ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ވިއްކުމުގެ ވިޔަފާރި ބަންދުވެއްޖެ: ރިފާއު

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އެންޓި ޑިފެކްޝަން ބިލުގެ ސަބަބުން މަޖިލީސް ގޮނޑި ވިއްކުމުގެ ވިޔަފާރި ބަންދު ވެއްޖެކަނަށް ޔަގީންކޮށްދޭ ކަމަށް މާފަންނު ދެކުނުދާއިރާގެ ޕީޕީއެމް މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.

ޓީވީއެމް "ފުރަތަމަ ގައުމު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ބޮޗޭ ވިދާޅުވީ "އަޅުގަނޑު ދަންނަވާނީ މިކަމުގެ (ބިލުގެ) ސަބަބުން މުޅިރައްޔިތުންގެ މަޖިލީހުގެ (މުއައްސަސާގެ) އަގު ރައްޔިތުންގެ ކުރިމަތީގައި އަނެއްކާވެސް އުފުލުމުގެ ފުރުސަތު ލިބުނީއޭ. އެހެންވީމާ ކުރިއަށް އޮތްތާގައި ރައްޔިތުންނަށް ވަރަށް ޔަގީން ވެގެންދާނެ ރައްޔިތުންގެ މަޖިލީހުގެ އެބުނާ ވިޔަފާރި ނުވަތަ އެބުނާ ފިހާރަ ބަންދުވެއްޖެކަން،" ބޮޗޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ގޮނޑި ވިއްކުމުގެ ވިޔަފާރި ހުއްޓާލެވިއްޖެކަން މި ބިލުން ޔަގީން އެބަކޮށްދޭ. ދެން އިރާދަ ކުރެއްވިއްޔާ ރައްޔިތުން ހޮވައިފައިތިބި މެންބަރުން ރައްޔިތުންގެ ވިސްނުމާއި ފިކުރާއި ޚިލާފަށް ކުއްލިއަކަށް އޭނާ ބޭނުންވާ ގޮތަކަށް އެކަން ކުރުމުގެ ފުރުސަތު މިއޮތީ ހަނިވެގެން ގޮސްފައި. ނުވަތަ އެފުރުސަތު ގާތްގަނޑަކަށް ގެއްލިގެން ގޮސްފައި،" ކަމަށެވެ.

ބޮޗޭ ވިދާޅުވީ ޕާޓީއެއްގެ ނަމުގައި މީހަކު މަޖިލީހަށް ކުރިމަތި ލުވުމުން އެމީހަކަށް ވޯޓުދޭނީ ހަމައެކަނި އެޕާޓީގެ މެންބަރުން ނޫންކަމަށެވެ. އެންމެންގެ ވޯޓާއެކު އެމީހަކު މަޖިލީހަށް އިންތިޚާބު އެކުރަނީ ސީދާ ޕާޓީގެ ނަމުގައި ކުރިމަތިލައިގެން ޕާޓީގެ ގޮނޑިއަކަށް ކަމަށެވެ. އެހެންވީމާ އެ އިންތިޚާބު ކުރާ މުއްދަތަކަށް އެމީހަކު ޕާޓީގައި ހުންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮނޑިއަކީ ރައްޔިތުން ހަވާލުކުރާ އަމާނާތެއް ކަމަށާއި ރައްޔިތުންނާ ހަމައަށް އެ އަމާނަތް ގެންދަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމީހަކު ހޮވުނު ޕާޓީއާމެދު އެމީހެއްގެ އިތުބާރު ގެއްލިއްޖެނަމަ އިސްތިއުފާދީފައި ނުކުތުމުގެ ގަޓު ހުންނަންޖެހޭނެ ކަމަށްވެސް ބޮޗޭ ވިދާޅުވިއެވެ. އެއަށްފަހު އެހެން ގޮތަކަށް އަލުން ނުކުންނަށް ވިސްނުން ހުރިނަމަ އެގޮތަކަށް ނުކުތުމުގެ ފުރުސަތު އޭރުން އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންނަމަވެސް މިއަދު މިވާގޮތަކީ ކުއްލިއަކަށް ބޭނުންވީމާ ކުލަ ބަދަލުކޮށްލަނީ. އެހެންވީމައި ކޮބައިތޯ ރައްޔިތުންގެ ހައްގު. މިބިލަކީ ރައްޔިތުންގެ ބާރުވެރިކަން އަނެއްކާވެސް ރައްޔިތުންނާ ހަމައަށް ގެނެސްދިން ބިލެއް. އެބިލަށް ވޯޓުދެއްވީ ރައްޔިތުންނާއި ގައުމަށް ވަފާތެރި އިޚުލާސްތެރި 36 މެންބަރުން. އެ އެންމެންނަށް ޝުކުރުދަންނަވަން،" ބޮޗޭ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.