
މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް އެމެރިކާއަށް ވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ އ.ދގެ ހެޑް ކުއަރޓަރސްގައި ކުރިއަށް ދާ "ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން"ގެ 63ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން އެމެރިކާއަށް ކުރައްވާ ދަތުރުފުޅެކެވެ.
މި މަހުގެ 9 އިން 20 އަށް ކުރައްވާ މި ދަތުރުފުޅުގައި "ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން"ގެ 63 ވަނަ ސެޝަންގައި މިނިސްޓަރ ޝިދާތާ ތަޤުރީރުކުރެއްވުމުގެ އިތުރުން ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދާ ސައިޑް-އިވެންޓްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މި ސެންޝަންގައި ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރަމުން ދާ މަސައްކަތްތަކާއި، އަންހެނުންނާއި އަންހެންކުދިންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރަމުން ދާ މަސައްކަތްތައް ޙިއްޞާކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭން ބެއިޖިންގ ޑެކްލަރޭޝަން އެންޑް ޕްލެޓްފޯމް ފޮރ އެކްޝަނާއި، ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެންސްޓް ވިމެން (ސީޑޯ) ތަންފީޒުކުރަމުން ދާ މިންވަރާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ޖެންޑަރ އިކުއަލިޓީގެ ޤާނޫނު އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި ދިވެހިރާއްޖޭން ކުރަމުން ދާ މަސައްކަތްތަކާއި، ބޭރުގެ ޤައުމުތަކާއެކު ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޤާނޫނުގައި ކަނޑައަޅައިފައިވާ ކަންކަން ތަންފީޒުކުރުމަށް ބާރުއެޅުމަށްޓަކައި ކުރަމުން ދާ މަސައްކަތްތައް ވެސް ޙިއްޞާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.