އެނގި ފާޅުވެގެންވާ ގޮތުގައި އެންމެ ފުރަތަމަ އުފެއްދެވި އިންސާނަކީ ސަލާމްލެއްވި އާދަމްގެފާނެވެ. އެކަލޭގެފާނުންގެ ދެދަރިކަލުން ޤާބީލް އާއި ހާބީލްގެ ވާހަކަ އަކީވެސް މަޝްހޫރު ވެފައިވާ ވާހަކައެކެވެ. އިންސާނީ ނައުޢަށް މަތިވެރި ޢިބްރަތެއް ކަމުގައި ލެއްވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އިރާދަކުރެއްވި މި މުހިންމު ޙާދިސާގެ ވާހަކަ ކީރިތި ޤުރުއާނުގެ މާއިދަތު ސޫރަތުގައި ވަނީ އަންގަވާފައެވެ.
އާދެ، ޤާބީލް އާއި ހާބީލް އާ ދެމެދުގައި ދެބަސްވުމެއް ހިނގުމަށް މެދުވެރިވީއެވެ.މިދެބަސްވުމުގައި ދޮށީދަރިކަލުން ޤާބީލް އޭނާގެ ކޮއްކޮ ހާބީލް އާދިމާއަށް ވިދާޅުވީ"އަހަރެން ކަލޭ ޤަތުލު ކޮށްލާނަމޭ"އެވެ. ޖަވާބުގައި ހާބީލް ވިދާޅުވީ "ކަލޭ އަހަރެންނާ ދެކޮޅަށް ގަދަކަން ދައްކައި ހެދި ނަމަވެސް އަހަރެން ކަލެއާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރާނަމޭ" އެވެ.
ސޫރަތުލް މާއިދާގެ 28 ވަނަ އާޔަތުގެ މާނައިގައި މިވާހަކަ ބަޔާންކުރައްވައި އަންގަވައިފައިވަނީ އަންނަނިވި ގޮތަށެވެ. "ހަމަކަށަވަރުން ތިމަން ޤަތުލު ކުރުމަށްޓަކައި ތިމަންނާއާ ދިމާއަށް ކަލޭގެ އަތް ދަމައިލިޔަސް ކަލޭ ޤަތުލު ކުރުމަށްޓަކައި ތިމަންގެ އަތް ކަލެއާ ދިމާއަށް ދަމާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ. ހަމަ ކަށަވަރުން ޢާލަމްތައް ހައްދަވައި ބޮޑުކުރެއްވި މާތްﷲ ދެކެ ތިމަން ބިރުވެތިވަމެވެ."
ސަލާމާއި ޞަލަވާތްލެއްވި ރަސޫލާ މުޙައްމަދުގެފާނު އެކަލޭގެފާނުންގެ އަޞްޙާބުންނަށް ނަޞޭޙަތް ދެއްވަމުން އެއްފަހަރަކު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނަށްފަހު ތިޔަބޭކަލުން ހަނގުރާމައާއި ދެކޮޅުވެރިކަމުގެ ސިޔާސަތުން މުޅީން ރައްކައުތެރިވެ ވަޑައިގަންނަވާށެވެ. އަދި (އެކިއެކި ކަންކަމުގައި) ދެބަސްވުން ތިޔަބޭފުޅުންގެ އިސްތަށިފުޅާ ހަމައަށް ހިނގައްޖެނަމަ، އާދަމްގެފާނުންގެ ދެދަރިކަލުންގެ ތެރެއިން ރަނގަޅު ދަރިކަލުންނާ އެއްގޮތަށް ތިޔަބޭކަލުން ކަންތައް ކުރައްވާށެވެ. (އަބޫ ދާވޫދު. ކިތާބުލް ފިތުން)
މާތް ރަސޫލާގެ މިނަޞޭޙަތްޕުޅު ގުޅެނީ ހަމައެކަނި ސިޔާސީ ދެކޮޅުވެރިވުން ތަކަކާ ނޫނެވެ. އަދި ކީއްތޯއެވެ. އާންމު ދިރިއުޅުމުގެ ހުރިހާ ކަމަކާވެސް މިބަސްފުޅު ގުޅެއެވެ. މިސާލަކަށް ކަލާގެ ގޭގައި ގެންގުޅޭ ނޯކަރެއްގެ ކަންތައް ނަންގަވާ ބައްލަވާށެވެ. އޭނާއަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރާ މީހެކެވެ. ވަރަށް ދީންވެރި އަމާނާތްތެރިއެއްމެއެވެ. އެކަހަލަ މަސައްކަތްތެރީން ނަކީ އަބަދުވެސް އެމީހުންގެ އަމިއްލަ ކަންކަމާމެދު ވަރަށް ބޮޑަށް ޙައްސާސް (ސެންސިޓިވް) ވާ ބައެކެވެ. ކަލާގެ ގޭގައި އުޅޭ މީހަކީ އެކަހަލަ މީހަކަށްވެފައި، އޭނާއަށް ކުރެވޭ ކޮންމެވެސް ކަމެއް ކަލާ ރުހިވަޑައި ނުގަންނަވާގޮތަކަށް ކޮށްލެވޭ ފަހަރަކު ކަލާ އޭނާދެކެ ކޯފާވެ މާހަރުކަށިކޮށް ކަންތައްތައް ކުރައްވައިފިނަމަ ހަމަޔަޤީނުންވެސް އޭނާގެ ރައްދު ޢަމަލަކަށްވާނީ ރުޅި އައުމެވެ. ކަލާއާމެދު ހިތްބަރު ކުރުމެވެ. ނަފްރަތު އުފެދުމެވެ. އޭނާ ހިތަށް އަރުވަމުންދާނީ ނުވަތަ އޭނާގެ ހިތަށް އަރަމުންދާނީ "އަހަރެން މިހާރަނގަޅަށް ވަފާތެރިކަމާއެކު މަސައްކަތް ކުރަމުންދާއިރުވެސް، އަހަރެންދެކެ ރުޅި އަންނަނީއެވެ. އަހަރެންނަށް އެއްޗެހި ގޮވަނީއެވެ. "މިކަހަލަ ވާހަކަތަކެކެވެ. އަދި އެންމެ ފަހު ނަތީޖާއަކަށްވާނީ އެ ވަފާތެރި ހީވާގި ނޯކަރު ކަލާއަށް ގެއްލުމެވެ.
މިމައްސަލައާ މެދު ވިސްނާލާއިރު މިކަމުގައި ދެމީހަކު އެބަ ހިމެނެއެވެ. އެކަކީ ކަލާއެވެ. އަނެކަކީ ކަލާގެ ނޯކަރެވެ. މިމައްސަލައަށް ޙައްލެއް ގެނެވޭނީ މިދެމީހުންކުރެ އެކަކު ބުއްދިވެރި އިންސާނަކަށް ވެގެންނެވެ. އެއްގޮތަކީ ކަލާގެ ނޯކަރު ކަލާގެ ކޯފާއާއި އެއްޗެހި ވިދާޅުވުން ކަމަކަށް ނަހަދައި ދޫކޮށްލުމެވެ. އަދި އެއީ އޭނާގެ ޙައްސާސް މައްޗަށް ދާނެ ކަމެއްކަމުގައި ނުހެދުމެވެ. އަނެއް ގޮތަކީ ކަލާ އަމިއްލަފުޅަށް ބުއްދިވެރި އިންސާނެއްގެ ގޮތުގައި ސާބިތުވެ ވަޑައިގެން ހުންނެވުމެވެ. ކަލާގެ ނޯކަރަށް އެކުރެވުނުކަމަކީ އެހާ ބޮޑަށްގޯސް ކަމެއް ކަމުގައި ނުހައްދަވައި ހިތްހެޔޮކަމާއެކު އޭނާއަށް އެކަން ރަނގަޅު ކުރުމަށް ހިތްވަރު ދެއްވައިގެންނެވެ. މިދެގޮތުންކުރެ ގޮތަކުން، ދެމީހުންކުރެ އެކަކަށްވެސް ބުއްދިވެރި އިންސާނަކަށް ނުވެވިއްޖެނަމަ އޭގެ ނަތީޖާއަކަށްވާނީ ދެފަރާތަށްވެސް ގެއްލުން ލިބުމެވެ.
މިގޮތުން އަދި އެހެންމިސާލެއް ދަންނަވާލާނަމެވެ. ކަލާއަކީ ވަރަށް ވިސްނުންފުޅު ތޫނު ބޭފުޅެކެވެ. ކަންތައްތައް ދެނެވަޑައިގަތުމާއި ތަޙްލީލު ކުރެއްވުމުގެ ބާރު ކަލާއަށް ލިބި ވަޑައިގެން ވަނީ ވަރަށް މަތިވެރި ދަރަޖައަކަށެވެ. ކަންމިހެން ހުރުމާއެކު އެހެންމީހެއްގެ ކިބައިން (ކަލާދެކެ ވަޑައިގަންނަވާގޮތުގައި) ކޮންމެވެސް އުނިކަމެއް ފެނިވަޑައިގަތުމާއެކު އެކަން ކަލާއަށް ވަރަށްބޮޑަށް އިޙްސާސް ކުރެއްވޭގޮތް ވެގެން ދާނެއެވެ. ފިޠްރީގޮތުން އޭގެ ނަތީޖާއަކަށް ވެގެންދާނީ ކަލާއަށް ފެނިވަޑައިގަންނަވާގޮތް އޭނާއަށް ވިދާޅުވެ ދެއްވަން ފެށްޓެވުމެވެ. ނުހަނު ބޮޑަށް ނުރުހުން ފާޅުކުރައްވައި އޭނާ އެކުރި ކަންތަކުން ކުށް ދެއްކެވުމެވެ. އާންމު ތަޖުރިބާތަކުން ފެނިފައިވާ ގޮތުގައި މިގޮތަށް ކަންތައް ކުރުމުން ވާގޮތަކީ އަނެއްމީހާ ރުޅިއައުމެވެ. އަދި އެމީހާއަށް ފާޑުކިޔާ މީހަކާމެދު އޭނާގެ ހިތުގައި ނަފްރަތު އުފެދުމެވެ.
މިގޮތަށް ދިމާވާ ފަހަރު ފަހަރަކީ ދެމީހުންނަކީވެސް ބުއްދިވެރި އިންސާނެއްތޯ ބެލުމުގެ އިމްތިޙާން ކުރެވޭ ވަގުތެވެ. އަނެއް މީހާ ރުޅިނައިސް، އަދި ކަލާ ދެއްކެވި ވާހަކައާމެދު ނުރުހުން ފާޅުނުކޮށް ހުރެއްޖެނަމަ އޭނާ އެސާބިތުކޮށްދިނީ އޭނާއަކީ ބުއްދިވެރި އިންސާނެއްކަމެވެ. އެކަމަކު އެހެންނުވެ އޭނާގެ ފަރާތުން ރުޅިވެރިކަމާއިނުރުހުމުގެ ވާހަކަތައް އަތުވެއްޖެނަމަ ކަލާއަށް ޖެހި ވަޑައިގަންނަވާނީ ބުއްދިވެރި އިންސާނަކަށްވެ ވަޑައިގަންނަވާށެވެ. އެހެންގޮތަކަށް ދަންނަވާނަމަ އޭނާގެ ރުޅިއައުމަށާއި ނުރުހުމަށް އަޅާ ނުލައްވާށެވެ. ދެފަރާތުންކުރެ އެއްފަރާތަކުންވެސް ބުއްދިވެރި އިންސާނެއްކަން ސާބިތު ނުކުރެވިއްޖެނަމަ ހަމަޔަޤީނުންވެސް އޭގެ ނަތީޖާ ފެނިގެންދާނީ ހަލާކާއި ގެއްލުމުގެ ގޮތުގައެވެ.
އެކަކު އަނެކަކާ މުޢާމަލާތުކޮށް އުޅުމުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި މިއުޞޫލަކީ ވަރަށް މުހިންމު އުޞޫލެކެވެ. ބުއްދިވެރި އިންސާނަކަށްވެގެންނޫނީ ދިރިއުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ކާމިޔާބު ކަމަކަށް ނުވާނެއެވެ. ޢާއިލާގެ ތެރޭގެ ކަމަކަށް ވީނަމަވެސް ޖަމާޢަތުގެ ތެރޭގެ ކަމަކަށް ވީނަމަވެސް އަދި އެއަށްވުރެ ފުޅާކޮށް ބަލާނަމަ ޤައުމީ ފެންވަރުގެ ކަންތައްތަކަށް ވީނަމަވެސް، އެއީ ކަން ހިނގާނޭގޮތެވެ.
މިއުޞޫލުގެ މައްޗަށް ބިނާވެފައިވާ ކަންތައްތަކަށް ބަލާއިރު، ބުއްދިވެރި އިންސާނަކަށް ނުވެވުމުގެ ނަތީޖާއަކަށްވަނީ އާއިލާގެ ތެރޭގައި އުފެދޭ މައްސަލަތަކެއްނަމަ ދެމަފިރީން ވަރިވުމެވެ. މައިން ބަފައިންނާއި ދަރީން ވަކިވުމެވެ. އެއްބަނޑު މީހުން ރުޅިވުމެވެ. މުޖުތަމަޢުގެ ތެރޭގައި ދިމާވާ ކަންތައްތަކެއްނަމަ އެމުޖުތަމަޢެއްގައި ބައިބައިވުން އުފެދުމެވެ. ދެކޮޅުވެރިކަމާ ޙަޞަދަވެރި ކަމަށް ފުރުޞަތު ލިބުމެވެ. ޤައުމުތަކުގެ މެދުގައި ހިނގާ މައްސަލަތަކެއް ނަމަ ދެކޮޅުވެރިކަމާއި ހަނގުރާމައަށް ތަންދިނުމެވެ. މިހުރިހާ ކަމެއްވެސް ގެނެސްދޭނީ ހަލާކާއި ގެއްލުމެވެ.
އެހެންކަމުން އިންސާނުން އަބަދުވެސް މަސައްކަތް ކުރަންވީ ބުއްދިވެރި އިންސާނަކަށް ވުމަށެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެ އިރުޝާދާ އެއްގޮތްވާތުގެމަތިން އާދަމްގެ ފާނުގެ ދެދަރިކަލުންކުރެ ރަނގަޅު ދަރިކަލުންނާ އެއްގޮތަށް ކަންތައް ކުރުމަށެވެ.