އަދީބު ހިމާޔަތަށް އެދުނީ ފުރާނަޔަށް ނުރައްކާވާފަދަ ބަޔާންތަކުގައި ސޮއިކުރުވުމަށް ސަލާމަތީ ބާރުތަކުން މަޖުބޫރުކުރަމުންދާތި

ފޮޓޯ: ސޯޝަލްމީޑިއާ (@RKRadhakrishn)

ކުރީގެ ނައިބް ރައީސް އަހްމަދް އަދީބަށް އެސައިލަމް ދިނުމަށް އިންޑިއާ ސަރުކާރަށް އޭނާގެ ލޯޔަރުންގެ ޓީމުން ގޮވާލައިފިއެވެ. އިންޑިއާއިން އަދީބު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ މީޑިއާއިން ރިޕޯޓުކުރުމާއި ގުޅިގެން އޭނާގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އަދީބު އިންޑިއާގެ ހިމާޔަތަށް އެދުނީ އޭނާގެ ފުރާނައަށް ނުރައްކާ ވުމުންނެވެ. އަދީބު ހިމާޔަތަށް އެދިފައިވަނީ އޭނާގެ ބޮލުގައި ސިޔާސީ ބޮޑެތި ތުހުމަތު ތަކެއް އެޅުވުމާއި އަދި ދޮގު ބަޔާންތަކުގައި ސޮއި ކުރުމަށް ސަލާމަތީ ބާރުތަކުން އޭނާއަށް މަޖުބޫރުކުރަމުން ގެންދާ ކަމަށް ބުނެއެވެ.

2018ވަނަ އަހަރުގެ ފަހުކޮޅު އަދީބު ޖަލުން ގެއަށް ބަދަލުކުރެވުނު ކަމަށާއި އަދި މިއަހަރުގެ ކުރީކޮޅު ސުޕްރީމް ކޯޓުން އޭނާ މިނިވަންކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންނަމަވެސް އޭގެ ފަހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އެދިލެއްވުމަކަށް އޭނާ ގޭގައި ބަންދުކޮށްފައި ހުރި ކަމަށެވެ.

އަދި އެއާއެކު ކޮންމެހެން ލިބެންޖެހޭ ބޭސްފަރުވާ ލިބޭނީ އެއްބަސްވުމެއްގައި ސޮއި ކުރުމުން ކަމަށްބުނެ އަދީބު ލައްވައި އެއްބަސްވުމެއްގައި ސޮއި ކުރުވާފައިވާ ކަމަށް އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ. އަދި އެއީ ވަކީލުންގެ ޓީމުން ކަންބޮޑުވާ ކަމެއް ކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.

މިދުވަސްކޮޅު، އަދީބަށް އެކިކަހަލަ ސިޔާސީ ނުފޫޒު އޮތް ކަމަށާއި އެގޮތުން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން އޭނާ ލައްވައި ވަކި ބޮޑެތޮ ކުށްތަކަށް އިއުތިރާފުކުރުވައި ލިޔެކިޔުންތަކުގައި ސޮއިކުރުވުމަށް މަޖުބޫރުކުރަމުން ގެންދާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެފަދަ ލިޔެކިޔުންތަކުގައި ސޮއިކޮށްފިނަމަ އޭނާއާއި އޭނާގެ އާއިލާއަށް ނުރައްކާވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން މިނިވަންކަން ގެއްލި ސިޔާސީ ހައްގުތަކުން މަހްރޫމު ވުމުގެ ބޮރު އޮތްކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެއާއެކު ސިޔާސީ ނުފޫޒު އޮތް ޝަރުއީ ނިޒާމެއްގެ ޝިކާރައަކަށް ވެދާނެ ކަމަށެވެ. އެހެން ކަމުން ރައްކާތެރި ގައުމަކުން އޭނާ ހިމާޔަތަށް އެދިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު ގާތް ގުޅުމެއް އޮތް ނަމަވެސް އަދީބު އިންޑިއާގެ ހިމާޔަތަށް އެދިފައިވާތީ ގައުމީ އަދި ބައިނަލްއަގުވާމީ ގަވާއިދުތަކާއި ހަމަތަކަށް ރިއާޔަތްކޮށް އޭނާ ދިވެހިރާއްޖެއަށް އަނބުރައި ނުފޮނުވޭނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖެއިން އަދީބުގެ ފުރާނައަށް އޮތް ނުރައްކާ ފާހަގަކޮށް، އެސައިލަމްގެ ކަންތައް މުރާޖައާކޮށް ނިމެންދެން އެކަށީގެންވާ އުޞޫލެއްގެ ދަށުން އެނާއަށް ޙިމާޔަތް ދިނުމަށް އަދީބުގެ ވަކީލުންގެ ޓީމުން ގޮވާލާފައި ވެއެވެ.

އަދީބުގެ އެޕްލިކޭޝަން ރިވިއުކުރުމުގައި ބަޔާންކުރެވިފައިވާ ހުރިހާ ކަމަކަށް ރިއާޔަތް ކުރުމަށް އ.ދ. ގެ ހައިކޮމިޝަން ފޯ ރެފިއުޖީސް އަށް އޭނާގެ ވަކީލުންގެ ޓީމުންވަނީ ގޮވާލާފައެވެ. އެއާއެކު އޭނާއަށް ލިބެންޖެހޭ ހައްގުތައް ކަށަވަރުކޮށްދިނުމަށް އ.ދ. ގެ ހައިކޮމިޝަން ފޯ ހިއުމަން ރައިޓްސް އަށް ވެސް އޭނާގެ ލޯޔަރުންގެ ޓީމުން ވަނީ ގޮވާލާފައެވެ.

އަދީބު މިވަގުތު ހުރީ އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީގެ ބެލުމުގެ ދަށުގައި ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓުކުރެއެވެ.   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.