އެއާޕޯޓު ތަކުގެ ސެކިޔުރިޓީ މަތިކޮށްފި

ރާއްޖޭގެ އެއާޕޯޓުތަކުގެ ސެކިޔުރިޓީވެސް މިހާރުވަނީ މަތިކޮށްފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ އެއާޕޯޓު ތަކުގެ ސެކިޔުރިޓީ މަތިކޮށްފައިވަނީ ސިފައިންގެ އެލާޓު ލެވެލް މަތިކޮށް ހަތިޔާރާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާން ފެށުމުން އޭގެ ދަށުން ކަމަށެވެ.

ޢާޒިމް ވިދާޅުވީ ސިފައިންގެ އެލާޓް ލެވެވަލް އާދައި ގެ ލެވަލް އަށްވުރެއް "އެއްލެވަލް" މިހާރުވަނީ މަތިކުރެވިފައި ކަމަށެވެ. އެއީ ނުރައްކަލެއް ނުވަތަ ތުރެޓެއް އޮވެގެން ކުރިކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "މިއީ ފަހަރެއްގައި ވެސް ކަނޑަ އެޅިގެން ވަކި ނުރައްކަލެއް ނުވަތަ ތުރޭޓެއް އޮވެގެން އެޅިފިޔަވަޅެއްނޫން. އެލާޓް ސްޓޭޓަސް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް،" ޢާޒިމް ވިދާޅުވިއެވެ. އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަށް ޢާއްމުކޮށް ބަދަލުކުރާނީ ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުންނެވެ.

މޭޖަރ ޢާޒިމް ވިދާޅުވީ ސިފައިންގެ ޢާއްމު ޙާލަތުން އެހެންހާލަތަކަށް ބަދަލުކުރުމަށް "އެލާޓް" ސްޓޭޓަސް މަތިކުރުމަށް ޢަމަލު ކުރުމަށް ވަކި ދަރަޖަތަކެއް އޮންނަ ކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ މީހުން ހޯދައި އެމީހުން ބަންދު ކުރުމަށް ފުލުހުންނާއި ސިފައިން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދުވަސްވަރެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.