މަސްތުވާތަކެތީގެ ނޭދެވޭ އަސަރު ކޮންމެ މީހަކަށް ވެސް ކޮށްފާނެ: މިނިސްޓަރ ޝިދާތާ

މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި، ގިނަ ފަހަރަށް ޤަބޫލުކުރެވިފައި އޮންނަނީ، އެ ކަމުގެ ސަބަބުން އަސަރުކުރާނީ އެ ކަމުގެ ޝިކާރައަށްވެފައިވާ މީހާއަށް ނުވަތަ އެ ފަދަ މީހެއްގެ ޢާއިލާއަށް އެކަނި ހީވެފައި އޮތަސް ކޮންމެ މީހަކަށް ވެސް އެކަމުގެ އަސަރު ކޮށްފާނެ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ނޭޝަނަލް ޑްރަގް އޭޖެންސީން އިންތިޒާމުކުރާ އޯޕަން ޑޭ ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ އެކަން އެގޮތަށް ޤަބޫލު ކުރެވުނު ނަމަވެސް ޙަގީގަތަކީ "މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރާ މީހުންގެ ސަބަބުން، އެ ކަމުގެ ނޭދެވޭ އަސަރު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ކޮންމެ ފަރުދަކަށް ވެސް ފޯރާކަން. އެ ގޮތުން، ދައުލަތުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ކުރެވޭ ޚަރަދު އިތުރުވުމާއި، އަމަންއަމާންކަން ބެލެހެއްޓުމާއި ތަޙުޤީޤީ، ތަންފީޒީ އަދި ޝަރުޢީ ދާއިރާއަށް ކުރެވޭ ޚަރަދު އިތުރުވެގެން ދިއުން ހިމެނޭ. އޭގެ ނަތީޖާއަކީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައްޔާއި ތަރައްޤީގެ މަޝްރޫޢަށް ކުރެވޭ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެން ދިޔުން،" މިނިސްޓަރ ވިދާޅުވިއެވެ.

މި ސަބަބުތަކަށްޓަކައި މަސްތުވާތަކެތީގެ ސަބަބުން ތިމާއަށާއި މުޖުތަމަޢުއަށް ކުރާ ނޭދެވޭ އަސަރާމެދު ވިސްނުން އިސްކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.  އެކަން އެގޮތަށް ކުރުމުގައި މުޖުތަމަޢުގެ ދައުރު ފުޅާކުރުމުގެ ގޮތުން ސަރުކާރުން ވެސް މަގުތަކެއް ކޮށައި، ސިޔާސަތުތަކެއް އެކަށައަޅުއްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެ ސިޔާސަތުގެ ދަށުން ރިހެބިލިޓޭޝަން ހަދައި ހިންގުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލުން ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތަށް އެކަން ކުރައްވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އެތައް ސަތޭކަ މީހުން ފަރުވާ ހޯދުމަށް ފަހު އަނބުރާ މުޖުތަމަޢުއަށް ނުކުތުމަށް އެދިފައިވާތީ އެވެ. އޭގެ އިތުރަށް "ޒުވާނުންނާއި ކުޑަކުދިން މަސްތުވާތަކެތީގެ ޝިކާރައަށް ވުމުން ރައްކާތެރިކުރުމުގެ ގޮތުން ޕްރިވެންޝަން މަސައްކަތް ހަރުދަނާކުރުން ހިމެނޭ. މި މަސައްކަތް ވެސް ކުރިއަށް ދާނީ އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއި މުޅި މުޖުތަމަޢުގެ ޝާމިލުވުމާއެކު،" މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ މަސްތުވާ ތަކެއްޗަކީ ޤައުމެއްގެ ތަރައްޤީއަށާއި ކުރިއެރުމަށް ތަފާތު އެކި ގޮންޖެހުންތައް ކުރިމަތިކުރުވާ ވަބާއެއް ކަމަށެވެ. އެވަބާގެ ޝިކާރައަކަށް ވަމުންދާ ޒުވާނުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. "އެއީ ޤައުމު ބިނާކުރުމުގައި ދަތިތަކާއި ހުރަސްތައް ކުރިމަތިކުރުވާނެ ކަމެއްކަން ޔަޤީން. ޤައުމު ބިނާކުރުމުގައި މާދަމާ ޙަރަކާތްތެރިވާން އޮތް ޖީލު، ފަނާކުރަނިވި މި ނުރައްކަލުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް،" މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގެ ސަބަބުން އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ދިވެހިރާއްޖެއަށް ވެސް ނޭދެވޭ އަސަރު ފޯރަމުންދާ ކަމަށެވެ. އެގޮތުން  ރާއްޖޭގެ "އިޤުތިޞާދުގެ ތެރޭގައި ދައުރުވާ ގިނަ އަދަދެއްގެ ބޭރުފައިސާ ރާއްޖޭން ބޭރަށް ދިޔުމާއި، ވަގު ވިޔަފާރިއާއި ކަޅު ބާޒާރު ދުވަހެއް ދުވަހަކަށް ފުޅާވުމާއި، ވަޒީފާގެ ބާޒާރަށް ބޭނުންވާ އިންސާނީ ވަސީލަތް އުފެއްދުމަށް ހުރަސް އެޅިގެން ދިއުން ހިމެނޭ. އިޖުތިމާޢީ މައްސަލަތަކުގެ ތެރޭގައި، ތަފާތު އެކި ބާވަތުގެ ޖިނާއީ ކުށްތަކަށް އަރައިގަތުމާއި ޢާއިލީ މައްސަލަތައް އިތުރުވުން ފާހަގަކުރެވިފައިވޭ،" އެކަމަނާ ވިދާޅުވިއެވެ. އެހެންކަމުން ތަފާތު ފަންތީގައި މި ވަބާއިން ސަލާމަތްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން މީހުން އެއިން ލިބޭ ގެއްލުން ކިޔައިދީ މީހުން ހޭލުންތެރި ކުރުވުމާއި އޭގައި ޖެހުނަ ނުދީ ރައްކާތެރިކުރުމަށް ތަފާތު ފިޔަވަޅު އެޅުން ހިމެނޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.