މިސަރުކާރަށް ދެން ވެރިކަމަށް އާދެެވޭ ވަރަށް ވޯޓު ލިބުމަކީ ދުރުކަމެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި ގުޅިގެން ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ވެސް ބަދަލު ކުރެވެމުންދާ މި ދަނޑިވަޅުގައި ރައީސް ނަޝީދު ވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ މިހާރު އޮތް ކޯލިޝަނަށް ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
އެގޮތުން އެމަނިކުފާނުގެ ނަޒަރުގައި އެމްޑީޕީއަށް ރައްޔިތުންގެ ވޯޓްގެ 50 ޕަސެންޓް ހޯދުން ވަރަށް އުނދަގޫ ވާނެ ކަމަށާއި އެ މިންވަރަށް ތާއީދު ހޯދޭވަރަށް ވުރެ މާ ގިނަ ގޯސްތައް ހަދާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ގޯސްތައް އެއް ބަޔަކު ގަބޫލު ނުކުރާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
" ރައްޔިތުންގެ ވަރަށް ބޮޑު ތާއީދެއް އޮތް ކަމަށް މި ސަރުކާރަށް ހީވި ނަމަވެސް ރައްޔިތުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ. މިސަރުކާރަށް ދެން ވެރިކަމަށް އާދެވޭ ވަރަށް ވޯޓު ލިބުމަކީ ދުރުކަމެއް." އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަހަރަކީ ދައުލަތުގައި އޮތް ބޮޑު ދަރަނި ދައްކަންޖެހޭ އަހަރަށް ވާއިރު މިކަމާއި އެއްވެސް ވަރެއްގެ ސަމާލުކަމެއް ސަރުކާރުން ދޭތަނެއް ނުފެންނަ ކަމަށާއި ފެނިގެންދަނީ އަމިއްލަ މަސައްކަތްތައް ހިތުހުރި ގޮތަކަށް ކުރަމުންދާތަން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މަސްވެރިންނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާއަތަށް ވާއިރު، މިސިނާއަތާއި މެދުވެސް ސަރުކާރުން ވަރަށް އިހާނެތިކޮށް ކަންތައް ކުރަމުންދާކަމަށެވެ. އަދި ފެނިގެންދަނީ ވަރަށް ބޮޑަށް މަސްވެރިންނަށް އޮޅުވާލައި ކަންކަން ކުރާ މަންޒަރުކަމަށެވެ.