
ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.
މަޖިލީހުގެ މިހާރުގެ ދައުރު ހުސްވި ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވާ ގޮތަށް ކުރިން އޮއްވައި ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހަށް ފަހުން އިތުރުކޮށްފައި އޮތް ނަމަވެސް މިއަދު މަޖިލީހުން ވަނީ އިތުރަށް ދެދުވަސް ހިމެނުމަށް ފާސްކޮށްފައެވެ.
މަޖިލީހުގެ ދައުރު އިތުރު ކުރުމަށް މިއަދު ވޯޓަށް އެހީ 7 ޑިސެމްބަރު 2019 ގެ ނިޔަލަށެވެ. ދައުރު އިތުރު ކުރަން 61 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ. ދައުރު އިތުރު ކުރަން ނުފެންނަ ކަމަށްވެސް ދެ މެމްބަރަކު ވޯޓު ދެއްވިއެވެ. ވަކިގޮތަކަށް ވޯޓު ނުދެއްވައިވެސް އެއް މެމްބަރަކު އިންނެވިއެވެ. ވޯޓުގައި ބައިވެރިވެވަޑައިގަތީ 63 މެމްބަރުންނެވެ. ފާސްވުމަށް ބޭނުންވާ އަދަދަކީ 32 ވޯޓެވެ.
މަޖިލީހުގެ ދައުރު އިތުރު ކުރީ މަޖިލީހުގެ މަސައްކަތްތައް އަދިވެސް ގިނަ އަދަދަކަށް ހުރުމުން ކަމަށްވެއެވެ. އެހެންކަމުން ދައުރު ނިންމައި މެމްބަރުން ޗުއްޓީއަށް ވަޑައިގަންނަވާނީ ޑިސެމްބަރު 8 ވަނަ ދުވަހުއެވެ.