
ކަޝްމީރަށް އިންޑިއާގެ ޤާނޫންއަސާސީން ލިބިފައިވާ ޚާއްޞަ އިމްތިޔާޒުތައް މީގެ 125 ދުވަސްކުރިން އިންޑިއާއިން ނިގުޅައިގަތެވެ. އެއީ މި އަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ކަޝްމީރުގައި ކާފިއު ހިންގައި އަނިޔާވެރިވެރިކަމެއް ގާއިމުކޮށް "ކަޝްމީރު ބަންދުކޮށްްތަޅުއެޅުވިއެވެ."

ކަޝްމީރުގައި ކާފިއުހިންގައި ރައްޔިތުންނަށް ދެމުންދާ އަނިޔާތަކުގެތެރޭގައި މިސްކިތްތަކަށް ގޮސް ހުކުރުނަމާދު ކުރާނެ ފުރުސަތެއް ނުދިނުންވެސް ހިމެނެއެވެ. ކަޝްމީރުގެ "ޖާމިޢު މަސްޖިދް"އަށް ގޮސް ހުކުރުކުރުމުގެ ހުއްދަ ނުދޭތާ 18 ހަފުތާ ވެއްޖެއެވެ.
ކަޝްމީރުގައި އެކަށީގެންވާ މުއާސަލާތީ ޚިދުމަތެއް ނެތެވެ. އިންޓަރނެޓުގެ ޚިދުމަތް ވަނީ ކަނޑާލާފައެވެ.
ކަޝްމީރުގެ އެކި ސަރަހައްދުތަކުގައި ދަނީ ނަރެންދުރަ މޯދީގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުންނެވެ. އިންޑިއާގެ އަނިޔާވެރިކަމާ ދެކޮޅަށް ދަނީ އަޑުއުފުލަމުންނެވެ. ކަޝްމީރުގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ހަރުކަށި އަދި އަނިޔާވެރި ފިޔަވަޅުތަކާ ދެކޮޅަށް ނުރުހުން ފާޅުކުރަމުންނެވެ.

ކަޝްމީރުގައި ކާފިއު ހިންގުމާއެކު ފިހާރަތަކާއި މަދުރަސާތަކާއި ކޮލެޖުތަކާއި ޔުނިވަސިޓީތައް ބަންދުކުރެވުނެވެ. ބަސްދަތުރުތައް ހުއްޓުމަކަށް އައެވެ.
އިންޓަރނެޓުގެ ޚިދުމަތް ކަނޑާލުމާއި ފިހާރަތައް ބަންދުކުރަން ޖެހުމާއި ދަތުރުފަތުރުގެ ނިޒާމު ފުނޑާލުމުގެ ސަބަބުން ކަޝްމީރު ވަނީ ބަނޑަށްޖެހިފައެވެ. ފަތުރުވެރިކަމަށް މަޝްހޫރު ކަޝްމީރަށް ފަތުރުވެރިން ދަތުރެއް ނުކުރެއެވެ. ކަޝްމީރުގައި ހައްދާ މާމެލާމެލީގެ ވިޔަފާރ ވަނީ މުޅިން ހުއްޓިފައެވެ. ދަނޑުވެރިކަމާއި މޭވާގެ ބާޒާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. އޭޝިއާގެ އެންމެ ބޮޑު ކާޕެޓް ފެކްޓްރީ ހުންނަނީ ކަޝްމީރުގައެވެ. އެތަނުގެ ވިޔަފާރި ވަނީ ބަނގުރޫޓުވާން ކައިރިވެފައެވެ.

ކަޝްމީރުގައި ކާފިއުހިންގި ފަހުން ފާއިތުވި 125 ދުވަހުގެތެރޭގައި އިންޑިއާގެ ސިފައިންނާއި ކަޝްމީރުގެ ރައްޔިތުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިންޑިއާގެ ސިފައިން ވަނީ ކަޝްމީރުގެ 38 މީހުން ޝަހީދުކޮށްލާފައެވެ. އަދި އިންޑިއާ ސިފައިންގެ ހަމަލާތަކުގައި 1300 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު އެތައް ސަތޭކަ ބަޔަކު ވަނީ ބަންދުކޮށްފައެވެ. ބައެއް މީހުން ގޭބަންދުގައެވެ. އަނެއްބަޔަކު ޖަލުބަންދުގައެވެ. އަމުނުއަމާންކަމަށް ނުރައްކާވާކަމަށް ބުނެ ހައްޔަރުކުރާ އެތައް ބަޔަކު ވީނުވީތަނެއް ވެސް ނޭނގެއެވެ.
ކަޝްމީރުގެ ރައްޔިތުން އުއްމީދު ކުރަމުން ދަނީ އިންޑިއާގެ އަނިޔާވެރިކަމުން މިންޖުވެ، އަމިއްލަ މިނިވަން ވެރިކަމެއް ގާއިމުކުރެވޭނެ ދުވަހަކަށެވެ.