އަޅުކަމާއި ދިރިއުޅުން

ކޮންމެ ހެނދުނަކު އިރުއަރައެވެ. އަލި ދުވަހަކަށެވެ. ހަވީރުވުމުން ދުވަސް ނިމި އިރުއޮއްސެއެވެ. އަނދިރި ރޭގަނޑަކަށެވެ. އަނެއްކާވެސް އެހެން ދުވަހަކަށް އިރުއަރައެވެ. މިކަންކަމަކީ ބުއްދީގެ އަހުލުވެރީންނަށްޓަކައި އޭގައި ވަރަށްމަތިވެރި ދަލީލުތަކެއް ލައްވާފައިވާ ކަންތައްތަކެކެވެ. ނަމަވެސް އަޅުގަނޑުމެންގެތެރެއިން ބުއްދީގެ އަހުލުވެރިންގެ ތެރޭގައި ހިމެނެނީ ކިތައްމީހުން ބާވައެވެ. 


އާދެ! ކޮންމެ ދުވަހެއްގެ ހެނދުނު  ތެދުވެގެން އަޅުގަނޑު ދަނީ ދުވާށެވެ. އިރުއަރައިގެން އަންނަ މަންޒަރު އަޅުގަނޑު ދެކެމެވެ. ގެއަށް އައިސް ފެންވަރައި ސައިބޮއި ހަދައިގެން ދެން ދަނީ އޮފީހަށެވެ. މެންދުރުން އަނބުރައި އެއްގަޑި ބައި ވަންދެން ނުވަތަ ދޭއް ޖަހަންދެން އުޅެނީ އޮފީހުގެ މަސައްކަތުގައެވެ. ގެއަށް އައުމާއެކު، ގޭގެ މަސައްކަތެވެ. ހަވީރު ބާޒާރުކުރަން ދަނީއެވެ. ބައެއް ރޭރޭ ރައްޓެހިންނަށް ގޮވާލަންވެސް ގޮސްއުޅެމެވެ. ދެން ނިދަނީއެވެ.


ނިދުމުން އެވަނީ ޒާތެއްގެ މަރެކެވެ. ނޭވާލެވެއެވެ. ނަމަވެސް އެކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ވިންދު ޖަހައެވެ. ނަމަވެސް އިޙްސާސެއް ނުވެއެވެ. ދިރިއޮވެއެވެ. ނަމަވެސް އެކަމުގެ ފިކުރެއް ނުހިނގައެވެ. ވިސްނުމާއި ޚިޔާލު ކުރުމެއް ނެތެވެ. ޝުޢޫރާއި އިޙުސާސާތެއް ނެތެވެ. ނިދުމާއި މަރުވުމާ ހުރި ތަފާތަކީ ކޮބައިބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. ނަމަވެސް އަނެއް ދުވަހު ހެނދުނު ﷲ سبحانه وتعالى ގެ އޯގާވަންތަކަމުން، ހޭލުމުގެ ނަސީބު ލިބުމުން ނިދުމާއި މަރުވުމާހުރި ތަފާތު އެނގެއެވެ. އަނެއްކާވެސް އާދުވަހެއް ފެށޭތީއެވެ. އާދިރިއުޅުމެއް ލިބޭތީއެވެ. އެހެނަސް އާދެ! އާ ދުވަހަކަސް އާ ދިރިއުޅުމަކަސް ކުރާކަންތައްތައް އަލެއް ނޫނެވެ. ހަމަ އެ ދުވަހެވެ. ހަމަ އެ އޮފީހެވެ. ހަމަ އެ ގެއެވެ. އެ ބާޒާރެވެ. އެ ދުވަހުވެސް އިރު އޮއްސެނީއެވެ. އަނެއްކާވެސް ނިދުމެވެ. އަނެއްކާވެސް ހޭލުމެވެ. މިއީ، ދިރިއުޅުމެވެ. އަލުން މިދުނިޔެއަށް ހޭނުލެވޭ ގޮތަށް ނިދޭ ނިދުމާ ހަމައަށް އާދެ، މަރުވުމާހަމައަށް އުޅެން އޮތް ދިރިއުޅުމެވެ. މިދިރިއުޅުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟


މިދިރިއުޅުމުގެ ބޭނުމަކީ، ހަމައެކަނި މިދެންނެވިފަދަ ދުވަސްތަކާއި ރޭތަކުގެ ބޭނުންތަކަކަށް ވެއްޖެނަމަ، ނުވަތަ މަސައްކަތްތަކަކާއި އަރާމުގެ ބޭނުންތަކަކަށް ވެއްޖެނަމަ، އެބޭނުންތަކަކީ ދިރިއުޅުން ނިމުމާއެކު، ނިމިގެން ދާނޭ ބޭނުންތަކެކެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، ދިރިއުޅުމަކީ އެއްވެސް މަޤުޞަދެއްނެތް ދިރިއުޅުމަކަށް ވެގެންދާނެއެވެ.


އަޅުގަނޑުމެން އިންސާނުންނަށް ﷲ سبحانه وتعالى ދެއްވާފައި މިވާ ދިރިއުޅުމުގެ ނަސީބަކީ އެއްވެސް މަޤްޞަދެއްނެތް އެއްޗެއްކަމުގައި ވެދާނެތޯއެވެ؟ ބުއްދި ސަލާމަތުންހުރި އެކަކަށްވެސް ގަބޫލު ނުކުރެވޭނެކަން ކަށަވަރެވެ. މާތްﷲ އިންސާނުން ހައްދަވާފައިވަނީ އެންމެ ފުރިހަމަ މަޚްލޫޤުން ކަމުގައެވެ. އިންސާނުންގެ ވަށައިގެންވާ ކާއިނާތުގެ ހުރިހާކަމެއް ކޮންޓްރޯލް ކުރުމުގެ ބާރާއި ހުނަރުވެރިކަން އެމީހުންނަށް ދެއްވާފައިވެއެވެ. އެބާރާއި ހުނަރުވެރިކަން ހިންގުމުގެ ވިސްނުމާއި ފިކުރު އެމީހުންގެ ކިބައިގައި ލައްވާފައިވެއެވެ.

އިންސާނުން ކޮމްޕިއުޓަރ ހެދީ އެމީހުންނަށް ﷲ سبحانه وتعالى ދެއްވާފައިވާ ވިސްނުމުގެ ހަމަތަކަށް ބަލައިގެންނެވެ. ބޮޑެތިބޮޑެތި ކްރޭން ތައްޔާރުކުރީ އެކިއެކި ގުނަންތައް ހަމަޖައްސަވާ ފައިހުރިގޮތާއި އެގުނަންތައް މަސައްކަތް ކުރާގޮތް ބަލައިގެންނެވެ. އާދެ! މަށިން އުފައްދަވާފައިވާ އިންސާނުންގެ ހަށިގަނޑުގައިވަނީ ހުރިހާ ފުރިހަމަކަމަކާއި ރަނގަޅުކަންތައްތަކެއް ލައްވާފައެވެ.


މިފަދަ ފުރިހަމަ އިންސާނާ ދުނިޔެއަށް ފޮނުއްވައި ދިރިއުޅުމެއް ދެއްވާފައި މިވަނީ އޭގައި މަތިވެރި މަޤްޞަދެއް ނެތިއެއް ނޫނެވެ. މީގެ އަނެއް ޢަޤުލީ ދަލިލަކީ، އިންސާނުން އުޅެންވީ މަގުތައް ދެއްކެވުމަށްޓަކައި އެމީހުންގެ ތެރެއިން ﷲ سبحانه وتعالى ، ޚިޔާރުކުރެއްވި ރަސޫލުން މެދުވެރިކުރައްވައި ސަމާވީ ފޮތްތައް ބާވައިލައްވާފައި ވާކަމެވެ. އަދި އެ ފޮތްފޮތުގައި އިންސާނުންގެ ޙަޔާތުގެ މަޤުޞަދު ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވައި އަންގަވާފައިވާ ކަމެވެ. މިގޮތުން މިހާތަނަށް އެއްވެސް ކަހަލަ ބަދަލެއް ނައިސްއޮތް، ހަމައެކަނި ސަމާވީ ފޮތްކަމުގައިވާ އަޅުގަނޑުމެންގެ މުޤައްދަސް ޤުރްއާންގައި އަންގަވާފައިވަ ގޮތުން ޚާލިޤުވަންތަ ﷲ سبحانه وتعالى އެންމެހައި އިންސާނުންނާއި ޖިންނީން އުފައްދަވާފައިވަނީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އެނޫން އެއްވެސް ކަމަކަށް ނޫނެވެ.


މިހިސާބުން އުފެދޭ ސުވާލަކީ، އަޅުކަމަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. އަޅުކަމުގެ ގޮތުގައި ޝަރުޢުގައި ކަނޑައެޅިފައިވާ ކަންތައްތަކެއް ކުރިން ދެންނެވި ސަމާވީ ފޮތުން އެނގެން އެބައޮތެވެ. އަދި އެފޮތް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވުމަށް ﷲ سبحانه وتعالى މެދުވެރި ކުރެއްވި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މުޙައްމަދު رسوالله صلى الله عليه وسلم ގެ ސުންނަތުން ފެންނާން އެބަހުއްޓެވެ. އެކަމަކު ދިރިއުޅުމުގެ ހުރިހާ ވަގުތެއް އަޅުކަމުގައި ހޭދަކުރުމަކީ އެހާ ފަސޭހަކަމެއް ބާވައެވެ؟ ނުވަތަ ކުރެވޭވަރު ކަމެއް ބާވައެވެ.


އާދޭހެވެ! ދިރިއުޅުމުގެ ކޮންމެ ވަގުތަކީވެސް އަޅުކަމުގެ ވަގުތަކަށް ހެދިދާނެއެވެ. އަޅުގަނޑުމެން ކުރާ ޢަމަލުތައް ޞާލިޙު ޢަމަލުތަކަކަށް ބަދަލުކޮށްގެންނެވެ. އެ ޢަމަލުތަކަކީ، ހަމައެކަނި ﷲ سبحانه وتعالى އަށް ޚަލާޞް ވެގެންވާ ޢަމަލުތަކެއް ކަމުގައި ހަދައިގެންނެވެ. އެ ޢަމަލުތަކަކީ އެހެން މީހުންނަށް އުނދަގޫވުމެއް، ގެއްލުމެއްނެތް ޢަމަލުތަކަކަށް ވެގެންނެވެ. އެ ޢަމަލުތަކަކީ، އެހެން މީހުންނަސް ފައިދާހުރި ޢަމަލުތަކަކަށް ވެގެންނެވެ.


އަޅުގަނޑުމެން ކަސްރަތު ކުރަމުއެވެ. އަޅުގަނޑުމެންގެ ހަށިގަނޑު ރީތިކޮށް ވަރުގަދަކޮށް ބެހެއްޓުމަށްޓަކައެވެ. މީހުންނަށް ރީތި ހަށިގަނޑުތަކެއް ދައްކާކަށް ނޫނެވެ. އަދި ކީއްތޯއެވެ. ހެޔޮކަންތައްތައް ކުރުމަށްޓަކައި އެފަދަ ހަށިގަނޑުތަކަކަށް ބޭނުންވާތީއެވެ. ހެޔޮކަންތައްތައް ކުރުމަށް ﷲ سبحانه وتعالى އަންގަވާފައިވާތީއެވެ. މިހެން ވިސްނިއްޖެނަމަ، ކަސްރަތު ކުރުމަކީވެސް އަޅުކަމަކަށް ވީއެވެ. އޮފީހުގެ މަސައްކަތްވެސް ހަމަ އެގޮތެވެ. މުޖުތަމަޢުގެ ފައިދާއަށް ކުރާ މަސައްކަތެކެވެ. ޢާއިލާއާއި އަޅުގަނޑުމެންގެ ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި އާމްދަނީ ހޯދުމަށްކުރާ ޙަލާލު މަސައްކަތެކެވެ. މަސައްކަތްކޮށްގެން ދިރިއުޅެން އަންގަވާފައި ވާތީއެވެ. ނިދުންވެސް ހަމަ އެހެންނެވެ. ކެއިންބުއިންވެސް ހަމަ މިގޮތަށެވެ.


ވުމާއެކު، ދިރިއުޅުމުގައި ކުރާ ކޮންމެކަމެއްވެސް އެކަމެއް ކުރާގޮތަކުން އެއީ އަޅުކަމަކަށް ބަދަލުކޮށް ލެވިދާނެއެވެ. އަޅުގަނޑުމެންގެ ދިރިއުޅުމަކީ އަޅުކަމުން ފުރިފައިވާ ދިރިއުޅުމަކަށް ހެދިދާނެއެވެ. ދިރިއުޅުމުގެ މަޤުޞަދު ޙާޞިލުވާނީ އަޅުކަމާއި ދިރިއުޅުމާ ގުޅުވައިލެވޭ ގުޅުމެއްގެ މައްޗަށެވެ.

 

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.