ދިވެހި ފުލުހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފާރަލަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެމަނިކުފާނަށް ދަންނަވާފައި ނުވާނެ ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން މިއަދު ޢާއްމު ކުރައްވާފައިވާ ބަޔާނެއްގައި މިހެން ވިދާޅުވީ ފުލުހުން އެމަނިކުފާނަށް ފާރަލަމުންދާ ކަމަށް އެމްއެންޑީއެފުން އެމަނިކުފާނަށް ދަންނަވާފައިވާ ކަމަށް ރައީސް ނަޝީދު ރޭ ވިދާޅުވެފައިވަނިކޮށްނެވެ.
އެމްއެންޑީއެފުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ "އެބޭފުޅެއްގެ ސެކިއުރިޓީ ބެލެހެއްޓުން ޤާނޫނީ ގޮތުން ލާޒިމްކޮށްފައިވާ ފަރާތްތަކުގެ ސެކިއުރިޓީއާ ގުޅޭގޮތުން ބައެއް ހާލަތްތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން މަސައްކަތްކުރަމުން ގެންދަމެވެ. އެގޮތުން މަސައްކަތްކުރަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ތްރެޓް ވަޒަންކުރުމަށްފަހު އޭގެ މައްޗަށް ބަލައިގެންނެވެ."
އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި އެ ނޫން ފަރާތަކުން ވިޔަސް އޭގެ އިތުރަށް އެމްއެންޑީއެފްގެ އެސެސްމެންޓުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައި ނުވާކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ. އެއްވެސް ފަރާތަކުން އެފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް ވާހަކަ ދެކެވޭނަމަ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އެމްއެންޑީއެފުން އަޅުއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.
ފުލުހުން ވެސް ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ފާރަލަމުން ނުދާ ކަމަށެވެ. އަދި އެމަނިކުފާނަށް އެއްވެސް ނުރައްކަލެއް އޮތްކަމަށް އެ އިދާރާއަށް ފާހަގަވެފައި ނުވާ ކަމަށެވެ. އެފަދަ ނުރައްކަލެއް އޮތްނަމަ އެމަނިކުފާނަށް ދެއްވަންޖެހޭ ރައްކާތެރިކަން އެމްއެންޑީއެފާ ގުޅިގެން ދެއްވަމުން ގެންދަވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ނަޝީދޫ ބޭކާރު ވާހަކަ މާ ގިނަވަނީ. ރައީސް ދައްކަވަން ޖެހޭ ވަހަކަ ވެސް ދައްކަވަނީ ނަޝީދު.3 ބަރު ވަކިވެފައެއް ނެތް.