![Shopping](https://aafathis.mv/wp-content/uploads/2025/02/Shopping-678x381.jpg)
އެމެރިކާގައި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ގޭތެރޭގައި ބޭނުންކުރާ ސާމާނާއި ތެލާއި ބޭނުންކޮށްފައިވާ ކާރުތަކުގެ އަގު އުފުލިގެން ހިނގައްޖެއެވެ.
އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި ހިފައިގެންގުޅޭ ސާމާނުގެ އަގުބޮޑުވުމުގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ވަނީ ބޮޑު ބުރައެއް އުފުލަން ޖެހިފައެވެ. އަދި އެކަމުގެ ސަބަބުން ކުދި ވިޔަފާރިވެރިންނަށް ވެސް ވަނީ ނުބައި އަސަރެއް ކުރަން ފަށާފައެވެ.
އެމެރިކާގެ ލޭބަރ ޑިޕާޓްމަންޓުން ބުދަ ދުވަހު އާންމުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ކޮންސިއުމަރ ޕްރައިސް އިންޑެކްސް ތިން ޕަސެންޓް އިތުރުވެފައިވާއިރު، އޭގެ ކުރީ މަހާ އަޅާބަލާއިރު 2.9 ޕަސެންޓް އިތުރުވެފައި ވެއެވެ.
ކޮންސިއުމަރ ޕްރައިސް އިންޑެކްސް އިން ފެންނަނީ އާންމު ގޭބިސީ މުދަލާއި ކާބޯތަކެތީގެ އަގަށް އަންނަ ބަދަލުތަކެވެ.
އެމެރިކާގައި ޒަރޫރީ މުދަލުގެ އަގު 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަނީ 0.5 ޕަސެންޓް އިތުރުވެފަ އެވެ. ދާދި ފަހުން އަގުތައް އުފުލިގެން ދިއައީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހަށްފަހު ފާހަގަކުރެވޭ އެންމެ މަތީ ދަރަޖައަށެވެ. ހަމައެފަދައިން މިދިޔަ މަހު ކާބޯތަކެތީގެ އަގު ބޮޑުވިއިރު، ބިހުގެ އަގު ވެސް 15.2 ޕަސެންޓް ބޮޑުވިއެވެ. މިއީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުން ބިހުގެ އަގު އެންމެ ބޮޑުވެގެންދިޔަ ދުވަސްވަރެވެ.
އެމެރިކާގައި ބިހުގެ ވިޔަފާރިކުރާ ފަރާތްތަކުން ދަނީ ދޫނި ރޯގާގެ ބިރަށް ގިނަ އަދަދަކަށް ކުކުޅު ކަތިލަމުންނެވެ. އެކަމުގެ ސަބަބުން ބާޒާރުގައި ބިހުގެ އަދަދު ވަނީ މަދުވެފައެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު އެމެރިކާގައި ބިހުގެ އަގު އިތުރުވެފައިވާއިރު، ބިހުގެ ދަތިކަމުގެ ސަބަބުން ފިހާރަތަކުން ބިސްގަންނަން ބޭނުން އަދަދަކަށް ގަންނާކަށް ނުލިބެއެވެ.
ސައިހޮޓާތަކާއި ރެސްޓޯރެންޓްތަކުގައި ވެސް ބިސް ބޭނުންކޮށްގެން ހަދާ ކާތަކެތީގެ އަގު ވަނީ އުފުލިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އަހަރު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުދަލުގެ އަގު ހެޔޮ ކުރައްވާނެ ކަމަށް އިޝާރާތް ކުރައްވާފައި ވެއެވެ. ނަމަވެސް ކާބޯތަކެތީގެ އިތުރަށް އެހެނިހެން ތަކެތީގެ އަގު ދަނީ ހުއްޓުމެއްނެތި އުފުލެމުންނެވެ.
އެމެރިކާއަށް އެތެރެކުރާ މުދަލުން ޓްރަމްޕުގެ ސަރުކާރުން ނަގާ ޑިއުޓީ ބޮޑުކުރުމުން، މުދަލުގެ އަގު އިތުރަށް ބޮޑުވެދާނެ ކަމުގެ ބިރު އެބައޮތްކަމަށް އިޤްތިޞާދީ މާހިރުން ދަނީ ބުނަމުންނެވެ. އިންފްލޭޝަން މަތިވުމުގެ ސަބަބުން އޭގެ އަސަރުތައް އެހެން ދާއިރާތަކަށް ވެސް ދަނީ ކުރަމުންނެވެ.
މައުލޫމާތު: އެސޯސިއޭޓެޑް ޕްރެސް