ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހުގެ މުނާސަބަތުގައި، ނޭޕާލްގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަދި ބޮޑުވަޒީރު ބަލެންދްރަ ޝާހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މިދެބޭފުޅުންނަށް ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ރާއްޖެއާއި ނޭޕާލާއި ދެމެދުގައި އޮތް ގުޅުމަކީ ދެޤައުމުގެ މެދުގައި އޮންނަ އިޙްތިރާމާއި، ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، މިގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައިވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ދެޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގާއިމްވެފައިވާ ދޭދޭ ގުޅުންތައް އިތުރަށް ފުޅާކުރުމަށާއި ދެޤައުމާއި ރައްޔިތުންނާއި ދެޤައުމުގެ ތަރައްޤީއާއި ފައިދާއަށް ދެފަރާތުގެ މަސްލަހަތު ހުރި ދާއިރާތަކުންނާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ މަންސަތަކުގެ ތެރެއިން މި ގުޅުން ހަރުދަނާކުރުމުގެ އުންމީދު އެމަނިކުފާނުގެ ސިޓީފުޅުތަކުގައި އައުކުރަައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ ނޭޕާލްގެ ރައީސަށާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.

ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހަކީ 20 ސެޕްޓެންބަރު 2015 ގައި އެ ޤައުމުގެ އާ ޤާނޫނު އަސާސީ ތަންފީޒުކުރަން ފެށި ދުވަހާ ގުޅުވައިގެން ފާހަގަކުރާ ދުވަހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.