
ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރަށް ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް ގަހެއްގައި ޖެހި ދެމީހަކަށް އަނިޔާވެއްޖެއެވެ.
އެކާރު ގަހުގައި ޖެހުމުގެ ކުރިން ވަނީ ދުއްވާފައިދިޔަ ސައިކަލެއްގައި ޖެހިފައެވެ. މިޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 2:50 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެކްސިޑެންޓުގައި އަނިޔާވީ ކާރު ދުއްވި ފިރިހެން މީހާއި ސައިކަލް ދުއްވި އަންހެނަކަށެވެ. އެދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އޭގެ ތެރެއިން ފިރިހެން މީހާއަށް ވަނީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައެވެ. އަންހެން މީހާގެ ބޭރުފުށުން މާބޮޑު އަނިޔާއެއް ފެންނަންނެތްކަމާއި އޭނާ މިހާރުވަނީ އޮބްޒަރވޭޝަނުގައި ބާއްވާފައި ކަމަށް ވެސް ހޮސްޕިޓަލާ ޙަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.