އެމް.ޑަބްލިޔު.އެސްސީގެ 2026 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މި އެވޯޑް ނައިޓް ބޭއްވުނީ، ކުންފުންޏަށް ދިގު މުއްދަތަށް ޚިދުމަތްކުރެއްވި މުވައްޒަފުންނާއި، ފާއިތުވި އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެއްވި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑްތައް ދިނުމަށެވެ.
މެންހެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވުނު މި ޝަރަފުވެރި ހަފްލާގައި، މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހުމާނު އެމް.ޑަބްލިޔު.އެސްސީގެ ބޯޑުގެ އެކްޓިންގ ޗެއާޕަރސަން ޢައިޝަތު ރޫޙީ، ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި، މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީގެ އިތުރުން، ސީނިއަރ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ.
2026 ވަނަ އަހަރު ތަފާތު 12 ކެޓަގަރީއަކުން 40 މުވައްޒަފަކު އެވޯޑް ހާސިލުކޮށްފައިވާއިރު، ކުންފުންޏަށް ދިގު މުއްދަތަށް ޚިދުމަތްކޮށްފައިވާ 69 މުވައްޒަފަކަށް ވަނީ ރިކޮގްނިޝަން އެވޯޑް ވެސް ދެވިފައެވެ.
މި ރަސްމިއްޔާތުގައި، މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ، 'OneMWSC' އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މިއީ އެމް.ޑަބްލިޔު.އެސްސީ އިން މުޅި ރާއްޖޭގައި ހިންގާ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކާއި، އިޖުތިމާޢީ ޒިންމާ (CSR) ގެ ޙަރަކާތްތަކުގެ އިތުރުން ޑިޖިޓަލް ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ކަނޑައެޅި މުހިންމު ސްޓްރެޓީޖިކް އޮނިގަނޑެކެވެ.
މި ޙަފްލާގައި ކުންފުނިން ދެވޭ އެންމެ ޚާއްސަ އެވޯޑު ކަމަށްވާ ޗެއާޕަރސަންސް އެވޯޑް ފޯރ އެކްސެލެންސް' ލިބިފައިވަނީ ކުންފުނީގެ ސީނިއަރ އިލެކްޓްރިކަލް އިންޖިނިއަރ ޙަސަން ޖަނާހް މޫސާއަށެވެ. މި އެވޯޑަކީ ކުންފުނީގެ ކުރިއެރުމަށާއި ތަރައްޤީއަށް ފާހަގަކުރެވޭ، އަގުހުރި އަދި އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދިނުމުގެ އިތުރުން، ކުންފުނީގެ ތަސައްވުރު ކުރިއެރުވުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކޮށްދެއްވާފައިވާ ފަރާތަކަށް ދެވޭ އެވޯޑެކެވެ.
