްރީން ހުށަހެޅުއްވި މައްސަލައެކެވެ.

މައްސަލަ ނާކާމިޔާބުވީ ޑިމޮކްރެޓިކް ޕާޓީގެ ގިން މެންބަރުންވެސް ތާއީދު ނުކުރެއްވުމުގެ ސަބަބުންނެވެ.

ޓްރަމްް ވިދާޅުވި ގޮތުގައި އޭނާޔާ ދެކޮޅަށް ހުށަހެޅުނު "ހެއްވާ" މައްސަލަ ނިމިގެން ދިޔައީއެވެ. "މީގެ ފަހުން އެމެރިކާގެ ރައީސް ކަމަށް ވަޑައިގަންނަވާ އެއްވެސް ބޭފުޅަކާ ދެކޮޅަށް މިފަދަ އަމަލެއް ހިންގިޔަ ދީގެން ނުވާނެއެވެ." ޓްރަމްޕްގެ ޓުވީޓުގައި ވެއެވެ.

މި މައްސަލަ އުފެދުނީ އަންހެން މެންބަރުން "ރަށަށް ދާން" ޓްރަމްޕް ގޮވައިލެއްވުމާ ގުޅިގެންނެވެ. ރަށަށް ދާށޭ އެމަނިކުފާނު ވިދާޅުވީ ކަޅު ނަސްލުގެ އަންހެން މެންބަރުންނާ މުޚާޠަބް ކުރައްވައެވެ.

ޓްރަމްޕްގެ މައްސަަލަ ހުށަހެޅުއްވި އަލް ގްރީން ވިދާޅުވާ ގޮތުގައި ޓްރަމްޕް ވަނީ އެމެރިކާގެ އެންމެ ގަދަރުވެރި އޮފީސް ބޮޑު ޖޯކަކަށް ހައްދަވައިފައެވެ. ޑިމޮކްރެޓިކް ޕާޓީގައި ޓްރަމްޕް ވެރިކަމުން ދުރުކުރުުމުގެ ރޫހު އޮތް ނަމަވެސް، ޕާޓީގެ އިސް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެ މައްސަލަ ސީދާ ތަޅުމަށް ގެނައުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެންމެ ފުރަތަމަ ޖެހޭނީ މަޖިލީހުގައި އޮންނަ ހަ ކޮމިޓީއަކުން ބަލައި ރައީސް ކުށެއް ކުރެއްވިތޯ ބަލާށެވެ. ރައީސް ނަހަމަ ގޮތުގައި ބާރުގެ ބޭނުން ކުރެއްވިތޯ ނުވަތަ އިންސާފަށް ހުރަސް އެޅުއްވިތޯ ނުބަލައި މައްސަލަ ތަޅުމަށް ގެނެސްގެން ވަކި ގޮތެއް ނިންމާކަށް ގިނަ ބޭފުޅުން ތާއީދެއް ނުކުރައްވައެވެ.

އިތުބާރު ނެތް ކަމުގެ ވޯޓެއް ކާމިޔާބު ކުރެވުނަސް ރައީސް މަގާމުން ދުރެއް ނުކުރެވޭނެއެވެ. އެ ވޯޓު ކާމިޔާބު ވެއްޖެ ނަމަ ރައީސް ޝަރީއަތަށް ގެންދިއުމުގެ ހުއްދައެއް ލިބޭނީއެވެ. މަގާމުން ދުރު ކުރެވޭނީ ޝަރީއަތުގައި ކުށެއް ސާބިތު ވެއްޖެ ނަމައެވެ.

އެމެރިކާގެ ގާނޫނު އަސާސީގައިވާ ގޮތުން ރައީސަކު މަގާމުން ދުރު ކުރެވޭނީ ގައުމަށް ޚިޔާނާތްތެރިވުން، ރިޝްވަތު ހިފުން ނުވަތަ ދިނުން އަދި މި ނޫނަސް ބޮޑު ގާނޫނީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވީމައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.