މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރި މީހުންގެ 69 އިންސަތައަކީ  ޢުމުރުން 18 އަހާރި 34 އަހަރާ ދެމެދުގެ ޒުވާނުން

Photo: PSM News

މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ 69 އިންސަތައަކީ  ޢުމުރުން 18 އަހާރި 34 އަހަރާ ދެމެދުގެ ޒުވާނުން ކަމަށް ތަފާސް ހިސާބާ ބެހޭ ޤައުމީ އިދާރާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާގޮތުގައި މިދިޔަ އަހަރު މަސްތުވާތަކެތީގެ 2188 މައްސަލަގައި 1490 މީހުން ހައްޔަރު ކޮށްފައިވެއެވެ. އޭގެތެރެއިން 54 އިންސައްތައަކީ ޢުމުރުން 25 އަހަރާއި 39 އަހަރާ ދެމެދު މީހުންނެވެ. 30 އިންސައްތަ އަކީ ޢުމުރުން 16 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންނެވެ. އަދި15 އިންސައްތަ އަކީ 40 އަހަރުން މަތީގެ މީހުންނެވެ،  ޢުމުރުން 16 އަހަރުން ދަށުގެ ނިސްބަތް ހިމެނެނީ އެއް އިންސައްތައިގައެވެ.

މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި ޙައްޔަރުކޮށްފައިވާ މީހުންގެ ތަފާސް ހިސާބުތަކުން ހާމަވާގޮތުގައި 88 އިންސައްތައަކީ ދިވެހިންނެވެ. 11 އިންސައްތަ އަކީ ބިދޭސީންނެވެ. މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ފިރިހެނުންގެ ނިސްބަތް 97 ގައި އުޅޭއިރު އަންހެނުންގެ ނިސްބަތަކީ ތިނެކެވެ.

މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން 45 އިންސައްތަ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ ކުށުގައެވެ. 29 އިންސައްތަ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައެވެ. ފަނަރަ އިންސައްތަ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރީ ކުރުމުގެ ކުށުގައެވެ. އަދި ނުވަ އިންސައްތަ  މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުށުގައެވެ.

މަސްތުވާ ތައްކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ  ދުވަހާ ގުޅިގެން ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ އިއްޔެ ދެއްވި ޚިތާބުގައި ވަނީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ރާއްކޖޭގައި ކުރާ މަސައްކަތް ކާމިޔާބު ކުރުމަށް މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެކަމަކީ ހަމައެކަނިސަރުކާރަކުން ކުރެވޭނެކަމެއް ނޫންކަން ވެސް ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުނަށް ޚާއްޞަ ފަރުވާއެއް ކަމަށް މެތަޑޯން މެއިންޓެނަންސް ތެރަޕީ އަންނަ ސެޕްޓެމްބަރ މަހުގެ ތެރޭގައި އަލުން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ޖެންޑަރ މިނިސްޓަރ އިއްޔެ ވަނީ އިޢްލާން ކުރައްވައިފައެވެ. ކުރިން ރާއްޖޭގައި ވެސް މި ފަރުވާ ދެމުން ގެންދިޔައެވެ. ނަމަވެސް، ތަފާތު ސަބަބުތަކާހެދި އެޕްރޮގްރާމްވަނީ މީގެ 3 އަހަރު ދުވަސް ކުރިން ހުއްޓާލާފައިކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މެތަޑަންސް ތެރަޕީ އަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށް ވެސް މިނިސްޓަރ ޢާއިޝާ ފާހަގަ ކުރެއްވިއެވެ. މިފަރުވާ އަލުން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ އިންޑިޔާ ސަރުކާރުގެ އެހީގައެވެ. އެގޮތުން އޯލް އިންޑިޔާ މެޑިކަލް ސައިންސަސް (އެއިމްސް) ގެ އެހީތެރިކަމާއެކު މެތަޑޯން ތެރަޕީ ފެށުމުގެ މަޝްވަރާ ތަކެއް ކުރެވި، މިފަރުވާއަށް ބޭނުންވާ ބޭސް ރާއޖޭން ބޭރުން ގެނެސް، ސެޕްޓެމްބަރު މަހު ފަރުވާގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން ދާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ..

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.