އަދީބު އިންޑިއާއިން ޑީޕޯޓުކޮށްފި

ފޮޓޯ: ސޯޝަލްމީޑިއާ (@RKRadhakrishn)

ކުރީގެ ނަިއބް ރައީސް އަހްމަދް އަދީބު ގަވާއިދާ ޚިލާފަށް އިންޑިއާއަށް އެތެރެވެ ވަޑައިގަންނަވަން އުޅުއްވަނިކޮށް އެ ގައުމުން ޑީޕޯޓުކޮށްފިއެވެ. ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކުރާ ގޮތުގައި އަދީބާއެކު ޓަގު ބޯޓުގައި ތިބި ނުވަ ފަޅުވެރިންވެސް ވަނީ ދިވެހި ސަލާމަތީ ބާރުތަކާ ހަވާލުކޮށްފައެވެ.

ރާއްޖެއިން ފިއްލަވައިގެން އަދީބި އިންޑިއާއަށް އެތެރެވެވަޑައިގަންނަވަން އުޅުއްވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. 

އަދީބު ބޯޓުގައި ހުންނެވިކަން އެނގުމުން ޓުޓިކޮރިން ބަނދަރުގައި ބޯޓު ބަނދަރުކުރުމުގެ ހުއްދަ އިންޑިއާއިން ދީފައިނުވެއެވެ. އަދީބާއި ބޯޓުގައި ތިބި ފަޅުވެރިންނާ އިންޑިއާގެ ރަސްމީ ފަރާތްތަކުން ސުވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ކަމަށް ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކުރެއެވެ.

އިންޑިއާގެ ކޯސްޓުގާޑުން އަދީބާއި، ޓަގުބޯޓު އަދި ފަޅުވެރިންނާ ހަވާލުވެ، ދިވެހި ސަލާމަތީ ބާރުތަކާ ހަވާލުކުރީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިންޓަނޭޝަނަލް މެރިޓައިމް ބައުންޑަރީ ލައިނުންނެވެ. ފަޅުވެރިންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ރައްޔިތަކާއި އިންޑިނޭޝިއާގެ އަށް މީހުންނެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކުރާ ގޮތުގައި ބޮޑެތި ތުހުމަތުކުރެވޭ މީހަކު އަމިއްލަ ގައުމުން ފިލައިގެން ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅުނު މައްސަލަ ދިވެހި ފުލުހުން ތަހުގީގު ކުރާނެއެވެ. އަދި އޭނާއަށް އެހީތެރިވި މީހުންގެ މައްސަލަވެސް ބަލާނެއެވެ.

އަދީބުގެ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުން ހުކުރު ދުވަހު ނެރުނު ބަޔާޏެއްގައި ބުނެފައިވާ ގޮތުގައި އަދީބަށް ހިމާޔަތް ނުދީ ދިވެހި ސަލާމާތީ ބާރުތަކާ ހަވާލުކުރުމަކީ އިންޑިއާގެ ޒަމާންވީ ޑިމޮކްރެޓިކް އުސޫލާ ޚިލާފު ކަމެކެވެ. އަދީބު އިންޑިއާގެ ހިމާޔަތަށް އެދިވަޑައިގެންފައިވަނީ ރާއްޖޭގައި އޭނާގެ ފުރާނަފުޅަށް ނުރައްކާ އޮތް ކަމަށް ވިދާޅުވެއެވެ. އަދީބަށް ރައްކާތެރިކަން ދިނުމަށް އިންޑިއާ ސަރުކާރަށް ވަކީލުންގެ ޓީމުން އެދިފައިވެއެވެ. ޙިމާޔަތަށް އެދިވަޑައިގެންފައިވާތީ އެމައްސަލަ އެމައްސަލަ ނިމެންދެން އޭނާއަށް ލިބިވަޑައިގަންނަވަން ޖެހޭ ހައްގުތައް ކަށަވަރުކޮށްދެއްވުމަށް އ.ދ. އަށް ވެސް ވަކީލުންގެ ޓީމުން ގޮވާލާފައިވެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.