ޖެންޑަރ މިނިސްޓަރ އިސްތިއުފާ ދެއްވައިފި

ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ގެންދަވަނީ ކުޑަކުދިންނަށްކުރާ އަނިޔާގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން.

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލްސާވިސަސްގެ މަގާމުން ޝިދާތާ ޝަރީފް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

އެކަމަނާގެ އިސްތިއުފާގެ ސިޓީ މިއަދު ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ބަދަލުގައި ޖެންޑަރ މިނިޓަރަކަށް ޢާއިޝަތު މުހައްމަދު ދީދީ އައްޔަން ކުރައްވަން ނިންމަވައިފި ކަމަށް ވެސް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. އޭނާއަކީ މިވަގުތު ރާއްޖެއިން އިންޑީއާއަށް ކަނޑައަޅައިފައިވާ ސަފީރެވެ.

މިނިސްޓަރު ކަމުގެ އިންނަވައިގެން އެކަމަނާ ކޮށްދެއްވި މަސައްކަތަށް ރައީސް ވަނީ ޝުކުރާ އަދާ ކުރައްވައިފައެވެ. މިނިސްޓަރ ޝިދާތާ އިސްތިއުފާ ދެއްވީ އެކަމަނާ އިސްތިއުފާ ނުދެއްވައިފިނަމަ ރައްޔިތުންގެ މަޖިލީހުގައި އެކަމަނާގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނަންގަވާނެ ކަމުގެ އިންޒާރު މަޖިލީހުގެ ބައެއް މެމްބަރުން ދެއްވައިފައިވަނީކޮށްނެވެ.

އެކަމަނާ އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވީ މަގާމުގެ މަސްއޫލިއްޔަތުން ރަނގަޅަށް އަދާ ނުކުރެވޭ ކަމުގެ ތުހުމަތާއެކުގައެވެ.

ގ. ނީރުވީކް، އަހުމަދު ހިޝާންގެ، ބެލެނިވެރިކަމުގެ ދަށުގައި، ހުރި ޚާއްސަ އެހީއަށްބޭނުންވާ ޒުވާނެއްގެ މައްސަލާގައި ވެސް މިނިސްޓަރ އިހުމާލުވެފައިވާ ކަމުގެ ތުހުމަތު ކޮށްފައިވެއެވެ. އިޝާނަކީ ޖިންސީ ގޯނާކު ކަމުގެ ތުހުމަތު ވެސް ކުރެވިފައިވާ މީހެކެވެ. އޭނާގެ ޕާސްޕޯޓުވެސް މިހާރުވަނީ ހިފަހައްޓައި މައްސަލަ ބަލަން ފަށައިފައެވެ.

ޝިދާތާ މިނިސްޓަރު ކަމުން ވަކި ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ 45 މެންބަރުންގެ ވޯޓުން އިއްޔެ ވަނީ ނިންމަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.