ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ހަމަލާގެ އިސްކޮށްއުޅުނު ޢަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވި ލަސްވަމުންދާ މައްސަލައިގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދޫﷲ އާ ސުވާލުކުރެއްވުމުގެ ކުރިން، އޭނާ ރާއްޖެއަށް ގެނެވޭނެކަމުގެ ޢިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ލުތުފީ ރާއްޖެއަށް ނުގެނެވިގެން އުޅޭ މައްސަލައިގައި މަޖިލީހުގެ ރައީސްގެ ޙައިޞސިއްޔަތުން ވަކިކަމެއް ކުރައްވަން ނިންމަވައިފައިވޭތޯ ނޫސްވެރިއަކު ދެންނެވުމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެމަނިކުފާނު އެ މައްސަލަ ބައްލަވައިފައި ވާކަމުގައެވެ.
އެ މައްސަލައިގައި ވާޒީރާ ކުރެއްވުމަށް މެމްބަރަކު ފޮނުވައިފައިވާ ސުވާލުގެ ނޯޓިސް ވަޒީރަށް އަރުވައިފައިވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ނޯޓިސް އެރުވުމަށްފަހު ދެ ހަފާތާ ވަޒީރަށް ދެއްވަންޖެހޭކަން ފާހަގަކުރައްވައި އެ އެމުއްދަތުގެ މާކުރިން ލުތުފީ ރާއްޖެ ގެނެވޭނެކަމަށް ދެކެވަޑައިގަންވަނާކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ލަންކާގައި ހުންނަ އެމްބަސީއަށް ލުތުފީ އަމިއްލައަށް ދިޔައީ ލަންކާގައި ބޮން ގޮއްވައި ޓެރަރިސްޓް ހަމާލާތައް ދިން ދުވަހުގެ ކުރީ ދުވަހު ކަމުގައެވެ. އެހެންކަމުން އެ ދުވަސް ވަރަކީ އެފަދަ ކަމެއްގައި ލަންކާ ސަރުކާރާއެކު ވާހަކަ ދެއްކުމަށް ވަރަށް އުދަނގޫ ދަނިޑިވަޅަކަށް ވެގެން ދިޔަކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
މީހަކު ރާއްޖެއިން ބޭރަށް ގޮސް ފިލީމާ އެމީހަކު އަނބުރައި ރާއްޖެ ގެނައުމަކީ، ދިވެހި ދައުލަތަށް ވަރަށް މަދުފަހަރެއްގައި ނޫނީ ނުކުރެވޭ ކަމެއްކަން ފާހަގަ ކުރައްވާ، އިބްރާހީމް ނާސިރު ރާއްޖެ ގެނައުމަށް ރައީސް މައުމޫން ކުރެއްވި މަސައްކަތްޕުޅު ނާކާމިބުވި ކަމާއި، އަދި އެ މަނިކުފާނު އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމުން އަނބުރާ ގެންނެވުމަށް ކުރީ ސަރުކާރުން ކުރެއްވި މަސައްކަތްތައް ވެސް ކާމިޔާބު ނުވިކަން ފާހަގަކުރެއްވިއެވެ.
"ސިލޯން ސަރުކާރާ އަދި އދ. އާވެސް ވާހަކަ ދައްކައިގެން އިރާދަކުރެއްވިއްޔާ ވީހާވެސް އަވަހަކަށް ހާޖަރާގެ ޢަބްދުﷲ ލުތުފީ ރާއްޖެ ގެނެވޭނެ، މިކަމަކީ ރާއްޖޭގެ ރައްޔިތުން ވަރަށް ކަންބޮޑުވާ ކަމެއް، ޢަބްދުﷲ ލުތުފީ ގުޅިފައި ހުރީ ދިވެހިންގެ ހިތްތަކުގައި ވަރަށް ވަރަށް ހިތާމަވެރި އެތައް ޙާދިސާއެއް ހިނގާދިޔަ ކަންކަމާ، ކިތަންމެ ބައެއްގެ މަރާ، އެތައް ބައެއްގެ ދައްޗާ، ކިތަންމެ ބައެއްގެ ބިރުވެރިކަމާއި އެތައް ތަކުލީފަކާ، އެހެންވީމާ ޢަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަކީ ކޮންމެ ސަރުކާރަކުން ވެސް ވަރަށް އިސްކަމެއް ދީގެން ކުރާނެކަމެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ޢަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.