މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިން ސަރުކާރުން ހުށަހެޅައިފައިވާ ބިލްތައް ނިންމުމަށް އަމާޒު ހިފައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ބިލްތައް ނިންމުމަށް މިރޭގެ އިތުރުން ކުރިއަށް އޮތް ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހު ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ.
ސެޕްޓެމްބަރ އެކަކުން ފެށިގެން އެއްމަސް ދުވަހުގެ ޗުއްޓީއަކަށް ރައްޔިތުންގެ މަޖިލީސް ދާނެއެވެ. މިހާރު މަޖިލީހުގެ ތަޅުމުގައި ފަށައިފައިވާ މަސައްކަތްތަކުގެ ތެރޭގައި އެކި މަރުހަލާގައިވާ ތިންބިލަކާއި ދެ ޤަރާރެއްގެ އިތުރުން ކޮމެޓީތަކުން ފޮނުވައިފައިވާ ތިން ރިޕޯރޓް ހިމެނެއެވެ. މީގެ އިތުރުން ސަރުކާރުން މަޖިލީހަށް ހަ ބިލެއް ފޮނުވައިފައި ވާކަށާއި އެ ބިލްތަކުގެ ފުރަތަމަ ކިއުން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރައްވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް އަމާޒް ހިއްޕަވައިފައިވަނީ ސަރުކާރުން ހުށަހަޅައިފައިވާ ހަ ބިލްގެ މަސައްކަތްވެސް ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ނިންމުމަށެވެ. މިއަދު މަޖިލީހުގައި ބަހުސް ފެށްޓެވި މަސްވެރިކަމުގެ ބިލަކީ މި ދައުރުގައި މަޖިލީހުން ކުރެވޭނެ އެންމެ މުހިންމު މަސައްކަތްކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.