ސެޕްޓެމްބަރުގައި ވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނާ ގުޅޭ މައްސަލަ: ޖެންޑަރ

ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ގެންދަވަނީ ކުޑަކުދިންނަށްކުރާ އަނިޔާގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން.

ހުސްވި ސެޕްޓެންބަރު މަހު ވެސް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް އަށް އެންމެގިނައިން ހުށަހަޅައިފައިވަނީ ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ސެޕްޓެމްބަރުމަހުގެ ތަފާސް ހިސާބުތައް ތައްކާ ގޮތުން އެމިނިސްޓްރީއަށް ޖުމްލަ ހުށަހަޅާފައިވަނީ 251 މައްސަލައެވެ. އޭގެ ތެރެއިން 125 މައްސަލައަކީ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލައެވެ. އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އިހުމާލުވުމުގެ 37 މައްސަލައެއް ވަނީރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ ހާނީއްކައިގެ 27 މައްސަލަ، ޖިންސީ ހާނީއްކައިގެ 24 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ. އޭގެ އިތުރަށް ނަފްސާނީ ހާނީއްކައިގެ 12 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 4 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ 3 މައްސަލަ، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ 3 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

ކުޑަކުދިން ޙައްޤުތަކުން މަޙްރޫމުކުރުމުގެ 7 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތަޢުލީމަށް ހުރަސް އެޅުމުގެ 3 މައްސަލަ، ވެކްސިން ނުދިނުމުގެ 2 މައްސަލަ، އައިޑީކާޑު/ ޕާސްޕޯޓް/ އުފަންދުވަހުގެ ސެޓުފިކެޓު ހޯދުމާ ބެހޭ 1 މައްސަލަ އަދި އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ 1 މައްސަލަ އެވެ.

ޢާއިލީ 26 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ދިމާވާ 12 މައްސަލަ، ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 8 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 6 މައްސަލަ ހިމެނެއެވެ.

އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 6 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.

އެ ފަދަ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތި ވިއްކުމުގެ 1 މައްސަލަ، މަސްތުވާތަކެތި ބޭނުންކުރުމުގެ 1 މައްސަލަ އަދި ވައްކަންކުރުމުގެ 1 މައްސަލަ ހިމެނެއެވެ.

ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 14 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ.

އެ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 7 މައްސަލަ އަދި ގެއިން ނުކުމެގެން ދިޔުމުގެ 3 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެ ގޮތުން މި ބާވަތުގެ 12 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 9 މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ 5 މައްސަލަ، އިހުމާލުވުމުގެ 5 މައްސަލަ، މާލީ ނުވަތަ އިޤުތިޞާދީ ފުއްދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 3 މައްސަލަ، ބާރާއި ނުފޫޒު ފޯރުވުމުގެ 2 މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ 2 މައްސަލަ، ރޭޕްކުރުމުގެ 1 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 1 މައްސަލަ އަދި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 23 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 16 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 7 މައްސަލައެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 9 މައްސަލަ މިދިޔަ މަހު ވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.