
"އެސްޓީއޯ ފާމަސީ ދަރުމަވަންތަ" ގެ ނަމުގައި އައު ފާރމަސީއެއް އެސްޓީއޯ އިން ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ހުޅުވައިފިއެވެ. އައި.ޖީ.އެމް.އެޗް ގެ ދަރުމަވަންތަ ކޮމްޕްލެކްސްގައި ހުޅުވި މި ފާމަސީ ރަސްމީކޮށް ހުޅުވައިދެއްވީ އައިޖީއެމްއެޗްގެ ސީއީއޯ އާއި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޙުސައިން ޢަމްރު މުޙައްމަދު ރަޝާދެވެ.
މި ފާމަސީގެ ޚިދުމަތް ހޮސްޕިޓަލްގެ އޯޕީޑީ ހުޅުވާފައި ހުންނަ ހުރިހައި ވަގުތެއްގައިވެސް ލިބޭނެކަމަށް އެސްޓީއޯ މެޑިކަލްސްއިން މައުލޫމާތު ދެއްވިއެވެ.
އެސްޓީއޯގެ އެހެން ފާމަސީތަކާއި އެއްގޮތަށް މިފާމަސީއިންވެސް އާސަންދަ އާއި، އެލައިޑް އަދި އަމާނާތަކައްފުލް އިންޝުއަރެންސް ކަވަރކުރާނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއްވިއެވެ.
ފާމަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ އިސްވެރިންނާއި އައި.ޖީ.އެމް.އެޗް ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެސްޓީއޯއިން ވަނީ ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވައި ޚިދުމަތް ދެއްވަން ފަށްޓަވައިފައެވެ. މިއީ އެ ކުންފުނިން ހުޅުވި 188 ވަނަ ފާމަސީއެވެ.