ރާއްޖޭގެ އުތުރާއި ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރު ހަދަން ފީޒިބިލިޓީ ހަދާއިރު އުތުރުން ބަލާނީ އިހަވަންދިއްޕޮޅު ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން މިއަދު މީޑިއާއަށް ދެއްވައިފައިވާ މަޢުލޫމާތު ބުނާގޮތުން ދެކުނުގައި ޓްރާންޝިޕްމަންޓް ބަނދަރު ހަދަން ފީޒިބިލިޓީ ހަދާއިރު ބަލާނީ ލ. އަތޮޅާއި ހުވަދުއަތޮޅާ ދެމެދު އޮންނަ ހުވަދޫކަނޑު ކައިރިން އެކަމަށް އެންމެ އެކަށީގެންވާ ތަނެއް ކަމަށެވެ.
ބައިނަލްއަގުވާމީ މެރިޓައިމްއާ ގުޅުންހުރި އެހެނިހެން ޚިދުމަތްތަކާއެކު ތަރައްގީ ކުރާ މި ދެ ބަނދަރުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި މިއަދު ވަނީ ސޮއި ކުރައްވައިފައެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މިމަސައްކަތް ޙަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ އެމްޓީބީއެސް އަދި ޑެންމާކުގެ ނީރާސް ގެ ޖޮއިންޓް ވެންޗަރ ކުންފުންޏާއެވެ. އެމީހުންނާ އެމަސައްކަތް ޙަވާލުކުރައްވާފައިވަނީ އަށްލައްކަ ފަސްދޮޅަސް ހާސް ހަސަތޭކަ ސައްބީސް ޑޮލަރަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ، އަދި އެކްޓިން ޕަރމަނަންޓް ސެކްރެޓަރީ އަޙުމަދު މިގުދާދެވެ. ނެދަރލޭންޑް ކުންފުނިން ސޮއިކުރެއްވީ އޮތޮރައިޒްޑް ޑައިރެކްޓަރ ކޮމާސް މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒުނަސް ސޮލިއުޝަން، އެންތަނީ ވެންޑަރ އެވެ.
އެކުންފުންޏާ މިމަސައްކަތް ހަވާލުކުރެއްވީ އެ ކަމަށް ބީލަމަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅައި ބީލަން ކާމިޔާބުކުރުމުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
އެ ދެރަހައްދުގެ އިތުރުން ބަންކަރިން ބޯޓުފަހަރު މަރާމާތު ކުރުމާއި، ބޯޓުފަހަރަށް ސަޕްލައިކުރުމަށް ޚާއްސަކޮށްގެން ހިތަދޫ ބައިނަލްއަގުވާމީ ބަނދަރު ތަރައްގީ ކުރުމުގެ ފީޒިބިލިޓީވެސް އެކުންފުނިން ހަދާނެއެވެ. އަދި ފީޒިބިލިޓީއަށް ބިނާކޮށް މަޝްރޫއު ކުރިއަށް ގެންދާނެގޮތާބެހޭ ދިރާސާތައް ވެސް ކުރާނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ މި ކޮންސަލްޓެންސީގެ ދަށުން ހަދާ ދިރާސާތަކުގެ އަލީގައި މިމަޝްރޫޢު ކާމިޔާބު ކަމާއެކު ތަންފީޒު ކުރުމެވެ. "މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ޑައިވަރސިފައިކުރެވި ދިގުމުއްދަތަށް ދެމިގެންދާނެ އިންގިލާބީ ހެޔޮބަދަލުތަކެއް ރާއްޖޭގެ އިގްތިސާދަށް ގެނައުމެވެ." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މާލެ ސަރަހައްދު ނޫން އެހެނިހެން ސަރަހައްދުތައް ވެސް ތަރައްގީ ވުމަށްމަގުފަހި ކުރުމާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް އެދެވޭ ހެޔޮ ބަދަލުތަކެއް ގެނައުމަކީ ވެސް ސަރުކާރުގެ މަގުސަދެއްކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.