ކުދީން ހެދިބޮޑުވާ ވަރަކަށް އެކުދީންގެ ހަށިގަނޑަށް ގިނަގުނަ ބަދަލުތަކެއް އާދެެއެވެ. މި ބަދަލުތައް އަންނަނީ ހަޔާތުގެ އެކި މަރުހާލާތަކުގައެވެ. އެހެންކަމުން ހަށިގަނޑަށް އަންނަ ބަދަލުތަކާ މެދު ކުދީން ހޭލުންތެރި ކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ހަށިގަނޑަށް ބަދަލުތަކެއް އަންނާނެ ކަން ނޭނގި ތިއްބާ ބަދަލުތައް އަންނަން ފެށުމުން ކުދީން ނުތަނަވެސްވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ މާޔޫސްވާ ގޮތް މެދުވެރިވެއެވެ.
ފަރާވަރު މަރުހަލާ އަކީ އަންހެން ކުދީންނާއި ފިރިހެން ކުދީންގެ ހަށިގަނޑަށް ޖިސްމާނީ އަދި ޖަޒުބާތީ ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. އެންމެ ހަލުވިދުވެލީގައި ހަށިގަނޑަށް ބަދަލު އަންނަ ދުވަސްވަރަކީ މިއުމުރުފުރާ އެވެ. ފުރާވަރުގައި އަންހެން ކުދީންނާއި ފިރިހެން ކުދީންގެ ހަށިގަނޑަށް ބަދަލު އަންނަ އުމުރު ތަފާތެވެ. އަންހެން ކުދީންގެ ހަށިގަނޑަށް ބަދަލު އަންނަނީ އުމުރުން 8 އަހަރާއި 13 އަހަރާއި ދެމެދުއެވެ. ފިރިހެން ކުދީންގެ ހަށިގަނޑަށް ބަދަލު އަންނަނީ އުމުރުން 10 އަހަރާއި 15 އަހަރާއި ދެމެދުއެވެ. ފުރާވަރު އުމުރުފުރާއަކީ ނުވަތަ އެދުވަސްވަރަކީ ކުޑަކުއްޖެއްގު މަރުހަލާ އިން ބޮޑު މީހެއްގެ މަރުހަލާއަށް ފުރޮޅޭ ދުވަސްވަރެވެ.
ފުރާވަރު ދުވަސްވަރު ދެޖިންސުގެ ކުދީންނަށް އަންނަ ޖަޒުބާތީ ބަދަލުތަކަށް ބަަލައިލާ އިރު މިދުވަސްވަރަކީ ކުދީން އާދަޔާ ޚިލާފަށް ހިތް ނުތަނަސްވެ ކަންބޮޑުވާ ދުވަސްވަރެކެވެ. ޚާއްޞަކޮށް ހަށިގަނޑަށް އަންނަ ޖިސްމާނީ ބަދަލުތަކާ މެދު ކަންބޮޑުވެ ލަދުގަނެއެވެ. ނަތީޖާ އެއްގެ ގޮތުން ރުޅި އިސްކުރުމާއި ހާސްވުމާއި ނަފްސާނީ ގޮތުން ބަލިކިށިވެއެވެ. އެހެންކަމުން ކުދީންގެ ހަށިގަނޑަށް އަންނާނެ ބަދަލުތައް ކުދީންނަށް ކިޔައިދީ ހޭލުންތެރިކުރުވަން ވާނެއެވެ.
ކުރިން ފާހަގަކުރިގޮތަށް ފުރާވަރު އުމުރަކީ ކުޑަކުއްޖެއްގެ މަރުހަލާ އިން ބޮޑު މީހެއްގެ މަރުހަލާއަށް ބަދަލުވާ ދުވަސްވަރަށް ވުމުން ކުދީންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވާނީ ތިމަންނާ އަކީ ކާކުކަން ދެނެގަތުމުގައެވެ. އެހެން މީހުންނާއި ތިމާ ތަފާތުވަނީ ކިހިނެއްކަން ދެނެގަތުމަށެވެ. މައިންބަފައިންނަށް ކުދީންނާ ގާތް ގުޅުމެއް ގާއިމު ނުކުރެވިއްޖެނަމަ މިދުވަސްވަރު ކުދީން ރައްޓެހިންނާ މާބޮޑަށް ގާތްވެ ގުޅުން ގާއިމުކުރާނެއެވެ. މައިންބަފައިންގެ މައްޗަށް ރައްޓެހީން އިޚްތިޔާރު ކުރާ ސަބަބަކީ ރައްޓެހިންެވެސް މި މަރުހަލާ ކަޑައްތު ކުރަމުންގެންދާނެތީ އެވެ. އެހެން މީހުންނާ ތިމަންނަ ތަފާތު ވަނީ ކިހިނެއްތޯ އާއި އެހެން މީހުންނާ އެކު އުޅެންވީ ގޮތަކީ ކޮބައިތޯ ބަލައި ހޯދާނެއެވެ.
ހަޔާތުގެ ކަންކަމާ މެދު ވިސްނަން ފަށާ އުމުރަކީ ވެސް މިއީ އެވެ. ވަޒީފާ އާއި ދިރިއުޅުމާއި، ކައިވެނި ފަދަ ކަންކަމާ މެދު ޚިޔާލުކުރާން ފެށުމުން މުސްތަގުބަލާ މެދު އޮންނަ ޔަގީންކަން ކުޑަވެއެވެ. މައިންބަފައިންނައި ގާތް މީހުން ތިމާގެ ފަރާތުން އުއްމީދުތަކެއް ކުރާކަން އެނގުމުން ހާސްކަން އިތުރަށް ބޮޑުވެ ނުތަނަވަސް ވެއެވެ. ޒިއްމާ ތަކެއް އަދާ ކުރަންޖެހޭ ކަން އެނގުމުން އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވެއެވެ. ނަމަވެސް ދުވަސްވާ ވަރަކަށް ތިމާ އަދާ ކުރަންޖެހޭ ޒިންމާތައް އެނގި ތިމާ އަކީ ކާކުކަން ދެނެގަނެވުމުން ހާސްކަން ފިލައިދެއެވެ. އެ ހާސްކަން ފިލައިދާނީ މައިންބައފައިންގެ އެހީ އާ އެކުއެވެ.
ފުރާވަރަށް އެރުމާއެކު ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިވެ އެމީހުންނާ ވާހަކަ ދައްކާ ވަގުތު ހޭދަކުރާ ވަރު އިތުރުވެއެވެ. ޕޮޕިއުލާ މީޑިއާގެ ނުފޫޒު ފޯރާން ފަށައެވެ. އަމިއްލަ ސަގާފަތް ވަޒަންކުރާނީ މީޑީއާ އިން ފެންނަ ކަންކަމުގެ ތެރެެއިންނެވެ. ހެދުން އެޅުމާއި، ބަސްމަގާއި، ގަހަނާ އާއި، އިސްތަށިގަނޑު ސްޓައިލް ކުރުމާއި، އުޅުން ބިނާކުރާނީ ވަށައިގެން ފެންނަ ކަންކަމުގެ މައްޗަށެވެ. އެއީ ރައްޓެހީންގެ މެދުގައި ތިމާގެ މަގްބޫލުކަން އިތުރު ކުރުމަށާއި އެމީހުން ތިމާ ބަލައިގަންނާނެ ގޮތަށް އުޅުން ބައްޓަން ކުރުމަށެވެ. މައިންބަފައިން ގެންގުޅޭ ނުވަތަ ބަލައިގަންނަ ހަމަތަަކަކީ ބޯދާ ހަމަތަކެއް ކަމަށް ގަބޫލުކުރަން ފަށައެވެ. ކުދިންނާ ރަނގަޅު ގުޅުމެއް ގާއިމު ނުުކުރެވިއްޖެނަމަ މައިންބަފައިންނަކީ ބޯދާ ޚިޔާލުގެ ބައެއް ކަމަށް ގަބޫލުކޮށް ރައްޓެހިންނަށް ކަމުދާ ގޮތް ޚިޔާރު ކުރެއެވެ.
ކަންކަމާ މެދު ފުށުއަރާ ޚިޔާލު ގެންގުޅެން ފަަށާ އުމުރުފުރާ އަކީ ވެސް ފުރާވަރެވެ. މިނިވަން ކަމާ އެކު އަމިއްލަ އަށް އުޅެން ބޭނުންވިއަސް އެކި ބޭނުންތައް ފުއްދުމަށް މައިންބފައިނާ ނުލާ ނޫޅެވެއެވެ. މައިންބފައިންގެ އެހީތެރިކަން ބޭނުންވެއެވެ. އަދި ކުޑަ އިރު ޝައުގެވެރިވީ ކަންކަން ދޫކޮށް ރައްޓެހީން ޝައުގެވެރިވާ ކަންކަން ކުރާނީތޯ އަމިއްލަ ނަފްސާ ސުވާލު ކުރާނެއެވެ. އެހެންކަމުން ރައްޓެހީންނަށް ވުރެ ބޮޑަށް ކުއްޖާ އަށް ހެޔޮ އެދޭނީ މައިންބަފައިންކަން ކުއްޖާއަށް ވިސްނައިދޭންވާނެއެވެ. އަދި ކުއްޖާ ޝައުގެވެރިވާ މަސައްކަތެއް ނުވަތަ ކިޔަވަން ބޭނުންވާ ދައިރާ އަކުން ކުރިއަށް ދިއުމަށް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދޭންވާނެއެވެ. ރައްޓެހީންގެ އަތްމައްޗަށް ކުއްޖާ ބީވެ ދިޔަދީގެން ނުވާނެއެވެ.
ކަންކަމާ މެދު ނުވަނަވަސްވެ ކަންބޮޑު ވުމުގެ އިތުރުން ފުރާވަރުގައި މޫޑަށްވެސް ގިނަ ބަދަލުތަކެއް އާދެއެވެ. ބައެއްފަހަރު ކަންކަމާ މެދު އޮންނަ ޔަގީން ކަން އިތުރުވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެއެެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި މޫޑު ބަދަލުވެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލެއެވެ. މިއީ ހޯމޯންތަކަށް އަންނަ ބަދަލެއްގެ ސަބަބުން މެދުވެރިވާ ކަމެކެވެ.
ފުރާވަރު އުމުރުގައި އެކި ކުދީންގެ ހަށިގަނޑަށް ބަދަލު އަންނަ ގޮތް ތަފާތެވެ. ރައްޓެހީންނަށް އަންނަ ބަދަލުތައް ތިމާއަށް ނާންނަނަަމަ އެކަމާ ކަންބޮޑުވެއެވެ. އަދި އަމިއްލަ ނަފްސާ މެދު ކަންބޮޑުވާ ގޮތްވެއެވެ. އަންހެން ކުދީންގެ ހަށިގަނޑަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ބަދަލު އާދެއެވެ އެއީ ފިރިހެން ކުދީންނަށް ވުރެެ އަންހެން ކުދީން ހެދިބޮޑުވާ ލެއް އަވަސްވީމައެވެ. މި އުމުރަކީ ޖިންސީ ގޮތުންވެސް ކުއްޖާ ހެދިބޮޑުވެ ތަސައްރަފު ފުދޭ ދުވަސްވަރަށް ވުމުން އެހެން ޖިންސުގެ ކުދީންނާ މާބޮޑަށް ގަޔާވާ ގޮތްވާނެއެވެ. އެހެންކަމުން އެކަމަށް ސަމާލުވެ އުޅުން ބަހައްޓަންވީ ގޮތް އޮޅުންފިލުވައި ދޭންވާނެއެވެ.
ޖަޒުބާތީ ބަދަލުތަކުގެ އިތުރުން ފުރާވަރު އުމުރަކީ ދެޖިންސުގެ ކުދީންނަށް ޖިސްމާނީ ބޮޑެތި ބަދަލުތަކެއްވެސް އަންނަ ދުވަސްވަރެކެވެ. އަންހެން ކުދީންގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ތެރޭގައި އުރަމަތި ފެޅުމާއި ކިހިލިފައް ދޮށުގައި އިސްތަށި ފެޅުމާއި އުނަގަނޑު ފުޅާވުމާއި އިސްކޮޅު ދިގުވުމާއި މަސްވަރު ކަންތައް ފެށުން ހިމެނެއެވެ. ފިރހެން ކުދީންގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ތެރޭގައި މޭމައްޗާއި ބައިމަތި ފުޅާ ވުމާއި އަޑުފެޅުމާއި ތުނބުޅި ފެޅުމާއި އިސްކޮޅުން ދިގުވުން ފަދަ ބަދަލުތައް ހިމެނެއެވެ.
ފުރާވަރު އުމުރަކީ ކުދީން ހެދި ބޮޑުވާ ނުވަތަ ކުޑަކުދީންގެ އުމުރުފުރާ އިން ބޮޑު މީހުންގެ އުމުރުފުރާއަށް ބަދަލުވަ އިންތިގާލީ މަރުހަލާއަށް ވުމުން ރަނގަޅު ގޮތުގައި ކުދީން ބޮޑުކުރުމަށް މައިންބަފައިން ސަމާލުވާންވާނެއެވެ. ކުދީންނާ ގާތް ގުޅުމެއް ގާއިމު ކުރަންވާނެއެވެ. ކުދީންގެ ކަންބޮޑުވުންތައް މައިންބަފައިންނާ ހިއްސާ ކުރެވޭނެ ކަމުގެ ޔަގީންކަން ދޭންވާނެއެވެ. ކުދީންގެ ވާހަކަތައް އަޑުއަހައި ހާސްކަން ފިލުވައިދެވޭނީ ރައްޓެހިންނަށްވުރެ ބޮޑަށް މައިންބަފައިންނަށް ކަން ކުދީންނަށް ވިސްނައިދޭން ވާނެއެވެ. ހުރިހައި ގޮތަކުން ދުޅަހެޔޮ ކުއްޖެއް ބިނާކުރެވޭނީ މައިންބަފައިން ހޭލުންތެރިވެ ޒިންމާ އަދާކޮށްގެންނެވެ. މާއްދީ އެހީތެރިކަމާ އެއްވަރަށް މައިންބފައިންގެ ފަރާތުން ކުދީންނަށް ބޭނުންވާ ޖަޒްބަތީ އަދި ނަފްސާނީ އެހީތެރިކަން ފޯުކޮށްދީގެންނެވެ.