އިދިކޮޅު ލީޑުކުރުމާ ބެހޭގޮތުން މިދަނީ ރައީސް ޔާމީނާ މަޝްވަރާކުރަމުން: ޢުމަރު

އިދިކޮޅު ޕީޕީއެމްއާއެކު މަސައްކަތް ކުރުމަށްޓަކައި އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު ޢުމަރު ނަސީރު އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ޔާމީނާ މަޝްވަރާ ކުރައްވަނީ ރާއްޖޭގައި ވަރުގަދަ އިދިކޮޅެއް ނެތުމުން އިދިކޮޅު ވަރުގަދަ ކުރުމަށެވެ.

"ޒިންމާދާރު ވަރުގަދަ އޮޕޮސިޝަނެއްނެތި ސަރުކާރު ޒިންމާދާރު ކުރަން ފަސޭހައެއްނުވާނެ. އެހެންވީމާ އިދިކޮޅު ވަރުގަދަކޮށް ލީޑު ކުރުމުގެ މަޝްވަރާތައް ރައީސް ޔާމީނާއެކު ކުރިއަށް ދަނީ،" ޢުމަރު ވިދާޅުވިއެވެ.

މަޝްވަރާތަކުން މިހާތަނަށް އަދި ވަކި ގޮތެއް ނިމިފައެއް ނުވެއެވެ. ޢުމަރު ނަސީރުގެ އިތުރަށް ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވެސް ޕީޕީއެމާ ގުޅިވަޑައިގެންނެވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައިފައިވާ ކަމަށް މިއަދު ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ނިމިދިޔަ މަޖިލީސް އިންތިޚާބުގައި ޢުމަރު ވަނީ ޕީޕީއެމް ޕީއެންސީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރައްވައިފައެވެ. ޢުމަރު ތާއީދު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ބަލިކުރެވިދާނެ ކަމަށް ބެލެވުނު ކެންޑިޑޭޓުންނަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.