
ފުލުހުންގެ ބަންދުގައި މިވަގުތު ހުންނެވި، ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމަކީ ސިޔާސީ ބޭފުޅެއް ނޫންކަމަށާއި އޭނާއާ މެދު ދައުވާ ނުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޔާދުގެ މައްޗަށް ދައުވާ ކުރުމަކީ ރަނގަޅު ކަމެއްނޫން ކަމަށާއި އެއީ ހުތުރު ކަމެއް ކަމަށެވެ.
"އިބްރާހީމް ސިޔާދު ގާސިމަށް ދައުވާ ކުރުން އެއްގޮތަކަށްވެސް ރަނގަޅެއް ނޫން. އެއީ ސިޔާސީ ބޭފުޅެއްނޫން. ރައީސް ޔާމީނަށް ދަންނަވަން ތިޔައީ ވަރަށް ހުތުރު ކަމެކޭ. އަޅުގަނޑުމެންގެ ދަރިންގެ ހިތްވަރު ހުންނާނެ، އެކަމަކު އަޅުގަނޑުމެންގެ ތަފާތުތައް ދަރިންނާ ހަމައަށް ގެންދިޔުން ބުއްދިވެރިއެއްނޫން. ސިޔާދު ވަގުތުން ދޫކޮށްލާ،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ފުލުހުންގެ ބަންދަށް ސިޔާދު ގެންގޮސްފައިވަނީ ގާނޫނީ ގޮތުން ރާއްޖޭގައި އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ވިލާކުންފުނި މެދުވެރިކޮށް އެކިފަރާތްތަކަށް ރިޝްވަތުގެ ފައިސާ ދިން ކަމުގެ ތުހުމަތުގައެވެ.
ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު ފާރިސް މައުމޫނާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލި ހަމީދާއި، ޖުޑީޝަން އެޑްމިނިސްޓްރޭޓަރ ހަސަން ސައީދާއި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމު ވަނީ ބަންދުކޮށްފައެވެ. މީގެ ތެރެއިން ބައެއް ބޭފުޅުންގެ ޝަރީއަތްތައްވެސް ވަނީ ފަށައިފައެވެ.