
އައްޑޫސިޓީ ގައުކެނޑި ބްރިޖު ކައިރީގައި ދާދި ދެންމެއަކު ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.
މިހާރު ހިތާދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ އެމީހާގެ ވާތާއި ފައިވަނީ ބިނދިފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ހޮސްޕިޓަލުން ވިދާޅުވީ އަތާއި ފައި ބިނދިފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ. އެހެންނަމަވެސް އެކަމާބެހޭ ތަފްސީލް ދެވޭނީ އެކްސްރޭ ނަގައި ބެލުމަށްފަހު ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. މިހާރު ގެންދަނީ އެކްސްރޭ ނެގުމަށް މަސައްކަތް ކުރަމުންނެވެ.
އެކްސިޑެންޓުގެ މަންޒަރުދުށް ކަމަށް ބުނާ ބައެއް މީހުން ބުނެފައިވަނީ އެ އަންހެން މީހާއަށް ވަރަށްބޮޑަށް އަނިޔާވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެކްސިޑެންޓު ހިނގީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން އަންހެން މީހާއަށެވެ. އޭނާއާ ބެހޭ އިތުރު މަޢުލޫމާތެއް އަދި ނުލިބެއެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.