ރައީސާއި މިނިސްޓަރުންގެ އިތުބާރު ނެތްކަމަށް ސޮއިކުރަން ތައްޔާރު: އާދަމް ޝަރީފު

ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަގާމުތަކުން ދުރުކުރަން ޖެހޭ ކަމަށާއި އެފަދަ ހުށަހެޅުމެއްގައި އެމްޑީޕީ މެންބަރުންނަށް ސޮއި ކުރައްވަން ކެރިވަޑައިގަންނަވަންޏާ އޭނާ ހުންނެވީ ސޮއި ކުރައްވަން ތައްޔާރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިހެންނ ވިދާޅުވެ ވާހަކަފުޅު ދެއްކެވީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސަލާމަތީ ކަންތައްތައް ފޫއަޅުވައިލީ މައްސަލައިގައި ތުލުސްދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި ކުއްލި މައްސަލައެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާދަމް ޝަރީފު ވިދާޅުވި ގޮތުގައި މިހާރަކު އެއްވެސް މީހަކަށް ރާއްޖޭގައި ރައްކާތެރިކަމެއް ނެތެވެ. އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކު ވަދެ ކެމެރާތަކާ ކުޅުމަކީ ނުރައްކާތެރި ކަމެކެވެ. މި މައްސަލައިގައި ވާހަކަފުޅު ދެއްކެވި ގިނަ މެންބަރުން ވަނީ ސަރުކާރަށް، ޚާއްސަކޮށް ސަލާމަތީ ބާރުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މައްސަލައިގައި ތަފާތުކޮށް ވާހަކަފުޅު ދެއްކެވި އެއް ބޭފުޅަކީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ. އޭނާ ވިދާޅުވި ގޮޕތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވާހަކަފުޅު ހުންނަ ގޮތުން ސަލާމަތީ ބާރު "ދިމޯރަލައިޒް" ވެއެވެ. ހިތްވަރު އެލޭގޮތް ވެއެވެ. މި ވާހަކަފުޅަށް ރައްދު ދެއްވައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ސަލާމަތީ ބާރުތަކުގެ ބޭފުޅުން ތަމްރީނު ކުރެވެނީ ސިޔާސީ ވާހަކަތަކަށް އެނބުރޭ ގޮތަކަށް ނޫނެވެ. ސިޔާސީ ވާހަކަތަކުގެ އަސަރު ކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.