އިންޑިއާގެ މައި ސަރުކާރުންނާއި ތަމިލްނާޑޫ ސަރުކާރުން ކުރީގެ ރައީސް އަހްމަދް އަދީބާ ސުވާލު ކުރަމުން އަންނަ ކަމަށް އޭނާގެ ވަކީލުންގެ ޓިމުން ހާމަކޮށްފިއެވެ.
ބަޔާނުގައި ބުނެފައިވާ ގޮތުގައި ޝަރީއަތަކާ ނުލައި އަޙްމަު އަދީބު އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާ ހަވާލުކޮށްފި ނަމަ އެކަން ވެގެން ދާނީ ގާނޫނާ ޚިލާފު ކަމަކަށެވެ. އެއީ ދިވެހިރާއްޖެއިން އޭނާޔާމެދު އިހާނެތިކޮށް އަމަލު ކޮށްފާނޭ ކަމުގެ ބިރު އޮތުމުންނެވެ.
އަދީބުގެ މައްޗަށް މީގެ ކުރިން ކޮށްފައިވާ ހުރިހައި ހުކުމެއް ސުޕްރީމް ކޯޓުން ބާތިލުކޮށްފައިވާ ކަމަށާއި އިތުރު ތަހުގީގަކަށްޓަކައި އަދީބަށް ބިރު ދައްކައިގެން ރާއްޖޭގެ ތަހުގީގީ އިދާރާތަކުންބަޔާން ނަގަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ވަކީލުންގެ ބަޔާނުގައި ބުނެފައި ވެއެވެ. އެކަމަކު ބިރު ދައްކަން މަސައްކަތް ކުރާނީ ކިހިނެއް އަދި ކޮން ސަބަބަކާ ހުރެ ކަމެއް ބުނެފައެއް ނެތެވެ.
އަދި އަދީބަށް މީގެ ކުރީން ށިއްޙީ ފަރުވާ ހޯުމުގެ ފުރުސަތު ފަހި ކޮށް ދިނީވެސް ކުރީގެ ސަރުކާރުގެ ބައެއް މީސްމީހުނާ ދެކޮޅަށް ޖިނާއީ މައްސަލަތަކެއްގައި ހެކިބަސް ދޭނޭ ކަމަށް އަދީބު ލައްވައި އެއްބަސްވުމެއްގައި ސޮއި ކުރުވައިގެން ކަމަށްވެސް ވަކީލުން ބުނެއެވެ. އެ އެއްބަސްވުމުގެ ކޮޕީއެއް ލިބިފައިވާ ކަމުގެ ޔަގީންކަން ވަކީލުން ވަނީ ދީފައެވެ.
އަދީބު ބަލައި މިހާރު ރާއްޖޭގެ ފުލުހުންގެ ޓީމެއް ޓެމިލްނާޑޫއަށް ދަތުރު ކުރަމުންދާ ކަމަށާއި ރާއްޖެއާ އަދީބުހަވާލުކޮށްފި ނަމަ އިންޑިއާއިން ހިފަހައްޓަމުން އައި ޑިމޮކްރެޓިކް ގާނޫނީ ހަމަތައް މުގުރޭނެ ކަމަށްވެސް މި ބަޔަނުގައި ބުނެފައި ވެއެވެ.
އަޙްމަދު އަދީބު އިންޑިއާއަށް ވަޑައިގަތީ އިންޑިއާގެ ޓަގު ބޯޓެއްގައި ފަޅުވެރިއަކަށް ހެދިވަޑައިގެންނެވެ. އެއީ ކިހިނެއް ވެގެން ކުރެއްވި ކަމެއް ކަމެއް އަދިވެސް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. އެމަނިކުފާނު ވަނީ މީގެ ކުރީން ދިވެހި ސަރުކާރުގެ ހުއްދައާއެކު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންފައެވެ.
އެ ދަތުރުފުޅުން އެނބުރި ވަޑައިގަތް ދުވަހު ވަރަށް އަސަރުހުރި ބަޔާނެއް ބެރުއްވިއެވެ. ތިމަންމަނިކުފާނަކީ ފިއްލަވައިގެން އެއްވެސް ތަނަކަށް ވަޑައިގަންނަވާނޭ ބޭފުޅެއް ނޫނީމޭ، ދިމާވާ ކޮންމެ ކަމަކާ ކުރިމަތި ލައްވަން ތައްޔާރަށް ހުންނެވީމޭ، ގައުމު ދެކެ އިންތިހާއަށް ލޯބިފުޅުވަމޭ ވިދާޅު ވެފައި ވެއެވެ.
މިހާރުވެސް އަދީބަށް ތާއީދު ކުރައްވާ ބޭފުޅުން ސޯޝަލް މީޑިއާގައި ވިދާޅު ވަމުން ގެންދަވަނީ އެމަނިކުފާނު ފިއްލެވީ ނޫން ކަމަށެވެ.
އަދީބު އިންޑިއާއަށް ވަޑައިގަތް ޓަގުބޯޓުގެ އޭޖެންޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބޯޓުގައި ހިމެނޭ 9 ފަޅުވެރިން ފޔަވައި އެހެން މީހަކު ބޯޓަކަށް ނާރައެވެ. އެ ކުންފުނިން ވަނީ ފަޅުވެރިންގެ ލިސްޓެއްވެސް އާއްމު ކޮށްފައެވެ.
ބައެއް މީޑިއާތަކުން ޚަބަރު ފަތުރާ ގޮތުގައި އެމަނިކުފާނު ވަޑައިގަތީ އަމިއްލަފުޅު ޕާސްޕޯޓާ އެކީގައެވެ.
މި ކަމާ ގުޅިގެން ފުލުހުން ނެރުނު ކުރު ބަޔާނެއް ފިޔަވައި އަދި ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް އެއްޗެކޭ ނުބުނެއެވެ.