އެމްއާރުއެމްގެ މެމްބަރުން ނެތުމަކީ މަޖިލީހަށް ލިބުނު އުނިކަމެއް: ރައީސް މައުމޫން

ހޮނިހިރި ދުވަހު ބޭއްވި ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްއާރުއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓުންނަކީ ވަރަށް މޮޅު ވަރަށް ޤާބިލް ބޭފުޅުން ކަމަށާއި އެބޭފުޅުންނަށް މަޖިލީހުން ފުރުސަތު ލިބިވަޑައިނުގަތުމަކީ މަޖިލީހަށް ލިބުނު އުނިކަމެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމްއާރުއެމްގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިންތިޚާބުގައި އެންމެންނަށް ވެސް އެއްކަހަލަ ފުރުސަތު ލިބެންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ (އެމްއާރުއެމް) ފަރާތުން ނުކުމެ ވަޑައިގެންނެވި ހުރިހާ ކެންޑިޑޭޓުންނަކީ ވެސް ވަރަށް ޤާބިލް ވަރަށްމޮޅު ބޭފުޅުން. އެބޭފުޅުންގެ ތަޖުރިބާ އެބަހުރި. މަޢުލޫމާތު އެބަހުރި. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަން އެބަހުރި. އެބޭފުޅުންނަކީ ޝައްކެއްނެތް ގޮތުގައި މަޖިލީހުގައި ވަރަށް ރަނގަޅަށް ޚިދުމަތް ކުރެއްވޭނޭ ބޭފުޅުން. އެބޭފުޅުން ނެތުމުން މަޖިލީސް ވަރަށްބޮޑަށް އުނިވެގެން އެދިޔައީ. މަޖިލީހުގައި އެ އުނިކަން ފެންނާނެކަން އަޅުގަނޑަށް ޔަޤީން،" ރައީސް މައުމޫން ވިދާޅުވިއެވެ.

އިންތިޚާބު ކާމިޔާބު ކުރައްވަން އެބޭފުޅުން ކިތަންމެ ވަރަކަށް މަސައްކަތް ކުރެއްވިނަމަވެސް ކަންދިމާވި ގޮތަކީ އެބޭފުޅުންގެ މަސައްކަތާ އެއްވަރަށް ކާމިޔާބު ލިބުމުގެ ފުރުސަތު ހަނިވެގެންދިޔުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަން އެގޮތަށްވީ "އެކިއެކި ނޭދެވޭ ފޯސްތައް ވަނުމުގެ ސަބަބުން،"

"އަޅުގަނޑުމެން ބޭނުންވެގެން އުޅެނީ ނަޒާޙަތްތެރި މަޖިލީހެއް ހޮވާށޭ. ނަޒާޙަތްތެރި މަޖިލީހެއް ޤާއިމް ކުރާށޭ. ނަޒާޙަތްތެރި މަޖިލީހެއް ޤާއިމް ކުރެވޭނީ ނަޒާޙަތްތެރި އިންތިޚާބެއް ބާއްވައިގެން. އިންތިޚާބުގެ މާޙައުލަކީ ނަޒާޙަތްތެރި މާޙައުލަކަށް ވެގެން. އެއާ ޚިލާފަށް ކަންތައްތައް ހިނގާ މާޙައުލެއްގައި ބޭއްވޭ އިންތިޚާބުގެ ނަތީޖާއަކީ ޙަޤީގަތުގައި ތެދު ނަތީޖާއަކަށް ނުވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫން ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް މަރުޙަބާ ދަންނަވައިފައެވެ. އަދި އެމްޑީޕީ ހޯދި ކާމިޔާބީއަށްޓަކައި އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް މަރުޙަބާ ދަންނަވައިފައެވެ.

"އަޅުގަނޑުވާނެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއއްޔާއަށް ވެސް މަރުޙަބާ ދަންނަވައި މެސެޖެއް ފޮނުވާފައި. އެމްއާރުއެމްއަކީ ކޯލިޝަންގެ ޕާޓުނަރަކަށްވާތީ އަޅުގަނޑުމެން މިތިބީ ކޯލިޝަން ތެރޭގައި. އަޅުގަނޑު ރައީސަށް ދެންނެވިން އަޅުގަނޑުމެން ތިބޭނީ ކޯލިޝަންތެރޭގައޭ. އަދި ރައްޔިތުންނަށް ފައިދާވާ ގޮތަށް ހިންގާ ކޮންމެ ކަމެއްގައި އަޅުގަނޑުމެން ބައިވެރިވާނަމޭ. މަނިކުފާނަށް ތާއިދުކޮށް މިކަމުގައި ދެމިތިބޭނަމޭ،" މައުމޫން ވިދާޅުވިއެވެ.

އެހެންނަމަވެސް އިންތިޚާބުގެ ކަންތައްތައް ވެސް މިއަށްވުރެ ފުރިހަމަކޮށް ގެންދެވޭނެގޮތެއް އިންތިޒާމް ކުރަންޖެހޭ ކަމަށާއި، އެއީ އިސްލާޙު ކުރަންޖެހޭ ކަންކަން ކަމަށް ވިދާޅުވިއެވެ. އިސްލާހުކުރަންވީ ގޮތާ ދޭތެރޭ ވިސްނާލަން އެބަޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިންތިޚާބުގެ ކަންތައްތައް ވެސް މިއަށްވުރެ ފުރިހަމަކޮށް ދާނެގޮތެއް އިންތިޒާމް ކުރެވެންޖެހޭ. އެއީ ހަމައެކަނި އަޅުގަނޑުމެންގެ ކެންޑިޑޭޓުންގެ ހުރި ޤާބިލްކަމާއި ކުޅަދާނަކަމުގެ އިތުރަށް މާޙައުލުވެސް ވާންޖެހޭ އެބޭފުޅުންނަށް އެހީތެރިވާ ހުރިހާ އެންމެންނަށް އެއްކަހަލަ ފުރުސަތުތަކެއްދޭ މާޙައުލަކަށް. އެހެނެއް ނޫން ވެގެން މިދިޔައީ އެއް. ވަރަށްގިނަ ފަރާތްތަކެއްގެ ނޭދޭވޭ ނުފޫޒު ވަދެގެން މިދިޔައީ،" ރައީސް މައުމޫން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.