އައިޕެޑް ޖީލުގެ އިނގިލިތައް އަތުލިޔުމަށް ތައްޔާރެއް ނޫން

މިއީ އޮސްޓްރޭލިއާގެ 'އޭބީސީ ރޭޑިއޯ މެލްބަރން' އިން ގެނެސްދިން ޕްރޮގްރާމެއްގައި ކުރެވުނު މަޝްވަރާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.

ކުޑަކުދީންނަށް ޓެކްނޮލޮޖީގެ ފައިދާ ކުރޭތޯ؟، މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމަކަށް ޕްރައިމަރީ ސްކޫލް ޓީޗަރަކު އެސްއެމްއެސް އެއް ފޮނުވިއެވެ. އޭނާގެ މެސެޖުގައި ބުނެފައިވަނީ ޓެކްނޮލޮޖީގެ ސަބަބުން ކުދީންގެ 'ފައިން މޯޓޯރ ސްކިލްސް' ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އޭނާ އާއި އޭނާ އާއި އެކު މަސައްކަތް ކުރާ ޓީޗަރުންނަށް ފާހގަކުރެވިފައިވާ ކަމަށެވެ.  'ފައިން މޯޓޯރ ސްކިލްސް' އަކީ އަތުގެ އިނގިއްޔާއި އަތްތިލަ އަދި އުޅަނބޮށްޓާއި ކުޑަހުޅާއި ދެމެދުގެ މަސްތައް ބޭނުންކޮށްގެން ގެންނަ ހަރަކާތެވެ. ފަންސުރު، ކަތުރު، ކްރޭޔޯން ފަދަ ތަކެތިި ބޭނުންކުރާ އިރު އަތަށް ގެންނަ ހަރަކާތުން މިހުނަރު ވަރަށް ރަނގަޅަށް ތަރައްގީވާ ކަމަށް ތަޖްރިބާކާރުން ބުނެއެވެ.

މެސެޖު ފޮނުވި ޓީޗަރު ދެކޭ ގޮތުގައި އަތުން ކުދީން ކުރަންވާ މަސައްކަތުގެ ހުނަރު ދަށަށް ގޮސްފައިވަނީ ޓެބްލެޓާއި ސްމާޓް ފޯނު ފަދަ ޓަޗްސްކްރީން ހުންނަ އާލާތުގެ ސަބަބުންނެވެ. ކްރޭޔޯން އާއި ކަތުރު ފަދަ ތަކެތި އަތުން ހިފަހައްޓަން އަދި އެތަކެތި ބޭނުންކުރާނެ ފުރުސަތު މިހާރުގެ ކުދީންނަށް ނުލިބެއެވެ. އަދި އަތުން ކުރަންޖެހޭ މަސައްކަތް ނިސްބަތުން މަދުވެފައިވާ ކަމަށް އޭނާ ދެކެއެވެ. އޭނާ ބުނި ގޮތުގައި ކުދީންގެ އަތަށް ފަންސުރެއް ނުވަތަ ފިއްސެެއް ދިނުމުން އޭގައި ހިފަހައްޓަން ކުދީންނަށް ނޭނގެއެވެ.

ކުލަޖައްސައި ކުރަހަނީ ޓެބްލެޓާއި ސްމާޓްފޯނުން

މި ޕްރޮގްރާމްގައި ބައިވެރިވި ކުޑަކުދީންގެ ޚާއްޞަ ތެރަޕިސްޓް ލީސާ ކްލާކް ބުނެފައިވަނީ އަތުގެ ކުދި މަސްތައް ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތުގެ ހުނަރު ދަށްވާ ކަމަށް ވަރަށް ގިނަ ޓީޗަރުން ފާހަގަކުރާ ކަމަށެވެ. ލީސާ ބުނި ގޮތުގައި އޭނާގެ މަސައްކަތުގެ ދާއިރާގެ ގޮތުން ކޮންމެ ދުވަހަކުހެން ސްކޫލަތަކަށް ގޮސް ޓީޗަރުންނާ ބައްދަލުވެއެވެ. މިއީ ޓީޗަަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ބުންޏެވެ. ކުދީންގެ އަތުލިޔުމާ ބެހޭ ގޮތުން ޕްރީ ސްކޫލް ޓީޗަރުންނާއި އަދި ޕްރައިމަރީ ޓީޗަރުންވެސް ވަރަށް ބޮޑަށް ކަންބޮޑުވެ އޭނާ އާއި އެކަމާ ގުޅޭ ގޮތުުން މަޝްވަރާ ކުރާ ކަމަށް ލީޒާ ބުންޏެވެ. ލީޒާ ފާގަކުރި ގޮތުގައި ކުރިއާ އަޅައިބަލާއިރު ކުޅުމުގެ ތެރޭގައި ކުދީން ހޭދަކުރާ ވަގުތު މިހާރު ވަރަށް މަދު ވެއްޖެއެވެ. ކުރީން ކުޅެ އުޅުނު ގޮަތަށް ކްލޭ އާއި ކްރޭޔޯން، ކަތުރު، ތެރަސް، އަދި ފަންސުރާއި ކުލަ ބޭނުންކޮށްގެން ކުޅޭން ނުވަތަ ފަންނުވެރި މަސައްކަތް ކުރާން ފުރުސަތު އައިޕެޑް ޖީލުގެ ކުދީންނަށް ނުލިބެއެވެ.

"ކުދީން ބޮޑު ވަމުން އަންނަނީ ފޯނާއި، އައިޕެޑާއި، ޓެބްލެޓް، އަދި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކް އާލާތްތައް ގެންގުޅޭ ގޭބިސީ ތަކުގައި"، ލީޒާ ބުންޏެވެ. ޓަޗްސްކްރީންތަކާ އެކު ގިނަވަގުތު ހޭދަކުރާ ކުދީންގެ 'ފައިން މޯޓޯރ ސްކިލްސް' ރަނގަޅަށް ތަރައްގީ ނުވެއެވެ. އެހެންކަމުން އެފަދަ ކުދީން އަތުލިޔުމަށް ތައްޔާރު ނޫން ކަމަށް ލީޒާ ބުންޏެވެ. ކުދިމަސްތަކުގެ ހުނަރު ރަނގަޅަށް ތަރައްގީ ނުވުމުގެ ސަބަބުން ގިނަ އަދަދެއް ކުދީން ފަރުވާ ހޯދާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. އަތުލިޔުމުގެ އިތުރުން ކަތުރު ފަދަ ތަކެތި އަތުން ހިފެހެއްޓުމާއި، ބޫޓުގެ ނާޑުވާ އެއްސުން އަދި ކަޓްލަރީ (އުލާއި ސަމުސާ ފަދަ ތަކެތި) ސާމާނު ބޭނުންކުރާން ވެސް އެކުދީންނަށް އުނދަގުލެވެ.

ޓަޗްސްކްރީންގެ ޒަމާނުގައި އަތުލިޔުން މުހިއްމުތަ؟  

21ވަނަ ގަރުނުގައި ޓެކްނޮލޮޖީ އަށް އަހުލުވެރިވެ ބޮޑެތިވަމުން އަންނަ ކުދީންނަށް އަތު ލިޔުމަކީ ބޭކާރު ކަމަކަށްވެސް ވެދާނެއެވެ. ގޭގަައި އައިޕެޑް، ކޮމްޕިއުޓަރު، ލެޕްޓޮޕް ފަދަ ތެކެތި ހުރެއެވެ. ސްކޫލް މަންހަޖުގެ ތެރެއިން ދަރިވަރުން ޓަޗްސްކްރީން ބޭނުންކުރެއެވެ. ޓެކްނޮލޮޖީން ކުދީންނަށް ފައިދާ ކުރާ ކުރާ ކަމަށް ލީޒަ ބުންނެވެ. ޓެކްނޮލޮޖީ އަކީ އުނގެނުމަށް ނުހަނު ބޭންންތެރި އެއްޗެއްކަން ލީޒާ ފާހަގަ ކުރިއެވެ. ޓެކްނޮލޮޖީ އަކީ ދިރާސާ ކުރުމުގެ ހުނަރާއި އަވަހަށް ފަސޭހައިން މައުލުމާތު ހޯދުމަށްވެސް އެހީތެރިވެދޭ ވަސީލަތެއް ކަމަށް އޭނާ ބުންޏެވެ.

އެހެންނަމަވެސް އަތުގެ ކުދި މަސްތަކަށް ތަމްރީނު ދީ އެމަސްތައް ރަނގަޅަށް ހަރަކާތް ކުރުވައި އަތުލިޔުން އުނގަންނައި ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ދެކެއެވެ. އިމްތިހާނު ކަރުދާހުގައި ލިޔެފައި ހުންނަ އެއްޗެއް ކިޔާން ނޭނގޭކަމަށް ޓީޗަރުން ބުނާ ކަމަށްވެސް އޭނާ ބުންޏެވެ. ނުވަތަ އަތުން ލިޔާން ފެށުމުން އަތާއި ކުޑަ ހުޅުގައި ރިއްސާތީ ފަރުވާ ހޯދަންޖެހޭ ކުދީން އިތުރުވަމުން އަންނަ ކަމަށްވެސް ލީޒާ ބުންޏެވެ.

ލީޒާ ފާހަގަކުރި ގޮތުގައި އުމުރުން ހަތަރު އަހަރު ފުރޭ އިރު ފަންސުރާއި ކަތުރު ފަދަ ތަކެޓިގައި ރަނގަޅަށް ހިފަހައްޓާން ކުދީންނަށް އެނގެންވާނެއެެވެ.

ފައިން މޯޓޯރ ސްކިލްސް ތަރައްގީ ކުރަން މައިންބަފައިންނަށް ކޮށްދެވޭނީ ކޮންކަމެއް؟

ފައިން މޯޓޯ ސްކިލްސް ތަރައްގީ ކުރާން ބެލެނިވެރީންނަށް ކުރެވިދާނެ ކަމަކީ ކޮބައިތޯ ސުވާލު ކުރުމުން ލީޒާ ބުނީ ކުދީން ލައްވައި އަތުން މަސައްކަތް ކުރުވުން ކަމަށެވެ. ކްލޭ ފަދަ ތަކެތި މޮޑޭނެ ފުރުސަތު ދޭންވާނެ ކަމަށް އޭނާ ބުންޏެވެ. ކްލޭ މޮޑުމުން އަތުގެ އިނގިލިތައް ވަރުގަދަ ވާނެއެވެ. އަދި ކަތުރާއި މިނާ، ތެރަސް ފަދަ ތަކެތި ދީގެން ކުޅުވުމަކީ މައިންްބަފައިންނަށް ކުރެވޭނެ ކަމެއް ކަމަށް އޭނާ ބުންޏެވެ. ސްކްރީން ބޭނުން ނުކުރާ ބައެއް ހަރަކާތްތަކުން އަތުގެ ކުދި މަސްތަކަށް ގެންނަންވާ ހަރަކާތް ނުގެނެވޭ ކަންވެސް އޭނާ ފާހަގަކުރިއެވެ. މިސާލެއްގެ ގޮތުން އޭނާ ނަގާފައިވަނީ ބިލްޑީން ބްލޮކްސް އެވެ. ބްލޮކްސް އިން ކުޅުމަށް ވުރެ ފަންސުރުން ކުރެހުމުން އަތުގެ ކުދި މަސްތަކަށް ހަރަކާތް ގެނެވި އަތުގެ ހުނަރު ރަނގަޅަށް ތަރައްގީވާ ކަމަށްވެސް ލީޒާ ބުންޏެވެ.

ފަންސުރު ހިފެހެއްޓުމުން އަތަށް ރަނގަޅަށް ހަރަކާތް ލިބޭ. ބޮޑު އިނގިއްޔާއި ޝަހާދަތް އިނގިލި މާބޮޑަށް އެންގޭޖްވޭ. މިއީ އަތަށް ގެނެވޭ ވަރަށް ކޮމްޕްލެކްސް ހަރަކާތެއް"، ލީޒާ ބުންޏެވެ.

އެހެންކަމުން އަތުގެ ކުދި މަސްތަކަށް ލިބެންވާ ހަރަކާތް ހޯދައިދިނުމަށް ފަންސުރު، ކްރޭޔޯން، ތެރަސް، ކުލަ، ފިހި، ފަދަ ތަކެތިން ކުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމަކީ މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދީގެން މައިންބަފައިން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.