ކުރީގެ ދެ ސަރުކާރުން ނަގައިފައިވާ ދަރަނި ރީސްޓްރަކްޗަރ ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ކުރީގެ ދެ ސަރުކާރުން ނަގައިފައިވާ ދަރަނި ޖުރިމަނާއަކާ ނުލާ ރީސްޓްރަކްޗަރ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދުގެ ހާލަތުގައި އެންމެ ބުއްދިވެރި ގޮތަކީ 2012 އާއި 2018 އާ ދެމެދު ނަގާފައިވާ ދަރަނިތައް އިތުރު ޖޫރިމަނާއަކާ ނުލައި ރީސްޓްރަކްޗާ ކުރުން (އަނބުރައި ދައްކާނޭ ގޮތް އަލުން އެކުލަވައިލުން) ކަމަށެވެ. ފާހަގަ ކުރައްވައިފައިވާ މުއްދަތަކީ އެ މަނިކުފާނުގެ ވެރިކަން ވެއްޓުމަށް ފަހު މިހާރު އޮތް އެމްޑީޕީ ސަރުކާރު އެކުލަވައިލުމާ ހަމައަށް ހޭދަވީ މުއްދަތުގެ ދަރަނި ތަކެވެ. ރައީސް ވަޙީދާއި ރައީސް ޔާމީންގެ ވެރިކަމުގެ ދަރަނި ތަކެވެ.

ރައީސް ނަޝީދު ވިދާޅުވީ ދަރަނި ނުރައްކަލަކަށް ވަނީ ދަރަނި އަނބުރާ ދައްކަން ޖެހޭ އިރު އެވަރަށް އާމްދަނީ ނެތުން ކަމަށެވެ. ކުރީގެ ދެ ސަރުކާރުގައި ނަގާފައިވާ ގިނަ ދަރަނި ތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، ދައްކަން ޖެހިފައިވަނީ ރައީސް އިބްރާހީމް  މުޙައްމަދު  ޞާލިހްގެ ސަރުކާރުން ކަމަށް، ރައީސް ނަޝީދު  ފާހަގަކުރެއްވިއެވެ.

"މި ވަގުތު މިވަނީ ސަރުކާރުގެ އާމްދަނީ އެކީހެން ނެތިފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީ ދެ ސަރުކާރުން ނަގައިފައިވާ ދަރަނީގެ ބޮޑުބައެއް ދައްކަން ޖެހެނީ 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި އަދުގެ ޙާލަތުގައި، އެންމެ ބުއްދިވެރިގޮތަކީ 2012 – 2018 ގެ ދަރަނި އިތުރު ޖޫރިމަނާއަކާ ނުލައި ބިނާ ކުރުން" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ސަރުކާރުން އިންޑިއާއިން ލޯނު ނަގަމުންދާއިރު އެލޯނުތަކަކީ ދަރަނީގެ ދަންތުރައަކަށް ނުވާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ރައީސް ޔާމީން ވެރިކަމުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ކަމަށެވެ.

ދަރަނީގެ ދަންތުރުއަކަށްވާ ސަބަބަކީ ނަގާ ދަރަންޏާ އެއްވަރުގެ އެސެޓެއް ނުވަތަ ހަރު މުދަލެއް އެ ދަރަނި ބޭނުންކޮށްގެން ނުއުފެއްދުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނުވަތަ އެދަރަނި އަނބުރާ ދެއްކޭނެވަރުގެ އިޤްތިޞާދީ ޙަރަކާތްތަކެއް އެ ދަރަނި ބޭނުންކޮށްގެން ނުއުފެއްދެވުން ކަމަށް ވިދާޅުވިއެވެ. އިންޑިއާއިން ނަގާ ލޯނުތަކަކީ ވަރަށް ހާމަކޮށް ދެފުށް ފެންނަ ގޮތަށް ނެގެމުންދާ ލޯނުތަކެއްކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ދަރަނި ރިސްޓްރަކްޗަރ ކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފައިވާއިރު ޖީ-20 ގެ ޤައުމުތަކަށް ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ވަނީ މި އަހަރުގެ ނިޔަލަށް ފަސްކޮށް ދެއްވައިފައެވެ. އަދި މި މުހުލަތު އަންނަ އަހަރުގެ ނިޔަލަށް ދިގު ދަންމާލުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ގޮވާލައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.